ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި މިއުއްމަތުގެ ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުވާހިނދު، ދުނިޔޭގެ ސަމާލުކަންވަނީ އަޅުގަނޑުމެންފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ހުއްޓިފައެވެ.
މިއަހަރު މިފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު ކަމުގައިވާ "ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ތިބާގެ އަޑު އުފުލާ" މި ޝިޢާރަކީ، މިއީ ރާއްޖެއާ ނުހަނު ގުޅުންހުރި ޝިޢާރެކެވެ. މީގެ އަހަރުތަކެއްގެ ކުރިންވެސް މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ފޯރާނެ އަސަރުތަކުގެ ވާހަކަ ރާއްޖެއިން ވަނީ ދައްކާފައެވެ. އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ ފަރާތުންވަނީ ވަކާލާތުކޮށްފައެވެ.
މިއަހަރަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ވަރަށް ޚާއްޞަ އަހަރެކެވެ. އެއީ، މިއަހަރަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަހަރުގެ ގޮތުގައި އދ.އިން ކަނޑައަޅާފައިވާ އަހަރު ކަމަށްވާތީއެވެ. އެހެންކަމުން، މިއަހަރުގެ ތިމާވެށީގެ ދުވަހާއި އަދި ތިމާވެށީގެ ދާއިރާއިން ފާހަގަކުރެވޭ އެހެނިހެން ދުވަސްތަކާއި ޙަރަކާތްތައް ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަ ކުރެވިފައެވެ.
ފަހުގެ ޢިލްމީ ދިރާސާތަކުން ހާމަކޮށްދޭ ގޮތުގައި އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަކީ، އޭގެ ނުރައްކަލާއި ގެއްލުން، ކުދި އަދި ބޮޑެތި ހުރިހާ ޤައުމަކުން ކުރިމަތިލާން ޖެހޭނެކަމެކެވެ. މިގޮތުން މުސްތަޤްބަލުގައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިޤަރުނުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާނޭ ހިރާސްތައް އިތުރުވާނޭކަމަށް އައި.ޕީ.ސީ.ސީގެ 2 ވަނަ ވާރކިން ގްރޫޕްގެ ރިޕޯޓުން އިންޒާރުދެއެވެ. އަދި މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތާއި ކާބޯތަކެއްޗަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި އިޤްތިޞާދަށް އޭގެ ނުރަނގަޅު އަސަރުކުރާނޭކަން ފަހުގެ ދިރާސާތަކުން ޔަޤީންކޮށްދެއެވެ. ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ، މިކަމުގެ ނުރައްކަލާއި ބުރަ ފުރަތަމަ ތަޙައްމަލް ކުރަންޖެހޭނެ ޤައުމުތަކެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދުނިޔޭގެ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގޮވާލަމެވެ.
ޒަމާނުންސުރެ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އިޤްތިޞާދު ބިނާވެފައިވަނީ، އަޅުގަނޑުމެންގެ މި ނާޒުކު ތިމާވެށީގެ މައްޗަށެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ދުރުވިސްނުމާއި މިންނެތް މަސައްކަތުން، ރާއްޖޭގެ ތިމާވެށި، އޭގެ ފުރިހަމަކަމާއެކު ވަނީ މި ޖީލުތަކާ ހަމައަށް ފޯރުވައިދީފައެވެ. މި އަމާނާތް މިވަގުތު މިވަނީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. އަޅުގަނޑުމެންގެ ޢަމަލުތައް މިނެކިރާނީ، އަޅުގަނޑުމެންގެ ފަހުން އަންނަ ޖީލުތަކުން ކަމަށްވީހިނދު، އެޖީލުތައް މާޔޫސްނުވާނެ ފަދައިން އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުން މުހިންމެވެ. ކާބަފައިން ދެއްކެވި މިސާލުން މިސާލުނަގައި، ޙިކުމަތްތެރިކަމާއެކު ރާއްޖޭގެ މި ނާޒުކު ތިމާވެށި ޙިމާޔަތްތެރިކަމާއެކު ރައްކާތެރިކޮށް ދަމަހައްޓަންވަނީ ޖެހިފައެވެ. އެއީ، އަޅުގަނޑުމެންގެ އަމާނާތެކެވެ.
ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގެ ދުވެލި މިދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. ތަރައްޤީގެ ނަމުގައި ކުރެވޭ ބައެއް ކަންކަމުގައި ރާއްޖޭގެ ތިމާވެށްޓާއި ތިމާވެށީގައި ހިމެނޭ ދިރޭތަކެތީގެ ނަޞްލުތަކަށްވަނީ، އޭގެ ނޭދެވޭ އަސަރު ފޯރައިފައެވެ. އެހެންކަމުން، މިކަމުގައި އަޅުގަނޑުމެން އިތުރަށް ސަމާލުވާން މިވަނީ ޖެހިފައެވެ. އަދި ތަރައްޤީއާއެކު، ތިމާވެށިވެސް ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެކުއެކީ ހިނގާ ކަންކަމުގައި ހަދަން ވަނީ ޖެހިފައެވެ. ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރެވެން އޮތީ މިފަދައިންނެވެ. ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން އެންމެހައި ރައްޔިތުން ބޭނުންވާ ތަރައްޤީ ގުޅިލާމެހިފައިވަނީ މިކަމާ އެކުގައެވެ.
މިއަދު އަޅުގަނޑުމެން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާ މުނާސަބަތުގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާތަކުގެމަތިން ހަނދާންކުރަންޖެހެއެވެ. ޢާންމު ދިރިއުޅުމުގެ އާދަކާދަތަކާއި ޢަމަލުތަކާމެދު މިވަނީ ވިސްނަންޖެހިފައެވެ. ފަރުދީ ފެންވަރުގައި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތަކީވެސް ނުހަނު މުހިންމު މަސައްކަތެކެވެ. މިއީ، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދެވޭ އަގުހުރި ހަދިޔާއެކެވެ.
އަޅުގަނޑުގެ ދުޢާއަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިވެހިން ކުރަމުންގެންދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު، މާތް ﷲ، އެންމެހައި ދިވެހި ރައްޔިތުންނަށް މިންވަރު ކޮށްދެއްވުމެވެ.