• ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ ހަތްވަނަ ސެޝަން ބާއްވައިފި

    ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ ހަތްވަނަ ސެޝަން ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި، ބޭއްވި މި ސެޝަންގެ މައުޟޫއަކީ "ވެލްނަސް އެންޑް ވޯކް ލައިފް ބެލެންސް"އެވެ.

    މި ސެޝަން ނަންގަވައިދެއްވީ ވެލްނަސް އަދި ކައުންސިލިންގްގެ ދާއިރާއިން މީހުން ތަމްރީނުކުރެއްވުމާއި، ކޯޗުކޮށްދެއްވުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޙައްވާ ލީޝާއާއި،  މަރިޔަމް މުޙައްމަދެވެ. މަސައްކަތުގެ މާޙައުލާއި، އަމިއްލަ ދިރިއުޅުމުގައި ދުޅަހެޔޮކޮށް ވިސްނުންގެންގުޅެންވީ ގޮތްތަކާއި، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިދާނެ ގޮތްތަކާއި، މަސައްކަތުގެ މާޙައުލުގަޔާއި، އަމިއްލަ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެގޮތާއި، މިފަދަ ކަންކަމުން އަރައިގަތުމުގައިކަން ކުރަންވީގޮތުގެ މައްޗަށް މި ސެޝަންގައި މަޢްލޫމާތު ދެއްވިއެވެ.

    މި ސެޝަންގައި ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

    އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާހު ކުރައްވައިފައިވާ ޕުރޮގުރާމެކެވެ. މިއީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.

  • ލެކްޗަރ 5 – "ވެލްނަސް އެންޑް ވޯކް-ލައިފް ބެލެންސް" - ފޮޓޯ އަލްބަމް
  • ލެކްޗަރ 5 – "ވެލްނަސް އެންޑް ވޯކް-ލައިފް ބެލެންސް" - ވީޑިއޯ