ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ ކަމުގައިވާ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ފާހަގަކުރައްވަމުން ގެންދަވާ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ލިޔުންތެރިންނަށާއި ކިޔުންތެރިންނަށް އަދި ދިވެހިބަހުގެ އަހުލުވެރިން ކަމުގައިވާ އެންމެހާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ.

ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސެވެ. އަޅުގަނޑުމެންގެ ތަރައްޤީގެ ހުރިހާ ނާރެހެއްގައި މަސައްކަތް ކުރަނީ ދިވެހިބަހުގެ ވާސިޠާއިންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ މި އޮތް އިސްލާމީ ވަޙުދަތުގެ އެންމެ މުހިންމު ވަސީލަތަކީ ދިވެހިބަހެވެ. ދިވެހިބަހަކީ އިޖުތިމާޢީ ހަމަޖެހުމާއި އިޤްތިޞާދީ ކުރިއެރުން ދިވެހި ޤައުމަށް ގެނެސް ދިނުމުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ޝަރަފެވެ. އެހެންކަމުން، ދިވެހިބަހަށް އިސްކަންދިނުމަކީ ދިވެހިންގެ މައްޗަށް އޮތް އިޖުތިމާޢީ ވާޖިބެއްކަން ކަށަވަރެވެ. މިކަން އިޙްސާސް ކުރައްވައި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން "ދިވެހިބަހުގެ ދުވަސް"، 2011ވަނަ އަހަރުން ފެށިގެން ފާހަގަކުރައްވަމުން ގެންދަވާކަމީ ޝުކުރުވެރިވުން ޙައްޤުކަމެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަސް ކަމަށްވާ ދިވެހިބަހަށް އިސްކަން ދިނުމުގެ ޤާނޫނެއް މިއަދު އެބައޮތެވެ. އެހެންކަމުން، އެ ޤާނޫނަށް ފުރިހަމައަށް ޢަމަލު ކުރެއްވުމަށް، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިއަދުގެ މުނާސަބަތުގައި ލިޔުންތެރިންގެ ގުޅުމުގެ ހިންގުންތެރިންނަށާއި އެންމެހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. "ދިވެހިބަހުގެ ދުވަސް" ފާހަގަކުރެއްވުމަށް އިސްނެންގެވީތީއެވެ. ޙަޤީޤަތުގައި މި ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަހެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ، ދިވެހިބަހަށް އިސްކަންދިނުމުގެ ގޮތުންނެވެ. ދިވެހިބަހަށް ދިވެހިން ދޭ އިޙުތިރާމްގެ ރަމްޒެއްގެ ގޮތުންނެވެ.

ކީރިތިވަންތަ މާތްﷲ، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައިވެސް ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ރޫޙު އިތުރުކުރައްވާށިއެވެ! ދިވެހިބަހުގެ ސަބަބުން ޤައުމީ އެއްބައިވަންތަކަން ވަރުގަދަ ކުރައްވާށިއެވެ! އާމީން!