1.      ދީނީ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި، ދައުލަތުގެ ފަރާތުން އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.

2.      ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމުތައް ރާވައި ހިންގުން.

3.      ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ތަންފީޒުކުރުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

4.      ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދުގެ ޚުޠުބާ އެކުލަވައިލައި އާންމުކުރުން.

5.      ރާއްޖޭގައި ނެރޭ ދީނީ ފޮތްތަކާއި ދީނީ ލިޔުންތަކާއި، ރާއްޖެއިން ބޭރުން ގެންނަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައި ފާސްކުރުން. އަދި، ރާއްޖެއަށް އެތެރެކުރެވޭ ލިޔުންތަކާއި ފޮތްތަކާއި ރާއްޖޭގައި ނެރޭ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމް ދީނާ ޚިލާފުވާފަދަ ވާހަކަތައް ހުރިތޯ ބަލައި އެފަދަ ކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުން.

6.      މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

7.      ރާއްޖޭގެ ރަށްރަށަށް ބޭނުންވާނެ މިސްކިތްތަކުގެ އަދަދު ކަނޑައެޅުމާއި، މިސްކިތްތައް އިމާރާތްކުރުމާއި، މިސްކިތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

8.      މިސްކިތް އިމާރާތްކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުން.

9.      ރާއްޖޭގެ ރަށްރަށުގައި ހުކުރު ކުރުމުގެ ހުއްދަ ދޫކުރުމާއި، ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ އިމާމުން ބިނާކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.

10. މިސްކިތްތަކަށް އިމާމުން އައްޔަންކުރުމާއި، އިމާމުންގެ މަސައްކަތްތައް ބެލެހެއްޓުން.

11. ރަމަޟާންމަހާއި، ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، ހަނދު ސާބިތުކުރުމާ ބެހޭގޮތުން ސަރުކާރުން ނިންމާގޮތް ކަނޑައަޅައި އިޢުލާން ކުރުން.

12. ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން މަނާކުރުމާއި، މިފަދަ މާނައެއް ކުރެވޭގޮތަށް ހިންގާ ކަންތައްތައް މަނާކުރުމާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

13. އިސްލާމީ މަރުކަޒުގައިވާ އިސްލާމީ ކުތުބުޚާނާ ހިންގައި ބެލެހެއްޓުން.

14. ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.

15. ރާއްޖޭގެ މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދާއި، ހުކުރުނަމާދާއި، ދެޢީދު ދެނަމާދާއި، ކޭތަ ނަމާދާއި، އެހެނިހެން ސުންނަތް ނަމާދުތައް ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާކަން ކަށަވަރުކުރުމާއި، އެކަންތައްތައް ހިނގާނުހިނގާގޮތް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

16. ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަހައްދުތަކުގެ ގަބުރުސްތާނުތައް ބަލަހައްޓާނެ އުސޫލުތަކާއި، ކަށުކަމާކެމީގެ ކަންކަން ހިނގާނެގޮތުގެ އުސޫލުތައް ކަނޑައަޅައި، އުސޫލުތަކާއެއްގޮތަށް އެ ކަންކަން ހިނގާތޯ ބެލުން.

17. ރާއްޖޭ މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގުމާއި، ދީނީ ދަރުސް ދިނުމާއި، މިސްކިތްތަކުގައި ހިންގާ އެކިއެކި އެހެނިހެން ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމާއި މިކަންކަން މޮނިޓަރކޮށް، ބެލެހެއްޓުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

18. ރާއްޖެއަށް ބޭނުންވާ މިންވަރަށް ކަށުކަމާކެމީގެ ކަންތައްކުރާނެ މީހުން ބިނާކުރުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިންގުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީއާއި، ލަފާދިނުން.

19. ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ސަރުކާރުން ހަމަޖައްސާ ބޭފުޅުން، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

20. ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ މީހުންނާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

21. ރާއްޖެއިން ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމަށް ހުއްދަ ދިނުމާއި، އެފަދަ ކުންފުނިތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ޙައްޖާއި ޢުމްރާގެ ކަންތައްތައް ބެލެހެއްޓުމާގުޅޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކާ އެއްގޮތަށް ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުން.

22. ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވުމަށްޓަކައި، ޙައްޖު މޫސުމުގައި މައްކާގައި ޙައްޖު މިޝަނެއް  އެކުލަވާލައި، އެ މިޝަނުގެ ކަންތައްތައް ބެލެހެއްޓުން.

23. ޣައިރު މުސްލިމުން އިސްލާމްދީން ގަބޫލުކުރުމުން ދެވޭ ސެޓްފިކެޓް ދޫކުރުމާއި، އިސްލާމްދީނާބެހޭ އަސާސީ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށް ދިނުން.

24. ރާއްޖޭން ބޭރުން ދީނީ ތަޢުލީމު ހާސިލުކުރާ ޢިލްމުވެރިންނާބެހޭ މަޢުލޫމާތު ބެލެހެއްޓުން.

25. އިމްސާކިއްޔާ ތައްޔާރުކޮށް ޝާއިޢުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

26. އިސްލާމްދީނާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރާ ފޮތްތައް ފާސްކުރުމާއި، ތަޢުލީމީ ދާއިރާއާގުޅޭ ދީނީ ކަންކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށް ލަފާދިނުމާއި، ކިޔަވާ ކުދިންގެ މެދުގައި ދީނީ ވަޙުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމުތައް ހިންގުން.

27. ކިޔަވާ ކުދިންގެ މެދުގައި އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށްޓަކައި ޕްރައިމަރީ ސްކޫލުން ފެށިގެން ސްކޫލު ދައުރު ނިމެންދެން އިސްލާމީ ތަހުޒީބާއި ތަރައްޤީގެ މަގުން ދީނީ ކަންކަމަށް ރައްކާތެރިވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެހެން މީހުންގެ ޚިޔާލާއި ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއަޅާނޭ ގޮތުގެ މަތިން، ކަރިކިއުލަމް އެކުލަވާލުމަށް ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ލަފާ ދިނުން.

28. ދީނީ ދަރުސްތައް ދިނުމާއި ދީން އުނގަންނައި ދިނުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.

29. ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކަށް ޚަލާލު ސެޓްފިކެޓް ދޫކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ޚަލާލު ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ތަންފީޒުކުރުން.

30. ރާއްޖޭގެ ރަސްމީ ކަލަންޑަރު (މީލާދީ ތާރީޚާއި، ހިޖްރީ ތާރީޚާއި، ނަކަތްތަކާއި ބަންދު ދުވަސްތައް އެނގޭގޮތަށް) ނެރުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ އަހަރަކު އާންމުކުރުން.

31. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

32. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުންނެވެ. 

(ހ) ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު

(ށ) އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް

(ނ) މޯލްޑިވްސް ޒަކާތު ހައުސް

 (ހ) ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތައް

1.      ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ފުޅާ ދާއިރާއެއްގައި އުނގަންނައި ދިނުމުގެ މަސައްކަތްކުރުން.

2.      ކީރިތި ޤުރުއާން ތަޖްވީދު މަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކޮށްދިނުމުގެ މަސައްކަތް ކުރުން.

3.      ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ސައިންޓިފިކް ޙަޤީޤަތްތައް ދިރާސާކޮށް، ޝާއިޢުކުރުން.

4.      ޙަދީޘް ޢިލްމާބެހޭ ދިރާސާތައް ކުރުމާއެކު ފުޅާ ދާއިރާއެއްގައި ޙަދީޘް ޢިލްމު ފެތުރުން.

5.      ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާބެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް އެމަގު ތަނަވަސް ކޮށްދިނުން.

6.      ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތާއި، ސްކޫލު މުބާރާތާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ކަންކަން ރާވައި ހިންގުން.

7.      ބައިނަލްއަގުވާމީ ޤުރުއާން މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅައި، އެ މުބާރާތްތަކުގައި  ބައިވެރިކުރުމާއި، އެކަމާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.

8.      ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކުރުމާއި، މުރާޖަޢާކުރުމާއި ޝާއިޢުކުރުމުގެ މަސައްކަތް ކުރުމާއި، ޤުރުއާނުގެ ތަރުޖަމާ ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުން.

9.      ޙަދީޘް ފޮތްތަކާއި އެއާ ގުޅުންހުރި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް އާންމުންނަށް ލިބޭނެގޮތް ހެދުން.

10. ބޭނުންނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ މުޞްޙަފުތައް ނައްތާލުމާއި، މުޞްޙަފުތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް ލަފައާއި މަޝްވަރާދިނުން.

11. ރާއްޖެއަށް ބޭނުންވާ ޤުރުއާން މުދައްރިސުންނާއި، އިމާމުންނާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ކޯސްތައް ރާވައި ހިންގުން.

12. ޙާފިޡުކަމުގެ އިމްތިޙާނުކޮށް، ސަނަދު ދިނުމާއި، ޙާފިޡުންގެ ދަފްތަރު ބެލެހެއްޓުން.

13. ރާއްޖޭގައި ހިންގާ ޤުރުއާން ކްލާސްތަކުގެ ރެކޯޑު ބެލެހެއްޓުން.

14. ކީރިތި ޤުރުއާނާއި ސުންނަތާބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ ޢިލްމީ، ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.

(ށ) އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ. 

1.      ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން.

2.      ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.

3.      އިސްލާމީ އުންމަތަށް ދިމާވާ ފިޤުހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.

4.      ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.

5.      ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނާރުތައް ރާވައި ހިންގުން.

6.      ދީނީ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުން.

(ނ) މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް

1.      ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 

2.      ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން. 

3.      ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުން. 

4.      ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި، އެ ފަންޑު ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން. 

5.      ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން. 

6.      ރާއްޖޭގެ މާޙައުލުގައި ޒަކާތާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމަށް ދިރާސާތައްކުރުމާއި، އެފަދަ މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން. 

7.      ޒަކާތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން. 

8.      ޒަކާތާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 

9.      ޒަކާތު ފަންޑުން އިންވެސްޓްކުރަމުންދާ ގޮތުގެ މައުލޫމާތާއި، ޒަކާތު ފަންޑާބެހޭ އާންމު މައުލޫމާތާއި، ޒަކާތް ދައްކާ ފަރާތްތަކާއި، ޒަކާތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ތަފާސް ހިސާބާއި، ޒަކާތުގެ ގޮތުގައި ބަލައިގަނެވޭ ތަކެއްޗާއި، ފައިސާއާގުޅޭ ތަފާސް ހިސާބާއި، ޒަކާތާގުޅޭ އެހެނިހެން ތަފާސް ހިސާބު އެއްކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، މައުލޫމާތު ހާމަކުރުން. 

10. ޒަކާތާ ގުޅުންހުރި ކޮމިޓީތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން. 

11. ޒަކާތާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެފަދަ ޕުރޮގުރާމުތައް ރާވައި ހިންގާ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.