ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މި މަތިވެރި ނަޞްރު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ. އެއަށްފަހު، މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރުމަކީވެސް އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

 
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ބިރުވެރި ޢުދުވާނީ ޙަމަލާއަކީ ފަހަކަށްއައިސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ޙަމަލާއެވެ. އެދުވަހުގެ ހާދިސާއަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ. އެހާދިސާގެ ބިރުވެރިކަން މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވަދެގެންދެއެވެ.
 
އެދުވަހުގެ ޙަމަލާއިން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް ރާއްޖޭގެ ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން އަޅުގަނޑު މި ފުރްޞަތުގައި ހަނދާންކުރަމެވެ. އަދި ދިވެހި ޤައުމުގެ މިނިވަންކަމަށް ޖިހާދު ކުރައްވައި، މިނިވަންކަން ރައްކާތެރި ކުރައްވައި، އެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ އަބްޠާލުން އެކުރެއްވި ޖިހާދަށް ފަޚްރުވެރިވާ ޙާލު، އެހުރިހާ ބޭފުޅުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.
 
3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި، މާތްﷲގެ ވާގިފުޅާއެކު، ދިވެހިންނަށް ނަޞްރު ލިބުނީ، ދިވެހި ރައްޔިތުން އެދުވަހު ދައްކަވައިދެއްވި އެކުވެރިކަމާއި، އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އެންމެން އެއް އަޑަކުން، އެއް ފިކުރެއްގައި ތިއްބަވައި ކުރެއްވި މަތިވެރި ދުޢާއިންނެވެ.
 
ނަޞްރުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއަށް މާޒީގައި ކުރިމަތިވި ކޮންމެ ޢުދުވާނެއް ކުރިމަތިވެފައިވަނީ، އެކަމުގައި ދިވެހިންގެ ތެރެއިން ޤައުމާއި ދީނަށް ލޯތްބެއް ނެތް، ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންގެ ބަޔަކު ޝާމިލުވެގެންކަން މިއީ މިއަދުވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަމެކެވެ. އަދި މިކަންކަމުން އަޅުގަނޑުމެން ޢިބްރަތް ހާސިލުކުރަން ޖެހެއެވެ. އެހެންކަމުން، މާޒީން ޢިބްރަތް ހާސިލުކޮށް، ދީނާއި ޤައުމަށް ލޯބިކުރާ މީހަކަށްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
ދިވެހި ތާރީޚުގައިވެސް ދިވެހިން ކުރިމަތިލާންޖެހުނު އެންމެ ބިރުވެރި އެއް ޙަމަލާއަށްފަހު، ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތާބެހޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ސިފައިންގެ ޒަޢާމަތުގައި ތިއްބެވި ބޭފުޅުންގެ ދުރު ވިސްނުންފުޅާއެކު، ސިފައިންގެ ކަންތައްތަކަށް ގެންނެވި އަވަސް ހެޔޮ ބަދަލުތަކުގެ މަތިން އަޅުގަނޑު މިއަދު ހަނދާންކުރަމެވެ.
 
ސިފައިންގެ ތެރެއަށް ތަޢުލީމީ ޒުވާނުން ވައްދައި، ދީނީ ލޯތްބާއި، ޤައުމީ ރޫޙު އަށަގަންނުވައި، ޤައުމުގެ ދިފާޢުގައި ފަސްނުޖެހި ކުރިމަތިލާނެ ޤާބިލު ޒުވާން ލަޝްކަރެއް މިއަދު ވަނީ އެކުލަވައިލެވިފައެވެ. އަދި މިހާރުވެސް ބޭރުގެ ޢަސްކަރިއްޔާތަކާ ގުޅިގެން ދިވެހި ސިފައިންނަށް ޢަސްކަރީ ތަމްރީނުތައްދީ، ޢަސްކަރީ ފަރިތަކުރުންތައް، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ދަނީ ހިނގަމުންނެވެ.
 
ނަޞްރުގެ ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި، އަމިއްލަވަންތަކަމަށް އުނިކަމެއް އަތުވެދާފަދަ ކަންކަމުން އަޅުގަނޑުމެން ދުރުހެލިވެ ތިބުމަކީ، ވަރަށް މުހިންމު ކަމެކެވެ. ބޭރުގެ އެކި ފަރާތްތަކުން ފޯރުވުމަށް މަސައްކަތް ކޮށްފާނެ އެކި ނުފޫޒުތަކާ ދޭތެރޭގައި، އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ސަމާލުވެއެވެ. ރާއްޖޭގެ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ދިފާޢު ކުރުމުގެ މަތިވެރި ޢަޒުމުގައެވެ.
 
މާތްﷲ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ލަހައްޓަވާށިއެވެ! ބޭރުގެ އެކިއެކި ނުރައްކާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައިވާ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އަބަދަށް ދަމަހައްޓަވާށިއެވެ! އަދި ރާއްޖެއަށް އަބަދުވެސް ނަޞްރާއި ނަޞީބު މިންވަރު ކުރައްވާށިއެވެ!
 
10 މުޙައްރަމް 1436
3 ނޮވެންބަރު 2014