1.         ދިވެހިރާއްޖޭގެ ތަޢުލީމުގެ ސިޔާސަތު ކަނޑައަޅައި، ދިވެހިރާއްޖޭގެ މަދުރަސީ ތަޢުލީމާއި ނުރަސްމީ ތަޢުލީމުގެ ސިޔާސަތުތައް ތަންފީޒުކުރުން.

2.         ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ތަންފީޒުކުރުން.

3.         ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި، އެކަށީގެންވާ ވަޞީލަތްތަކާއި ފުރުޞަތުތަކާއެކު ހިލޭ މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުން.

4.         ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި، ރަސްމީ ތަޢުލީމާއި ނުރަސްމީ ތަޢުލީމުގެ ފުރުޞަތުތައް ލިބިދެވޭކަން ކަށަވަރުކުރުން.

5.         ސަރުކާރުގެ ސްކޫލްތައް ގާއިމުކޮށް ހިންގުން.

6.         ރައްކާތެރި އަދި އަމާން މާޙައުލެއް ސްކޫލްތަކުގައި ގާއިމުކޮށްދީ، އަމާން މާޙައުލެއްގައި ތަޢުލީމު ހާސިލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުން.

7.         ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން، ކިޔަވައިދޭ ތަންތަން (ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަން) ރަޖިސްޓްރީކުރުމާއި، އެ ތަންތަން ހިނގާ ނުހިނގާ ގޮތް ބެލުން.

8.         ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަނުގެ ފެންވަރު ބެލުމާއި، އެތަންތަނުންދޭ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

9.         ތަޢުލީމާބެހޭ ޤާނޫނުގައި ބަޔާންކުރާ ތަޢުލީމުދިނުމުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މަދުރަސީ ތަޢުލީމުގެ ހުރިހާ މަރުޙަލާތަކެއް ޝާމިލުވާގޮތަށް ޤައުމީ މަންހަޖު އެކުލަވާލައި އާންމުކޮށް ޝާއިޢުކުރުން.

10.    ކާރިސާތަކާބެހޭ މަޢުލޫމާތާއި، ކާރިސީ ހިރާސް ކުޑަކުރުމާއި، ކާރިސާތަކުން ރައްކާތެރިވެ ތައްޔާރުވެ ތިބުމުގެ މަފްހޫމް ސްކޫލްތަކުގެ މަންހަޖުގައި ހިމެނުން.

11.    މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ޒަމާނީ ޓެކްނޯލޮޖީއާއި މަސައްކަތްތެރިކަމާއި ހުނަރު ދަސްކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

12.    ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ސްކޫލުތަކުގައި ގާއިމުކުރުން.

13.    ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ، އަދި އެ ކުދިންނަށް ހަމަހަމަ ފުރުޞަތު ލިބިދޭ ތަޢުލީމީ ނިޒާމަކަށް ހެދުމާއި، އެކަން ކަށަވަރުކުރުން.

14.    މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަސް ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖައްސައި، އެކަން ކަށަވަރުކުރުން.

15.    ދިވެހި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ސްކޫލުތަކުގައި ތަފާތު ހަރަކާތްތައް ހިންގުން.

16.    މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ސިވިކް އެޑިޔުކޭޝަން ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

17.    ސްކޫލް ކުދިންނަށް އިމްތިޙާނު ދިނުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް ވިލަރެސްކުރުން.

18.    ސްކޫލްތަކުގެ އެކި މަރުޙަލާތަކުގައި ކިޔަވައިދޭ މާއްދާތައް އިމްތިޙާނުކޮށް ވަޒަންކުރުމުގެ ގޮތުން، އާންމު އިމްތިޙާނުތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ އިމްތިޙާނުތައް ބާއްވާނެ ނިޒާމެއް ގާއިމުކުރުން.

19.    ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ސްކޫލުތަކުން ކިޔަވައިދިނުމުގެ އިތުރު ހަރަކާތްތައް ހިންގާކަން ކަށަވަރުކުރުން.

20.    ޤައުމީ މަންހަޖުގެ މަޤުޞަދުތައް ހާސިލުކުރުމަށްޓަކައި ސްކޫލުތައް ފިޔަވައި އެހެނިހެން ފަރާތްތަކުން ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުން.

21.    ސްކޫލްތަކުގައި ހިންގާ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ އިޖުތިމާއީ، ރޫޙާނީ އަދި ޖަޒުބާތީ ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާގޮތަށް ތައްޔާރުކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުން.

22.    ހަށިހެޔޮކަމާއި، ދުޅަހެޔޮކަމާއި، ކުޅިވަރުގެ ހުނަރު ދަސްކޮށްދޭ ނިޒާމެއް ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަނުގައި ތަރައްޤީކޮށް، ދަރިވަރުންނަށް ހަމަހަމަ ގޮތެއްގައި އެކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން.

23.    ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި ބޭރުގެ ޤައުމުތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.

24.    ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާ ގުޅިގެން ހިންގާ ސްކޫލް ފެންވަރުގެ ތަޢުލީމީ ޕްރޮގްރާމުތައް ވިލަރެސްކުރުން.

25.    ތަޢުލީމު ދިނުމުގައި ބައިވެރިވާން އެދޭ އަމިއްލަ ފަރާތްތަކަށް ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް ފުރުޞަތު ދިނުން.

26.    ފަށާ ތަޢުލީމާއި، މެދު މަދަރުސީ ތަޢުލީމު ހާސިލުކުރުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

27.    ގަވާއިދުން ކުދިން ސްކޫލަށް ހާޒިރުވުމަށް ބާރުއެޅުމާއި، ތަޢުލީމު ފުރިހަމަނުކޮށް ސްކޫލުން ވަކިވާ ކުދިންގެ އަދަދު މަދުކުރުމަށްޓަކައި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ އެ ކުދިން ސްކޫލަށް ގެންދާނެ ނިޒާމެއް އެކުލަވާއިލުން.

28.    ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތާއި ސްޓޭޝަނަރީޒްފަދަ ތަކެތި ހަމަހަމަ ގޮތެއްގައި ހިލޭ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

29.    ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން، މުދައްރިސުން ރަޖިސްޓަރީކޮށް، މުދައްރިސުންނަށް ލައިސަންސް ދިނުން.

30.    ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި އެހެނިހެން ފަންނީ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

31.    ކުރިއަށް އޮންނަ ދިރާސީ އަހަރުގެ ތަޢުލީމީ ކަލަންޑަރު ކަނޑައެޅުން.

32.    އުނގެނުމުގެ މުހިންމުކަމާއި ތަޢުލީމީ ސިޔާސަތުތަކަށް ބެލެނިވެރިންނާއި ރައްޔިތުން ހޭލުންތެރިކުރުވައި، ތަޢުލީމީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި ރައްޔިތުންގެ ބައިވެރިކުރުވުން އިތުރުކުރުމަށް މަސައްކަތްކުރުން.

33.    މަދުރަސީ ތަޢުލީމާއި، ނުރަސްމީ ތަޢުލީމާއި، ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ އެކިއެކި ކަންކަމަށް އެހީވުމަށް އުފައްދާފައިވާ ތަޢުލީމީ ފަންޑުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

34.    ތަޢުލީމާބެހޭ ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމާއި، ސަރުކާރުން ހިންގާ ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކުގެ ވަޞީލަތްތަކާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި، ސްކޫލް ނިންމާ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

35.    ތަޢުލީމީ ދާއިރާގެ އަހަރީ ތަފާސްހިސާބު މިނިސްޓްރީން އާންމުކޮށް ޝާއިޢުކުރުން.

36.    ތަޢުލީމީ ދާއިރާގެ ތަފާސްހިސާބާއި މަޢުލޫމާތު ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، ދިރާސާވެރިންނަށާއި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ ތަޢުލީމީ ދާއިރާގެ ތަފާސްހިސާބާއި މަޢުލޫމާތު ފޯރުކޮށްދިނުން.

37.    މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

38.    ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން ސްކޫލްތަކުން އެކުލަވައިލަންޖެހޭ ގަވާއިދުތަކުގައި ހިމަނަންޖެހޭ މައިގަނޑު ކަންކަން ބަޔާންކުރާ އުސޫލު އެކުލަވައިލައި އާންމުކުރުމާއި، ސްކޫލުތަކުން އެކުލަވައިލަންޖެހޭ ގަވާއިދުތައް އެ ސްކޫލުތަކުން އެކުލަވައިލައި، އެކަންކަން ސްކޫލުތަކުގައި ހިންގާކަން ކަށަވަރުކުރުން.

39.    ސްކޫލުތަކަކީ ކާރިސާތަކުން ރައްކާތެރި ތަނެއްކަމުގައި ހެދުމަށްޓަކައި ކަމާބެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިންގުން.

40.    ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

41.    މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މަސައްކަތްތަކާއި ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުންނެވެ.

(ހ) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

(ށ) ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

(ނ) ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް

(ރ) ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

(ބ) ސަރުކާރުގެ ސްކޫލްތައް

(ހ) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ މަސައްކަތްތައް 

1.      ދިވެހިރާއްޖޭގެ އާންމު އިމްތިޙާނުތައް ކުރުމާއި، އެފަދަ އިމްތިޙާންތަކާ ގުޅިގެން ދޭންޖެހޭ ސަނަދު ދިނުން. (އާންމު އިމްތިޙާނުތައް ކަމުގައި ބުނެފައިވަނީ، ފަންނީ އިމްތިޙާނުތައް ފިޔަވައި، ކަނޑައެޅި އިޢުލާނު ކުރެވިފައިވާ މުގައްރަރަކާ އެއްގޮތްވާ ގޮތުގެ މަތިން، ޤައުމީ ފެންވަރުގައި ބާއްވާ އިމްތިޙާނު ތަކަށެވެ).

2.      ސްކޫލްތަކުގެ އެކި މަރުޙަލާތަކުގައި ކިޔަވައިދޭ މާއްދާތައް އިމްތިޙާނުކޮށް ވަޒަންކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގެ އިމްތިޙާނުތަކާބެހޭ އެންމެހައި ކަންކަން ބަލަހައްޓައި، އިމްތިޙާނުތައް ބޭއްވުމުގެ އެންމެހައި ކަންކަން އިންތިޒާމުކޮށް ވިލަރެސްކުރުން.

3.      1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކާބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުން.

4.      1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތައް ބޭއްވުމުގެ އެންމެހައި އިމްތިޙާނުތަކާގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދައި، އާންމުކުރަންޖެހޭ މަޢުލޫމާތު އާންމުކުރުން.

5.      1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކުގެ ނަތީޖާތަކުގެ މަޢުލޫމާތުތައް ވަޒަންކޮށް އާންމުކުރުން.

6.      އެކިއެކި އިމްތިޙާނުތަކުގެ ސަނަދު ތަރުޖަމާކޮށްދިނުމާއި، އެފަދަ ސަނަދުތައް އަސްލާ އެއްގޮތްތޯ ބަލައި، އެކަމާގުޅޭ މަސައްކަތްކުރުން.

(ށ) ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މަސައްކަތްތައް

1.      ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރުން.

2.      ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ލަފާ ދިނުން.

3.      ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ޒަމާނާ އެއްގޮތަށް ޤައުމީ މަންހަޖު އެކަށައެޅުން.

4.      ޤައުމީ މަންހަޖު ތަންފީޒުކުރެވޭ މިންވަރު ވަޒަންކުރުމާއި، ޒަމާނާ އެއްގޮތަށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

5.      ޤައުމީ މަންހަޖުގައިވާގޮތުގެ މަތިން ސްކޫލުތަކުގައި ކިޔަވައިދޭނެ މުޤައްރަރު އެކަށައެޅުމާއި، ކިޔަވައިދޭ ފޮތް އެކުލަވާލުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

6.      ޤައުމީ މަންހަޖުގައި ކިޔަވައިދިނުމަށް ބޭނުންވާ ވޮކޭޝަނަލް އަދި ޓެކްނިކަލް އެޑިޔުކޭޝަނުގެ މުގައްރަރު އެކުލަވައިލުމާއި، އެ މުޤައްރަރު ތަންފީޒުކުރުމަށް ސްކޫލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

7.      ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭކަމަށް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ތަރުބަވީ ސިފަތަކާއި ހުނަރުތަކާއި އަޚުލާޤު ދަރިވަރުންނަށް ފޯރުކޮށްދޭނެ ފަންނީ ޤާބިލުކަން ސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

8.      ރަށްރަށުގެ ހާލަތަށާއި ކުދިންގެ އާބާދީއަށް ރިއާޔަތްކޮށްގެން ތަޢުލީމު ދޭނެ ތަފާތު ގޮތްތައް (މަލްޓިގްރޭޑް ޓީޗިންގފަދަ) ތަޢާރުފުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމާއި، އެ އޮނިގަނޑު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

9.      ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތާއި ތަރައްޤީއަށް ބޭނުންވާ ތަމްރީނުދިނުމާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގާނެ ޤާބިލުކަން ސްކޫލުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

10. ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސްކޫލްތަކުގެ ލީޑަރޝިޕާއި ކިޔަވައިދިނުން ހަރުދަނާކުރުމަށް ބޭނުންވާ ޢިލްމީ ކޯސްތަކާއި ފަންނީ ކޯސްތައް ރާވައި ހިންގުން.

11. ދާއިމީގޮތެއްގައި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުގެ ނިޒާމު އިންތިޒާމުކޮށް ހިންގުން.

12. އުނގެނުމާއި އުނގަންނައިދިނުމުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ.) ބޭނުންކުރުމުގެ ޤާބިލުކަން ސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

13. ކޮމިއުނިޓީ އެޑިޔުކޭޝަނާއި ކޮންޓިނިއުއިންގ އެޑިޔުކޭޝަނުގެ ފުރުޞަތުތައް އާންމުކުރުން.

 

(ނ) ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް

1.      ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަން ހިންގަނީ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށްޓަކައި، އެ ތަންތަން ގަވާއިދުން ބަލައި ފާސްކޮށް، ކަންކަން އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.      ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަން މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ ނިޒާމީ ފެންވަރެއްގައި ބެލުން.

3.      ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަނުން ތަޢުލީމު ފޯރުކޮށްދޭ ފެންވަރު ބަލައި މިންކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކަށައަޅައި އާންމުކުރުން.

4.      ތަޢުލީމީ ދާއިރާގެ އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމާ ގުޅުން ހުރި މަސައްކަތްތައް ހިނގަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

5.      ރާއްޖޭގެ މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، އެ ދިރާސާތަކުގެ ހޯދުންތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

 

(ރ) ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ މަސައްކަތްތައް

1.      ޤައުމީ މަންހަޖާ އެއްގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގުރާމުތައް ފަރުމާކޮށް، ރާވާއި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުން.

2.      ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުޞަތުތައް ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަންގެ މިންގަނޑުތަކާއި އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ގާއިމުކުރުން.

3.      'އާރލީ އިންކްލޫޝަން' އަދި 'އާރލީ އިންޓަވެންޝަން' ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ 'ރެފަރަލް' ނިޒާމެއް ގާއިމުކުރުމާއި، އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުން.

4.      އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިނގާގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދިނުން.

5.      އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީނުކުރުމާއި، މި ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީ ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.

6.      ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުން.

7.      ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ސަގާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

8.      އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.

(ބ) ސަރުކާރުގެ ސްކޫލްތަކުގެ މަސައްކަތްތައް

1.      މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ޤައުމީ މަންހަޖާ އެއްގޮތަށް ދަރިވަރުންނަށް އުގަންނައިދިނުމާއި ދަރިވަރުން ތަރުބިއްޔަތު ކުރުން.

2.      ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލުކުރުމުގައި ބެލެނިވެރިންނާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުން.

3.      ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ކިޔަވައިދިނުމުގެ އިތުރުން، އެ ސްކޫލެއްގައި އުނގެނޭ ދަރިވަރުންގެ ޢުމުރާގުޅޭ ކުޅިވަރުގެ ހަރަކާތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ތިމާވެށްޓާ ގުޅުންހުރި ހަރަކާތްތައް އަދި ދީނީ ހަރަކާތްތައް ރާވައި ހިންގުން.

4.      ދަރިވަރުންގެ ޞިއްޙީ މަޢުލޫމާތު ބަލަހައްޓާނެ ނިޒާމެއްގެ ގާއިމުކޮށް، އެ މަޢުލޫމާތު ބަލަހައްޓަމުން ގެންދިޔުން.

5.      އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ދެނެގަނެ، އެ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން.

6.      މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ސްކޫލްތަކުން ބަލަހައްޓަން ކަނޑައާޅައިފައިވާ ތަފާސް ހިސާބު ބެލެހެއްޓުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.