ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޑިމޮކްރަޓިކް ނިޒާމާ ގުޅޭގޮތުން، އ.ދ. ގެ ހައިކޮމިޝަނަރ ފޮރ ހިޔުމަން ރައިޓްސް ނަވީ ޕިއްލޭ އިއްޔެ ނެރުއްވި ނޫސްބަޔާނުގައި ރާއްޖޭގެ ޤާނޫނާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ދަށްކޮށްލާ ފަދަ ތުހުމަތުތަކެއް ކުރައްވާފައިވާތީ އެކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަކުރަމެވެ. އަދި، މި ނޫސްބަޔާނަކީ، ވަރަށް ޒިންމާދާރުކަން ކުޑަ، ތެދުނޫން މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ނޫސްބަޔާނެއް ކަމުގައިވެސް އަޅުގަނޑު ދެކެމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި ދިވެހި ސަރުކާރުން، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ބަލިކަށިކޮށްލަނީ ކަމަށް ބުނާ ބުނުން، ދިވެހި ސަރުކާރުން ދޮގުކުރެއެވެ. ދުރުގައި ތިބެ، މިފަދަ ގެއްލުންދެނިވި ބަޔާންތައް ނެރުމުގެ ބަދަލުގައި، ރާއްޖޭގެ ޑިމޮކްރަސީގެ ޅަފަތުގައި ކުރިމަތިވާ ދަތިތައް ދެނެގަނެ، ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އ.ދ. އިން ދިވެހިރާއްޖެއަށް އެއްބާރުލުން ދޭންޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ.