ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު ޝަރަފެކެވެ. ހަމައެއާއެކު، މިމުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެޤައުމުތަކުގެ އެކުވެރި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުވުމަކީވެސް އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެކެވެ.

ފިޠުރު ޢީދުގެ އުފާ އަޅުގަނޑުމެން މި ފާޅުކުރަނީ، ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން ހިފި ރޯދައާއި، ކުރި އެންމެހައި ހެޔޮޢަމަލުތައް، މާތްﷲ ޤަބޫލު ކުރައްވައި، އެކަންކަމުގެ ހެޔޮ ދަރުމައާއި ޘަވާބު ދެއްވުން އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ފިޠުރު ޢީދު ދުވަހަކީ، ޢާއިލީ ގުޅުންތައް ބަދަހިކޮށް، ރައްޓެހިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ކިޔައި، އުފާފާޅު ކުރުމުގެ ދުވަހެވެ. އަޅުގަނޑުމެންގެ މެދުގައި މި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާކޮށް ދިރުވުމުގެ ދުވަހެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރޭގައި ތިބި ފުދުންތެރިކަންކުޑަ، އަޚުންނާއި އުޚުތުންގެ ޙާލު ބަލައި، އެފަދަ މީހުންނަށާއި ޢާއިލާތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމުގެ ދުވަހެވެ.

ފިޠުރު ޢީދުގެ އުފާފާޅު ކުރަމުންދާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގެ މުސްލިމް އުޚުތުންނާއި އަޚުން ބަރުދާސްތު ކުރަމުންދާ ހިތާމަތަކާއި ފުން އިޙްސާސްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ކުރަމުއެވެ. ޚާއްޞަކޮށް، ފަލަސްޠީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުން ތަޙައްމަލުކުރަމުންގެންދާ ހިތްދަތި ދުވަސްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެންނަމުއެވެ. އަދި ފަލަސްޠީނު ރައްޔިތުން، ކުރަމުންދާ ޖިހާދަށް ނަޞްރާއި ކާމިޔާބީ ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުއެވެ. އަދި އިޒުރޭލުން ހިންގަމުންގެންދާ މި ބޮޑު ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން މިއަދުވެސް އަޅުގަނޑު ކުށްވެރި ކުރަމުއެވެ.

އަދިވެސް އެއްފަހަރު މި ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމެވެ. ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، އިސްލާމީ ރިވެތި ހަމަތަކާއި އުޞޫލުތަކުގަޔާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުގައި ހިފެހެއްޓެވުމަށް އަޅުގަނޑު ނަޞޭޙަތްތެރިވަމެވެ.

މާތްﷲ، މި ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ ރައްޔިތުންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންގެންދާ މުސްލިމް އުޚުތުންނަށާއި އަޚުންނަށް އުފާވެރި، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ! ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން ހިފި ރޯދައާއި ކުރި އަޅުކަންތައްތަކުގެ ހެޔޮ ޘަވާބާއި ދަރުމަ، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ!