بســم اللّـه الرّحمـن الرّحيــم
 
އަންނަ ހޮނިހިރު ދުވަސް، މިމަހުގެ 20 ވަނަ ދުވަސް މިއީ ރާއްޖޭގައި އަށެއްކަ އަހަރު ބޯހިމެނުމުގެ އެއްވެސް ކަހަލަ ޙަރަކާތެއްނެތި ގޮއްސަ، އަލަށް ބޯހިމަނަން ފެށޭ ދުވަސް. އަޅުގަނޑު އެދެނީ ދިވެހި ހުރިހާ ރައްޔިތުން، މިކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުން. ޙަޤީޤަތުގައި ބޯހިމަނަންޖެހޭ ސަބަބުވެސް ދަންނަވާލާނަން. މިއީކީ އެއްގޮތަކަށްވެސް ސަރުކާރުގެ އެކަނި ބޭނުމަކަށް ކުރާ ކަމެއް ނޫން. ބޯހިމެނުމަކީ ރައްޔިތުންނަށް އޭގައި ނުހަނު ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެއް.
 
ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ބޯހިމަނާ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ބޯހިމަނަނީ މިދެންނެވި ގޮތަށް، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި، އިޖުތިމާޢީ ޕޮލިސީއާއި، އިޤްތިޞާދީ ޕޮލިސީ ބައްޓަންކުރަނީ، ކިހިނެއްކަން ދެނެގަތުމަށްޓަކައި. އަޅުގަނޑުމެންނަށް މިއަދު، މިދެންނެވި ގޮތަށް، މީގެ 8 އަހަރު ކުރިން، 2006 ވަނަ އަހަރު، އެންމެފަހުން ބޯހިމަނާފައި މިއޮތީ. އޭރު ބޯހިމެނިފަހުން، ސިޔާސަތު ކަނޑައެޅުމަށްޓަކައި ހިސާބުތަކެއް އަޅުގަނޑުމެންނަކަށް ލިބެމަކުންނެއްނުދޭ. އެހެންވީމާ، މިވާގޮތަކީ އަންދާޒާކޮށްގެން، ފޯކަސްތަކެއް ކޮށްގެން ހިސާބު ކުރަމުން މިދަނީ.
 
އަޅުގަނޑު ދަންނަވާލާނަން ހަމަ ބައެއް މިސާލު. އަޅުގަނޑުމެންނަށް ކުރީގައި ގަބޫލުކުރެވިފައި މިއޮންނަނީ، ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަން، ނޫނިއްޔާ އިންސާނުން އިތުރުވަމުންދާ މިންވަރަށް ބަލާކަމަށްވަންޏާ، އިންސާނުން އިތުރުވަމުންދާ މިންވަރަށް ބަލާކަމަށްވަންޏާ، ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކަށްވުރެ ހަމަ ކުރީގައި އުޅޭ ޤައުމެއް ކަމަށް. 80ގެ ކުރީކޮޅު، މިކަހަލަ ޢަދަދެއްގެ ތެރޭގައި އުޅުނީ. އެހެން ނަމަވެސް، މިއަދު ބޯހިމަނާއިރު އަޅުގަނޑު ހިތަށްއަރަނީ، މި ޢަދަދު ހަމަ މި ހިސާބުގައި ހުންނާނެބާވައޭ. އެންމެފަހުން 2006 ވަނަ އަހަރު ބޯހިމެނިއިރު، ބަރތްރޭޓް މިއުޅެނީ ގާތްގަނޑަކަށް 1.6 ޕަސެންޓްގައި. މިއީ، 3 ޕޮއިންޓް ކޮންމެވެސް އެއްޗަކުން މަދުވަމުން މަދުވަމުން އައިއްސަ، މި ބަރތްރޭޓް އައިއްސަ އޮތްވަރު. ޕްރީސްކޫލަށް ވައްދާ ކުދިންނަށް ބަލާކަމަށްވަންޏާ، ޕްރީސްކޫލަށް ވައްދާ ކުދިން 2006ން މަދުވަމުން މިއަންނަނީ 76,000 ން 56,000 ން. އެންމެފަހުން މިދިޔަ އަހަރު މިއޮތީ ގާތްގަނޑަކަށް 30,000 ކުދިން ޕްރީސްކޫލާއި ޕްރައިމަރީ ސްކޫލްގެ ކްލާސްތަކަށް ވައްދާފައި.
 
މިއިން ދައްކައި މިދެނީ، ޙަޤީޤަތުގައި ރާއްޖޭގައި މިހާރު، ދުނިޔެއަށް އަންނަމުންދާ ކުދިންގެ ޢަދަދު މަދުވަމުންދާ މިންވަރު. ދުނިޔެއަށް އަންނަ ކުދިން މަދުވަމުންދާ މިންވަރު އެނގުނީމަ، އަޅުގަނޑުމެންނަށް އެބަޖެހޭ، ތަޢުލީމާބެހޭ ސިޔާސަތުގައި ކަންތައްތަކެއް ކަނޑައަޅާނީ ކިހިނެއްތޯ؟ ޕްރީސްކޫލް، ޕްރައިމަރީ ސްކޫލް، ދެން ސަރުކާރު ބިނާކުރުމުގެ ކަންތައްތައް ގެންދަންވީ ކިހިނެއްތޯ؟ މިއީ ހަމަ އެއް މިސާލު.
 
ދެން އަނެއް މިސާލު ހަމަ ދަންނަވާލާނަން. ރާއްޖޭގެ އާބާދީއަށް މިއަދު ބަލާކަމަށްވަންޏާ، ރާއްޖޭގެ އާބާދީ މިދަނީ މުސްކުޅިވަމުން. ރާއްޖޭގެ އާބާދީ މުސްކުޅިވަމުންދާ މިންވަރު އަޅުގަނޑުމެންނަށް މި އެނގެނީ ބޯހިމެނުނީމަ. އަޅުގަނޑުމެންނަށް މިހާރު ލިބިފައި ހުރި ތަފާސް ހިސާބަށް ބަލާކަމަށްވަންޏާ މިއުޅެނީ 2006ގެ ތަފާސް ހިސާބު. އާބާދީ ދޮށިވަމުންދާ މިންވަރު އެނގެންޖެހެނީ ކީއްވެގެންތޯ އައްސަވައިފި ކަމަށްވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލާނީ، އަޅުގަނޑުމެން ދިވެހިންނަކީ ވަރަށް އޯގާތެރި ބައެކޭ. ސަރުކާރުގެ އިޖުތިމާޢީ ސިޔާސަތު ބައްޓަންވެފައި މިއޮތީ، މީހުންނަށް އަޅާލުމުގެ މައްޗަށް.
 
އެހެންވީމާ، ސަރުކާރުގެ ވެލްފެއަރ ސްކީމްވެސް ބިނާވެފައި މިއޮތީ މީހުންނަށް އަޅާލުމުގެ މައްޗަށް. އެހެންވީމާ، އާބާދީ ދޮށިވެގެންދާ މިންވަރު އެނގިގެން ނޫނިންޔާ، އަޅުގަނޑުމެންނަކަށް ޞިއްޙީ ދާއިރާއިން އާބާދީ ދޮށިވަމުންދާ އާބާދީގެ ބަލިތައް ދެނެގަނެ އަދި އެބަލިތަކަށް ފަރުވާދިނުމަށްޓަކައި އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގައި ހުރި ފެސިލިޓީތައް އެމްޕަވަރ ކުރެވޭނެ ގޮތެއް ނެތް.
 
ހަމަ އެގޮތަށް، ޒުވާނުންގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާކަމަށްވަންޏާ، ކޮންމެ ފަސްއަހަރެއްގެ ތެރޭގައި، ވޯޓްލާ ޢުމުރުފުރަޔަށް އަރާ ކުދިންގެ ޢުމުރު، ނޫނިއްޔާ އަރާ ކުދިންގެ ޢަދަދު މިދަނީ ގާތްގަނޑަކަށް 35,000 ން 40,000 އާ ދޭތެރޭގެ ޢަދަދަކަށް މިދަނީ. އެހެންވީމާ، 5 އަހަރާ ހަމަޔަށްދާއިރު، އަޅުގަނޑުމެންނަށް އެބަ ފެނޭ، ޒުވާން އާބާދީވެސް ބޮޑުވެގެންދާވަރު. އެހެން ނަމަވެސް، މި ޒުވާން އާބާދީ ބޮޑުވާ މިންވަރާ ބަލާފައެއް، ދުނިޔެއަށް އަންނަ ކުދިންގެ އަދަދު އިތުރުވާ ކަމަކަށް އަދިއެއް ނުފެނޭ. މިއިން އެބަ އަޅުގަނޑުމެންނަށް އިޖްތިމާޢީ މައްސަލަތަކެއް ދައްކައިދޭ. މިދައްކައިދޭ މައްސަލަތަކުގައި، އަޅުގަނޑުމެން އިންފަރ ކުރަންވީ، ދެނެގަންނަންވީ، މިސާލަކަށް، މިހާރު ޒުވާން އާބާދީ ބޭނުންނުވަނީތޯ، އެހާ ގިނަ ކުދިން ދުނިޔެއަށް ގެންނަން. އޭގެ މާނައަކީ އެމީހުންނަށް ލިބޭ އާމްދަނީ މަދުކަމުން، އެމީހުން ބޭނުންނުވަނީތޯ އެހާގިނަ ކުދިން ގޮވައިގެން އުޅެން. ފެމިލީގެ ސައިޒް ކުޑަކުރަންވީތޯ؟
 
މި ޢަދަދު އެނގޭ ގޮތަކީ، މިދެންނެވި ގޮތަށް، ޕްރީސްކޫލާއި ޕްރައިމަރީ ސްކޫލަށް ވައްދާ ކުދިންގެ ޢަދަދަށް ބެލީމަ، މި ޢަދަދުތައް އެބަ އެނގޭ. 76,000 ން 56,000 ން މިދިޔަ އަހަރުގެ ހަމަޔަށްދާއިރު، މިއުޅެނީ ގާތްގަނޑަކަށް 36,000 އާ ހަމައިގައި. މިއަހަރު ޕްރައިމަރީ ނޫނީ މިއަންނަ އަހަރު ޕްރީސްކޫލާއި ޕްރައިމަރީއަށް އެންރޯލް ކުރާނީ ކިތައް ކުދިންތޯ ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ ވަރަށް ސާފުކޮށް މި ޢަދަދު އެނގިގެންދާނެ. މިއީ ބޯހިމަނާއިރު އަޅުގަނޑުމެންނަށް ލިބޭ ވަރަށް މުހިންމު މަޢުލޫމާތުތަކެއް، މިދެންނެވި ގޮތަށް ސަރުކާރުގެ އިޖުތިމާޢީ ސިޔާސަތު ބައްޓަން ކުރަން. ނޫނިއްޔާ ސަރުކާރުގެ ވެލްބީން ނޫނިއްޔާ ވެލްފެއަރ ޕޮލިސީ ބިނާކުރަން އަޅުގަނޑުމެންނަށް ލިބޭ ވަރަށް މުހިންމު މަޢުލޫމާތުތަކެއް.
 
ހަމައެހެންމެ، ސަރުކާރުގެ އިޤްތިޞާދު ބައްޓަން ކުރުމަށްޓަކައިވެސް އަޅުގަނޑުމެންނަށް ހަމަ މި މަޢުލޫމާތު މުހިންމުކަން އެބަ ފެނިގެންދޭ. މިދެންނެވި ގޮތަށް އާބާދީ، ޒުވާން އާބާދީއެއް އިތުވަމުންދާ މިންވަރު އެނގުނީމަ އަދި އިތުރުވަނީ ކޮންމެ ދާއިރާތަކެއްގައިކަން އެނގުނީމަ، އަޅުގަނޑުމެންނަށް ބޮޑެތި މަސައްކަތްތައް ގެންދަންވީ ދާއިރާތައް ކަނޑައަޅަން ފަސޭހަ. ހަމަމިއާއެކީ އަޅުގަނޑުމެން މިއަށްވުރެ ތަންކޮޅެއް ރައްޔިތުންނާ ހަމައަށް އައިއްސަ ބަލައިލާ ކަމަށްވަންޏާ، ހަމަ ގެދޮރުގެ ފެންވަރާއި، ގެދޮރުގައި މީހުން ދިރިއުޅެމުންދިޔަ ޙާލަތުވެސް މި ބޯހިމެނުމުގެ ހިސާބުން އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. ނޫނިއްޔާ މިކުރާ ސުވާލުތަކުގައި އެނގިގެން އެބަދޭ. އެހެންވީމާ، ބީ.ސީ.އެއްގައި މިއުޅެނީ ކިތައް މީހުންތޯ؟ ބީ.ސީ.ގައި އެންމެ ތޮއްޖެހިފައި މިހިރީ ކޮން ހިސާބުގަނޑެއްގައިތޯ؟ މާލެއަށް ބަލާކަމަށްވަންޏާ، އަތޮޅުތެރެއަށް ބަލާކަމަށްވަންޏާ، ކޮން ރަށްރަށެއްގައިތޯ ބަލާފައި، މިއީ ސަރުކާރުގެ އިޖުތިމާޢީ ސިޔާސަތު، އެދިމާލަށް، އަޅާލުންތެރިކަމަށް ބައްޓަން ކުރަންޖެހޭ، އަޅުގަނޑުމެންނަށް މަޢުލޫމާތުތަކެއް ލިބޭ.
 
އެހެންވީމާ، ބޯހިމެނުމުގެ ބޭނުމަކީ، މިދެންނެވި ގޮތަށް، މިކަހަލަ ތަފާތު އެކި ހިސާބުތައް، ނޫނިއްޔާ ތަފާތު އެކިކަހަލަ އިންޑިކޭޓަރުތައް އަޅުގަނޑުމެންނަށް މި ލިބެނީ. އެ އިންޑިކޭޓަރުތައް ބޭނުންކޮށްގެން ސަރުކާރުގެ އިޤްތިޞާދީ ޕޮލިސީ، ސަރުކާރުގެ އިޖުތިމާޢީ ޕޮލިސީ އަދި މިދެންނެވި ގޮތަށް، ދުވަސްވީ މީހުންނަށް އަޅާލުން، ނޫނިއްޔާ ޒުވާނުންނާ ދޭތެރޭ ކަންކުރަންވީ ގޮތް، އަދި މިކަންކަމަށް އެއް އަހަރުން އަނެއް އަހަރަށް، ބަޖެޓުގައި ފައިސާ ކަނޑައަޅަންވީ މިންވަރު، އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ބޯހިމެނުމުގެ ހިސާބު ލިބުނީމަ. މިދިޔަ ދުވަސްތަކުގައި، މިދިޔަ 8 އަހަރެއްހާ ދުވަސްތަކުގެ ތެރޭގައި، އެއްވެސް ސަރުކާރަކަށް، މިދެންނެވި ކަހަލަ މަޢުލޫމާތެއް ލިބިފައެއް ނެތް. އެހެންވީމާ، ސަރުކާރުތަކުގައި މަސައްކަތް ކޮށްފައި ހުރީ 2006 ގައި ނަގާފައި އޮތް ބޯހިމެނުމުގެ ހިސާބުގެ މައްޗަށް ބިނާކޮށް، އެކިކަހަލަ ފޯކާސްޓުތައް ހަދައިގެން ކަންކަން ކޮށްފައި ހުރީ. އެހެން ނަމަވެސް، މި ފޯކާސްޓުތައް ދިމާވާފަހަރާއި، ދިމާނުވާފަހަރު ދޭ.
 
އެހެންވީމާ، އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މި ހިސާބުތަކަކީ، ޝައްކެއްވެސްނެތްގޮތުގައި، ދައުލަތަށް ވަރަށް މުހިންމު ހިސާބުތަކެކޭ. ބޯހިމެނުމުގެ މަޢުލޫމާތަކީ، ވަރަށް މުހިންމު މަޢުލޫމާތު. އެކަމަކު މި މަޢުލޫމާތު ސަރުކާރުން ބޭނުންކުރަނީ، ކޮންމެ ސަރުކާރަކުންވެސް ބޭނުންކުރާނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި، ކޮން ގިންތިތަކަކަށް، ކިހާވަރެއްތޯ އިތުރުވެގެންދަނީ ބަލާފައި، އެ ގިންތިތަކަށް ސަރުކާރުގެ އަޅާލުންތެރިކަން ހުންނަންވީ މިންވަރަށް ބިނާކޮށް ކުރާ ކަންތައްތަކެއް ކުރަން.
 
އެހެންވީމާ، ޙަޤީޤަތުގައި 65 އަހަރުން މަތީގެ މީހުން އިތުރުވަމުންދާ މިންވަރު، ނޫނިއްޔާ އަރލީ ރިޓަޔަރމަންޓަށް އިތުރުވާ މިންވަރު އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީ ދެނެގަނެވިއްޖެ ކަމަށްވަންޏާ، މިކަންކަމަށް ސަރުކާރުގެ ބަޖެޓުގައި ޚަރަދު، ނޫނިއްޔާ ހޭދަކުރާނެ މިންވަރު ކަނޑައެޅުމާ، މިކަހަލަ މުހިންމު ބޭނުންތަކެއް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ސަރުކާރުތަކަށް ފަސޭހަވެގެން މިދަނީ.
 
އެހެންވީމާ، އަޅުގަނޑު ހަމަ ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ބޯހިމެނުމަކީ ޙަޤީޤަތުގައި ހަމަ ކޮންމެ ރައްޔިތަކަށްވެސް އޭގެ ފައިދާތަކެއް އެކުލެވިގެންވާ ކަމެކޭ. ސަރުކާރުން މަޢުލޫމާތުތަކެއް ނަގާފައި، މަޢުލޫމާތުތަކެއް ބޭނުންކުރަން އެކަނި ކުރާ ކަމެއް ނޫނޭ. މިއީ ހަމަ ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތުތަކަށް ބިނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކެއް ފޯރުކޮށްދޭށޭ.
 
ދެން މި ލިބޭ މަޢުލޫމާތަކީ، ހަމަ ދަންނަވާލަންވެސް ބޭނުން، ހަމަ އެއްވެސް ބޭފުޅަކު ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ. މި ލިބޭ މަޢުލޫމާތަކީ ނުސީދާ ގޮތެއްގައި ނޫނިއްޔާ ނުހަމަ ގޮތެއްގައި، އެއްވެސް ފަރާތަކަށް ބޭނުންކުރެވޭނެ މަޢުލޫމާތެއް ނޫން. އެއީ ޤާނޫނުގައި އެއީ ކުށެއް ކަމަށް ކަނޑައަޅާފައި މިއޮތީ. އެހެންވީމާ، މި ނަގާ މަޢުލޫމާތަކީ، ހަމަ ކޮންފިޑެންޝަލް މަޢުލޫމާތު. ވިޔަފާރިވެރިއެއްގެ ވިޔަފާރިއާ ބެހޭގޮތުން، ނޫނިއްޔާ އެތަނުގައި އުޅޭ މުވައްޒަފުންގެ ޢަދަދާ ބެހޭގޮތުން ނަގާ މަޢުލޫމާތަކީވެސް ކޮންފިޑެންޝަލް މަޢުލޫމާތު. އެސްޓެބްލިޝްމަންޓެއް، އެ ގެންގުޅެނީ ކިތައް ބިދޭސީ މަސައްކަތްތެރިންތޯ، މި މަޢުލޫމާތަކީވެސް އެމީހާޔާ ދެކޮޅަކަށް ބޭނުންކުރެވޭނެ މަޢުލޫމާތެއް ނޫން.
 
އެހެންވީމާ، ހަމަ ދަންނަވާލަން މިއުޅެނީ، މިއީ ވަރަށް އިޚްލާޞްތެރިކަމާއެކީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތެކޭ. މި މަސައްކަތުގައި، ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަކީ، ދައުލަތުގެ ވަރަށްބޮޑު އެދުމެކޭ. ޙަޤީޤަތުގައި ޞައްޙަ މަޢުލޫމާތު ލިބިގެން، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، އެކި ގިންތިއަށް ބޭނުންވާ މިންވަރަށް، ސަރުކާރުން ބަޖެޓުގައި ފައިސާ ހިމަނައިގެން ފޯރުކޮށްދެވޭނީ. އެހެންވީމާ، އާޚިރުގައި މިހުރިހާ މަޢުލޫމާތެއް އެއްކުރުމުގެ ބޭނުމަކީ ހަމަ ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދިނުން.
 
އެހެންވީމާ، އަޅުގަނޑު ހަމަ ނިންމާލަމުން، އިލްތިމާސްކޮށްލަން ބޭނުންވޭ، ވަރަށް މަޢާފާއެކީ ހަމަ ދަންނަވަން އެބަޖެހޭ، ބޯހިމަނާ ދުވަހު އަޅުގަނޑު ހަމަ ރާއްޖޭގައި ވަރަށް ހުންނަހިތްވެސްވޭ. އެހެން ނަމަވެސް، އަޅުގަނޑު ރަސްމީ ދަތުރެއްގައި ފުރާތީއާވެސްއެކީ، އަޅުގަނޑު ހަމަ ހިތާމަކުރަން، ބޯހިމަނާ ދުވަހު އަޅުގަނޑަށް ނުހުރެވޭތީ. އެހެން ނަމަވެސް،      މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެކޭ. ޙަޤީޤަތުގައި ޤައުމީ މަސައްކަތެއްވެސްމެޔޭ. ހުރިހާ ދިވެހި ރައްޔިތުން، މި ބޯހިމެނުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެކޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
 
والســّلام عليــكم ورحـمــة اللّـه وبـركاتـه