ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު ހުށަހެޅުއްވުމުގެ ކުރިން މުޙަންމަދު ވަޙީދުއްދީނަކީ، ބަނޑޮސް އައިލެންޑް ރިޒޯޓުގެ އެމް.ޑީ. އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމާ ޙަވާލުވެވަޑައިގެން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެށްޓެވީ، 25 އެޕްރީލް 2012 ގައެވެ.

 
ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހޭ، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ހިމެނިވަޑައިނުގަންނަވާ ޑީން، ރައްޔިތުންނާއި ޤައުމަށް ޚިދްމަތް ކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމު ގަބޫލުފުޅު ކުރެއްވީ، ދައުލަތަށާއި ސަރުކާރަށް ދިމާވެފައިވާ ތަފާތު އިދާރީ ބޮޑެތި ގޮންޖެހުންތަކާ އެކުގައެވެ. ކޮންމެ ފަރުދެއްގެ ދިރިއުޅުން ތަނަވަސްކުރުމަށް އޮތް ވިސްނުމުގެ މައްޗަށް ބިނާކޮށް، ރައީސް ވަޙީދާ އެއްވިސްނުންފުޅެއްގައި ޑީން ސަރުކާރާ ގުޅިވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ސަރުކާރަށާއި ދައުލަތަށް ދިމާވެފައިވާ ގޮންޖެހުންތައް ގިރާކުރުމަށް އެހީތެރިވެވަޑައިގެން ޙައްލު ހޯއްދަވައިދެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ.
 
ފަތުރުވެރިކަމުގެ ދާއިރާގައި ޑީން 40 އެތައް އަހަރަކު ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފް ކުރެއްވުމުގައިވެސް އިސް ރޯލެއް ޑީން އަދާކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ ވަރަށްގިނަ މަޤާމުތަކެއް، ވޭތުވެދިޔަ ސަރުކާރުތަކުގައި ވަނީ ފުރުއްވާފައެވެ. އަދި ޚާއްޞަކޮށް، ވަޒީރެއްގެ ގޮތުގައިވެސް ވަނީ އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައެވެ. ހިޔުމަން ރައްޓިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރެއްގެ މަޤާމު 10 ޑިސެމްބަރ 2003 އިން 13 ޖުލައި 2005 އަށް އަދާކުރެއްވިއެވެ. އަދި މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ މަޤާމު 14 ޖުލައި 2005 އިން 2007ގެ ޖޫންމަހާ ހަމައަށް އަދި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމު ޖޫން 2007 އިން 8 އޯގަސްޓް 2008 އަށް އަދާކުރެއްވިއެވެ.
 
މުޙަންމަދު ވަޙީދުއްދީން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން، މޯލްޑިވްސް ޓުއަރިޒަމް އެޑްވައިޒަރީ ބޯޑާއި، މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑާއި، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ އަދި ސްޕޯޓްސް ޓުއަރިޒަމް ކޮމިޓީގެ އެގްޒެކެޓިވް މެންބަރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޙައިޘިއްޔަތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ރައީސްކަމާއި، ކްރައިމް ރިޑަކްޝަން ކޯޑިނޭޝަން ކޮމިޓީއާއި، ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލާއި، ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރުމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއާއި އަދި އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީއާއި، ގައުމީ ފުޑް އެންޑް ނިއުޓްރިޝަން ކައުންސިލްގެ ރައީސްކަންވެސް ދަނީ އަދާކުރައްވަމުންނެވެ. އަދި ކްރައިމް ޕްރިވެންޝަން ޓާސްކްފޯހާއި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައިވެސް އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.
 
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ބަޔަކު ދިން ޢުދުވާނީ ޙަމަލާއަށްފަހު، ދިވެހި ޤައުމަށް ކުރެއްވި ޚިދްމަތްތަކުގެ އަގު ވަޒަންކޮށް، އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ދިވެހި ސަރުކާރުން ޑީންއަށް ދެއްވާފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދްމަތްތަކެއް ކުރައްވާފައިވާތީ، 1993 ވަނަ އަހަރުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް ކުރެއްވި ޚިދްމަތަށް 1997 ގައި ޤައުމީ އިނާމު، އަދި 2010 ގައި މުޖްތަމަޢަށް ކޮށްދެއްވާ ޚިދްމަތަށް ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
 
މުޙަންމަދު ވަޙީދުއްދީންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި ކުޅިވަރުގެ ރޮނގުން އަދި އުފާވެރި ތަނަވަސް ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް އެހީތެރިކަން ބޭނުންވާ ފަރުދުންނަށް އެހީތެރިކަން ފޯރުވައިދިނުމުގައިވެސް ގިނަ ފަރާތްތަކަކަށް އެހީތެރިކަން ފޯރުވައިދެއްވާފައިވެއެވެ. ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެރޮނގުން ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
 
ވަޙީދުއްދީން ހޮބީގެ ގޮތުގައިވެސް ވަރަށް ތަފާތު ކަންތައްތަކެއް ކުރައްވާފައިވެއެވެ. މިގޮތުން، އޭޝިއަން ބޮޑީ ބިލްޑިންގ ފެޑަރޭޝަން (ABBF) އާއި، ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއަރމަން އަދި ފައުންޑަރ މެންބަރ، ދިވެހިރާއްޖޭގެ ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ނައިބު ރައީސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ އެގްޒެކެޓިވް ބޯޑު މެންބަރު، ބޮޑީ ބިލްޑިންގ ފެޑެރޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަދި ފައުންޑަރ މެންބަރ، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ރައީސް އަދި ފައުންޑަރ މެންބަރ، ލިވް އެންޑް ލާރން އެންވަޔަރަންމަންޓް އެޑިޔުކޭޝަންގެ ޓްރަސްޓީގެ މަޤާމު ފުރުއްވާފައިވެއެވެ.
 
ޑީން ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ އެންމެ މުހިންމު އަސާސީ ބޭނުމަކީ ރަނގަޅު ތަޢުލީމެއް ލިބުމެވެ. މިގޮތުން، އަމިއްލަ ފަރުދުންނަށް ތަޢުލީމް އުނގަންނައިދީ، އިޤްތިޞާދީ ގޮތުން އަމިއްލަ ފަރުދުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމަށްޓަކައި ބަނޑޮސް އައިލެންޑް ރިޒޯޓްގައި [އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް] (އައި.ޖީ.ޑީ) އުފައްދަވާފައިވެއެވެ. މިއިންސްޓިޓިއުޓަކީ އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ތަމްރީނު ކުރެއްވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ތަނެކެވެ. އަދި މިތަނަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ، ކައުންސިލަރުން ތަމްރީނުކުރާ ހަމައެކަނި ތަނެވެ. މީގެއިތުރުން، ރާއްޖޭގެ ހުނަރުވެރި ޒުވާނުންނަށް ފެއްޓެވި [ޔޫތު ޕާލިމަންޓް]އާއެކު އައި.ޖީ.ޑީ.އިން ރާއްޖޭގެ ޒުވާނުންނަށް ޔޫތު ލީޑަރޝިޕް ޕްރޮގްރާމްތައްވެސް ހިންގަވައެވެ.
 
ދިވެހިންނަކީ ކުޑަކުޑަ ޖަޒީރާ ޤައުމެއްގެ ރައްޔިތުންނަށްވެފައި، ޑިމޮކްރަސީގެ އެންމެ ޅަފަތުގައިވީ ނަމަވެސް، ޑީން ދެކިވަޑައިގަންނަވާ ގޮތުގައި، ދިވެހިންގެ ވިސްނުމުގައި ދިވެހިން އަބަދުވެސް ޤަބޫލުކުރަނީ ކަންކަން ކާމިޔާބު ކުރުމުގައި ވަކިވަކި ފަރުދުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި، ހުރިހާ ކަމެއް ވީ އެންމެ ފުރިހަމައަށް ކުރުމަކީ ދިވެހިންގެ ކާމިޔާބީގެ އަސާސް ކަމަށެވެ. އަދި ޑީން ދެކެވަޑައިގަންނަވާ ގޮތުގައި، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އަދި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އިޤްތިޞާދީ ގޮތުން ފަރުދުން ކުރިއެރުވުމަށް މަގުތައް ކޮށައިދިނުމުގެ ވަގުތަކީ މިއީ ކަމެވެ.
 
ޤައުމުގައި މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ކުޑަކުރުމުގެ ގޮތުން އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމުގައި ޑީން ގަބޫލުފުޅު ކުރައްވަނީ، ޢާންމު ފަރުދުންނަށާއި ވިޔަފާރިވެރިންނަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ރާއްޖެއަށް ޓެކްސްގެ އާ ނިޒާމެއް ތަޢާރުފް ކުރުންފަދަ ބަދަލުތައް ގެނައުން ކަމުގައެވެ. ޓެކްސް ނެގުމާމެދު ޢާންމުންގެ މެދުގައި އުފެދޭ ނުތަނަވަސްކަން ކުޑަކުރުމާއި، ޓެކްސް ނެގުމުގެ ފައިދާއާ ބެހޭގޮތުން ޢާންމު ފަރުދުންނާއި މުޖްތަމަޢު ހޭލުންތެރިކުރުވުމަކީ، މިފަދަ އިޤްތިޞާދީ ބަދަލުތައް ގެނައުމުގައި އެންމެ އިސްކަންދޭންޖެހޭ ކަމެއް ކަމުގައި ގަބޫލުފުޅު ކުރައްވައެވެ.
 
ޑީން ދެކެވަޑައިގަންނަވާ ގޮތުގައި، އިޤްތިޞާދީ ގޮތުން މީހުން ބާރުވެރިކުރުވުމުގެ އަސާސަކީ، ރައްޔިތުންގެ ޙައްޤުތައް ދެނެގަތުމާއި، ތަރައްޤީގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލު ކުރުމެވެ. މިގޮތުން އިޤްތިޞާދު ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ޞިއްޙީ، ތަޢުލީމީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކުރިއެރުވުންފަދަ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރުމެވެ. އަދި މިވަގުތަކީ ވަކި ސިޔާސީ ފިކުރަކަށް ނުބަލައި، އެންމެން އެކުއެކީ މަސައްކަތް ކުރަންވީ ވަގުތެއް ކަމަށް ޑީން ދެކިވަޑައިގެން، އެކަމަށް ބާރުއަޅުއްވައި، މާލީގޮތުން ފުދުންތެރި އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް އެއްބައިވަންތަ ކުޅަދާނަ މުޖްތަމަޢެއް ފޯރުވައިދިނުމަށް އެދިވަޑައިގަންނަވައެވެ. މިގޮތުން، ސަރުކާރުގެ ޙައިޘިއްޔަތުން ސަރުކާރުގެ އެންމެންވެސް ދިވެހިންގެ ތަޢުލީމު ކުރިއުރުވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ޑީން ދެކިވަޑައިގަންނަވައެވެ.
 
އެކަކު އަނެކަކުގެ ފުރާނައަށް އިޙްތިރާމް ކުރުމަށް ބާރުއަޅައި، އިޖްތިމާޢީ ޢަދާލަތު ހޯދައިދީގެން އަމަންއަމާންކަމާއި ފުދުންތެރިކަން، މުޖްތަމަޢުގެ ހަމަޖެހުން އަދި މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޑީން ޤަބޫލުފުޅު ކުރައްވައެވެ.
 
ޑީންއަކީ ޤައުމާއި ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި ދެމިހުންނަވާ، ރައްޔިތުންގެ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީން، ދިވެހި ރައްޔިތުންނަށް ޞުލްޙައާއި އަމާންކަމާއި، އަދި އިޤްތިޞާދީ ބާރުވެރިކަމުގެ ތެރެއިން ފުރިހަމަ ދިމިޤްރާޠީއާއި ކާމިޔާބީ އެދިވަޑައިގަންނަވައެވެ.