(2 ސެޕްޓެމްބަރ 1926 – 22 ނޮވެމްބަރ 2008)

 
ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރަކީ ވޭލާނާގޭ މުޙަންމަދު ދީދީގެ އަޙްމަދު ދީދީގެ ބޭފުޅެކެވެ. މަންމާފުޅަކީ ޢާއިޝަތު މޫސާ ދީދީއެވެ. މިއީ ފުވައްމުލަކު ބޭފުޅެކެވެ. އިބްރާހިމް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (23 ޞަފަރު 1345) ވީ ބުރާސްފަތި ދުވަހުއެވެ.
  
އިބްރާހިމް ނާޞިރަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 12 ޑިސމެމްބަރ 1957ގައެވެ. އަދި، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ރައީސްކަމާ ހަވާލުވެވަޑައިގަތީ 11 ނޮވެމްބަރ 1968ގައެވެ. މި މަޤާމުގައި 10އަހަރު ދުވަސްވަންދެން ހުންނެވުމަށްފަހު އެމަޤާމުން 11 ނޮވެމްބަރ 1978ގައި އިސްތިޢުފާ ދެއްވުމަށްފަހު  ރާއްޖެ ދޫކުރައްވައި ވަޑައިގެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، ސިންގަޕޫރުގައެވެ.
  
ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރަކީ، ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމުގަޔާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. 26 ޖުލައި 1965 ގައި އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވިއެވެ. އެ މިނިވަންކަމުގެ އެއްބަސްވުމުގައި އިނގިރޭސި ސަރުކާރާއެކު ސޮއިކުރެއްވީ އެމަނިކުފާނެވެ. އައްޑުއަތޮޅު ގަމުގައި ހިންގަމުން ގެންދިޔަ އިނގިރޭސިންގެ ޢަސްކަރީ ބޭސް ހިންގުން ނިމުމަކަށް ގެންނެވީވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވީވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ. އަދި ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެށްޓެވީވެސް އެމަނިކުފާނެވެ.
  
އަލްމަރްޙޫމް އިބްރާހީމް ނާޞިރު ތިންބޭފުޅަކާ ކައިވަނިބައްލަވައިގެންނެވިއެވެ. އެބޭފުޅުންނަކީ، ސޯސަންގޭ ތުއްތުދޮންގޮމާ އާއި، އަލްފާޟިލާ މަރިޔަމް ސަޢީދާއި، އަލްފާޟިލާ ނަސީމާ މުޙަންމަދު ކަލޭފާނެވެ. އިބްރާހީމް ނާޞިރަށް ލިބިވަޑައިގަތީ ފަސް ބޭފުޅުންނެވެ. އެބޭފުޅުންނަކީ ސޯސަންގޭ ތުއްތު ދޮންގޮމާ ނުވަތަ ޢާއިޝަތު ޒުބައިރަށް ލިބިވަޑައިގެންނެވި އަޙްމަދު ނާޞިރާއި، މަރިޔަމް ސަޢީދަށް ލިބިވަޑައިގެންނެވި މުޙަންމަދު ނާޞިރާއި ޢަލީ ނާޞިރާއި، ނަސީމާ މުޙަންމަދު ކަލޭގެފާނަށް ލިބިވަޑައިގެންނެވި އިސްމާޢީލް ނާޞިރާއި ޢާއިޝަތު ނާޞިރެވެ. މިބޭފުޅުންގެ ތެރެއިން މުޙަންމަދު ނާޞިރާއި، ޢަލީ ނާޞިރު ފިޔަވައި އެހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.