އިއްޔެ 04 ޑިސެމްބަރު 2014 ވީ ބުރާސްފަތި ދުވަހު ފެނުގެ ޚިދުމަތް ފޯރުކޮށްދޭ މައިކުންފުނި ކަމަށްވާ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑްގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ޙާދިސާއާއި އަދި އެ ޙާދިސާއާ ގުޅިގެން މުޅި މާލެއިން ފެނުގެ ޚިދްމަތް މެދުކެނޑިގެން ދިޔުމަކީ އަޅުގަނޑު ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ.

މާލޭގައި ދިރިއުޅޭ އެތައްހާސް ރައްޔިތުންނަށް ފެނުގެ ޚިދްމަތް މެދުކެނޑިގެން ދިއުމާގުޅިގެން ހަމަ އެވަގުތުން ފެށިގެން، އެކަން ޙައްލުކުރެވެންދެންވެސް، ރައްޔިތުންނަށް ފެން ލިބޭނެ މަގުތައް ފަހިކޮށްދިނުމަށާއި ސީދާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ވަޒީރުންގެ ފެންވަރުގައި ޚާއްޞަ ޓާސްކް ފޯހެއް އަޅުގަނޑު ވާނީ އެކުލަވާލާފައެވެ. އަދި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން މި ޓާސްކް ފޯސް ހަމަ އެވަގުތުން ފެށިގެން ޙަރަކާތްތެރިވާން ވަނީ ފަށާފައެވެ.

މާލޭގެ ރައްޔިތުންނަށް މިހާރު މިދިމާވެފައިވާ ފެން ނުލިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން، އެކަމަށް ބޭނުންވާ ފަންނީ ސާމާނާއި ވަޞީލަތްތައް ގެނައުމާއި، ފެނުގެ މައްސަލަ ޙައްލު ކުރެވެންދެންވެސް މާލޭގެ ރައްޔިތުން ބުއިމަށާއި، އެކިއެކި ޟަރޫރީ ބޭނުންތަކަށް ފެން ލިބޭނެ އެންމެހައި އިންތިޒާމްތައް ވަރަށް ފުރިހަމައަށް މި ޓާސްކްފޯހުން ހަމަޖައްސަމުން ގެންދާކަން ފާހަގަކުރަމެވެ. މިކަމުގައި އެންމެ ފުރަތަމަވެސް އަޅުގަނޑު އިސްކަމެއް ދިނީ، ފެނުގެ މައްސަލަ ޙައްލުކުރެވެންދެން، ރައްޔިތުން ބުޔުމަށާއި އެހެނިހެން ޟަރޫރީ ބޭނުންތަކަށް ބޭނުންކުރާނޭ ފެން ހުސްވުމެއް ނެތި ޢާއްމުންނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން މާލޭގެ އެކި ހިސާބުތަކުން ރައްޔިތުންނަށް ފެން ފޯރުކޮށް ދިނުމުގެ އިންތިޒާމްތައް، ދިވެހި ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ހޯއްދަވައި، ޓާސްކްފޯސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް އަޅުގަނޑު އިރުޝާދު ދީފައިވާނެއެވެ. ހަމަ އެހެންމެ ބުޔުމަށް ބޭނުންކުރާ ފުޅިފެން ހުސްވުމެއްނެތި، ޢާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތައްޔާރީ ފެން އުފައްދާ ކުންފުނިތަކުން ލިބެން ހުރި ފުޅިފެނުގެ މިންވަރު ދެނެގަނެ، ވަކި އިންތިޒާމެއްގެ ދަށުން އެއްވެސް އަގަކާނުލާ ރައްޔިތުންނަށް ފުޅިފެން ފޯރުކޮށްދިނުމަށް އަޅުގަނޑު ވާނީ ނިންމާފައެވެ. ﷲގެ ރަޙްމަތްފުޅާއެކު، މައި ފެންކުންޏަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރެވެންދެން، ފުޅިފެން އެންމެހައި ރައްޔިތުންނަށް ފުދޭނޭ މިންވަރަށް މެދުކެނޑުމެއްނެތި، ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަ އެންހައި ދިވެހި ލޮބިވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ.

މިއަދު މި ޑިސެމްބަރު މަހު އަޅުގަނޑުގެ ހަނދާނަށް އަންނަނީ މީގެ ދިހަ އަހަރުކުރީން ހަމަ ޑިސެމްބަރު މަހެއްގައި، މުޅި ދިވެހިރާއްޖެއަށް ކުރިމަތިވި ނުހަނު ހިތާމަވެރި ކާރިސާއެއްގައި، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތްޕުޅުން ފެނިގެންދިޔަ އެކުވެރިކަމާ އެއްބައެއްވަންތަ ކަމުގެ މަތީންނެވެ. ސިޔާސީ ކުލައަކަށް، ޢާއިލާއަކަށް ބެލުމެއްނެތި، އެމީހަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ދިވެހިންގެ ފަޚުރުވެރިވެރި ތާރީޚީ މަންޒަރުތަކުގެ މަތީންނެވެ. މިއަދުވެސް އަޅުގަނޑުގެ އިލްތިމާހަކީ، އެންމެހައި ރައްޔިތުންވެސް ކެތްތެރިކަމާއި އެކުވެރިކާއެކު، ސަރުކާރާ ގުޅިގެން މިކަމުގައި އަލިމަގެއް ފެންނާންދެން ދެމިތިއްބެވުމެވެ. ދިވެހިންގެ ރީތި މިސާލުތައް މި ދަނޑިވަޅުގައިވެސް އިސްކުރެއްވުމެވެ. މިފުރުޞަތުގައި ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފަރާތްޕުޅުން ފެނިގެންދާ ކެތްތެރިކަމާއި، އެކުވެރިކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަމެވެ. އަދި ދިވެހި ރައްޔިތުންގެ މި ޟަރޫރީ ބޭނުންތެރިކަން ފުއްދަވައި ދެއްވުމަށްޓަކައި ޢަމަލީ ގޮތުން ރެޔާދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ދިވެހި ސިފައިންނާއި، ފުލުހުންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ދިވެހި ވިޔަފާރިވެރިން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އެފަރާތްތަކަށްވެސް ނިހާޔަތަށް ޝުކުރު އަދާކުރަމެވެ.

މި ފުރުޞަތުގައި ވެރިރަށް މާލޭގެ ރައްޔިތުންނަށް ހުސްނުވުމެއްނެތި ބޯފެން ފޯރުކޮށްދެއްވުމަށް، އަޅުގަނޑުމެންނާ އެންމެ އަވައްޓެރި ދެޤައުމު ކަމަށްވާ އިންޑިޔާ އާއި ސްރީލަންކާގެ އެންމެ އިސް ފަރާތްތަކުގައި އަޅުގަނޑު އެދުނު އެދުމަށް ނުހަނު އަވަސްކަމާއެކު އިޖާބަ ދެއްވައި، މާލޭގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެއްވުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވާތީ، އެޤައުމުތަކުގެ އެންމެ އިސްވެރިންނަށާއި ރައްޔިތުންނަށް، އަޅުގަނޑުގެ ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރަމެވެ. އަދި މިކަމުގައި އެމެރިކާ ސަރުކާރާއި ޗައިނާ ސަރުކާރުގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން މިހާރު އަޅުގަނޑަށް ދެއްވާފައިވާކަން މިފުރުޞަތުގައި ފާހަގަކޮށް، އެޤައުމުތަކުގެ އެންމެ އިސްވެރިންނަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރަމެވެ. އަދި މިކަމުގައި އިސްނަންގަވައިގެން މަސައްކަތްކޮށްދެއްވައި އެންމެހައި ފަރާތްތައް މިޝުކުރުގައި ޝާމިލު ކުރަމެވެ.

އަޅުގަނޑުގެ ދުޢާ އަކީ މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު ދާދި އަވަހަށް މާލޭގެ ރައްޔިތުންނަށް މިދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުވެގެން ދިއުމެވެ. އަދި މިކަން ޙައްލު ކުރުމަށްޓަކައި، ސަރުކާރުން ކުރާންޖެހުނު ކޮންމެ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ތިޔަ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ. އަދި ތިޔަ ލޮބުވެތި ރައްޔިތުންގެ އިހްސާސްތަކުގައި އަޅުގަނޑު ބައިވެރިވާ ވާހަކަ މިފުރުޞަތުގައި ހިއްސާކުރަމެވެ.