ރާއްޖެ ބޭރުގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވައި، މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.
 
ޤައުމީ ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، ދުވަހުގެ ބަޠަލު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް އާދެ، ބޮޑުތަކުރުފާނު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލުގެ ދިފާޢުގައި ކުރެއްވި ތާރީޚީ ޖިހާދުގެ މަތިން ހަނދާންކޮށް، އެ ތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރެއްވި ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރަމުން، އެ އަބްޠާލުންނަށްވެސް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ.
 
ޤައުމީ ދުވަހަކީ،  މިނިވަންކަން ދެމެހެއްޓުމުގެ ރޫޙު އަލުން އާކޮށް، އާލާކުރުމުގެ ދުވަހެވެ. އެދުވަހު ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ، ދިވެހި ޤައުމަށްޓަކައި އެ ތަކުރުފާނުގެ ހިތްޕުޅުގައި އޮތް މަތިވެރި ލޯތްބާއި އިޙްތިރާމް ސާބިތުވެގެންދިޔަ މާތް ތާރީޚީ ޖިހާދެކެވެ. އެއީ، ޤައުމު ދެކެ ނުހަނު ލޯބިވާ ކޮންމެ ދިވެހި ދަރިއަކުވެސް އުފަލާއި ޝުކުރުވެރިކަމާއެކީ ބަލައިގަންނަންޖެހޭ މަތިވެރި ޤައުމީ ޚިދުމަތެކެވެ.
 
އެހެންކަމުން، ޤައުމާއި ދީނުގެ ޙައްޤުގައި ބޮޑުތަކުރުފާނާއި އަދި އެހެން ޤައުމީ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުން ހިތްވަރު ލިބިގަނެ، މި މިނިވަންކަން އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކާ ހަމައަށް ވާޞިލުކޮށްދިނުމުގެ ޢަޒުމު އާކުރެއްވުމަށް، ރާއްޖޭގެ މި ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
މާތްﷲ، މި ލޮބުވެތި ވަޠަން، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ލަހައްޓަވާށިއެވެ! ރާއްޖޭގެ ޤައުމީ މިނިވަންކަން ޙިމާޔަތް ކުރައްވައި ރައްކާތެރިކުރައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަދި ބާއްޖަވެރި މުސްތަޤްބަލެއް މިންވަރުކުރައްވާށިއެވެ!
 
1 ރަބީޢުލްއައްޥަލް 1436
23 ޑިސެންބަރު 2014