بسـم اللَّه الرّحـمٰـن الـرّحيـم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
 
الســّلام عليــكم ورحـمــة اللّـه وبـركاتـه،
 
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިމެނޭ ރިޔާސީބަޔާނެއް، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަކީ މިއަދު އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެއް.
 
 
މި ފުރްޞަތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އެ ޤާނޫނުއަސާސީގެ ބާރާއި ޙުރްމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު އަރުވަން.
 
ވޭތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގައި ޖިނާއީ ޢަދުލުގެ ނިޒާމާއި އަދި މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް.
 
ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމާއި، ޝަރީޢަތް ކުރުމުގެ ނިޒާމު އިޞްލާޙު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައި. އަދި ޝަރީޢަތް ކުރުމާބެހޭ ގަވާއިދުގެ ބަދަލުގައި، އެކަމަށް އެކަށީގެންވާ މަދަނީ އިޖުރާތުގެ ޤާނޫނު އެކުލަވައިލުމަށް މިހާރު ކުރަމުންދާ މަސައްކަތް ނިމި، އެ ޤާނޫނުގެ ބިލު، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅޭނެ.
 
ޢިއްޒަތްތެރި ރައީސް؛
 
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ރީހެބިލިޓޭޓް ކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ސިޔާސަތަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު މިވަނީ ނިންމާފައި. މިގޮތުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ނަތީޖާ ޙާޞިލުކުރެވޭފަދަ ގޮތަކަށް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ފަރުވާދޭ މަރުކަޒުތަކެއް ހިންގޭނެ.
 
މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ޢަމަލުތައް ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރިސްކް މެނެޖްމަންޓް ފްރޭމްވަރކެއް އެކުލަވާލައި، އެ އޮނިގަނޑަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށޭނެ.
 
ޢިއްޒަތްތެރި ރައީސް؛
 
ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ އޮތް، އިސްލާމީ ވަޙުދަތު ކުރިއަރުވާ ޤައުމަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މިގޮތުން، ރާއްޖޭގައި ފުރަތަމަ އުފައްދާ އިސްލާމީ ޔުނިވަރސިޓީއާ ބެހޭ ބިލު، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް މިހާރުވަނީ ފޮނުވާފައި.
 
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 8 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. އަދި ސަޢޫދީ ސަރުކާރުގެ އެހީގެ ދަށުން ޢިމާރާތްކުރާ 7 މިސްކިތެއްގެ މަސައްކަތްވެސް މިހާރު ދަނީ ހިނގަމުން. ހަމައެޔާއެކު، ސަޢޫދީ ރަސްގެފާނު ޢިމާރާތްކޮށްދެއްވާ 10 މިސްކިތެއްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުދަނީ ވަމުން.
 
ޢިއްޒަތްތެރި ރައީސް؛
 
މިދިޔަ އަހަރު 7 ރަށެއްގެ ބަނދަރު ހަދައި ނިމިފައިވޭ. އަދި މިހާރު 32 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން. މީގެއިތުރުން، 4 ރަށެއްގެ ބިން ހިއްކައި މިހާރު ވަނީ ނިމިފައި. އަދި  3 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވެމުންދާއިރު، 3 ރަށެއްގައި ބިން ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
 
ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 10 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކުރެވިފައި. މި 10 ރަށުގެ ތެރެއިން 6 ރަށެއްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.
 
މާލޭގެ މަގުތަކުގެ ފެންބޮޑުވާ މައްސަލައަށް މިހާރުން މިހާރަށްވެސް ޙައްލެއް ހޯދުމުގެ ގޮތުން އެންމެ ބޮޑަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައި ފެން ހިންދުމަށާއި ފެން ބޭރުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އެ މަސައްކަތް އެމް.ޑަބްލިޔޫ.އެސް.ސީ.އާ ހަވާލުކުރެވި މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި. މާލޭގެ މުނިސިޕަލް ޚިދުމަތްތަކަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން، މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައި.
 
ސާފު ބޯފެނާއި، އެކަށީގެންވާ ނަރުދަމާގެ ޚިދްމަތް، ރާއްޖޭގެ ރައްޔިތުންނަށް ފޯރުވައިދިނުމަށްޓަކައި 100 މިލިއަން ޑޮލަރުގެ ބޭރުގެ ލޯނު އެހީ މިހާރުވަނީ ހަމަޖެހިފައި. މި ލޯނު އެހީގެ ދަށުން 18 ރަށެއްގެ ނަރުދަމާގެ ނިޒާމާއި އަދި ބޭރު ލޯނާއި ހިލޭ އެހީގެ ދަށުން  21 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރުދަނީ ކުރިއަށް. މީގެއިތުރުން، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 48 ރަށެއްގައި ނަރުދަމާގެ ނިޒާމާއި، 19 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ވަނީ ކަނޑައަޅާފައި.
 
ހުޅުމާލޭގައި ޢިމާރާތް ކުރެވެމުންދާ 1089 ފްލެޓްގެ މަސައްކަތް ނިމި އަދި އޭގެއިތުރުން 5000 ފްލެޓެއްގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ކުރެވޭނެ.
 
ހުޅުމާލޭގެ ބިން ބޮޑުކުރުމަށްޓަކައި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ ދަށުން 227 ހެކްޓަރުގެ ބިން ހިއްކޭނެ. އިރާދަކުރެއްވިއްޔާ، މި މާޗް މަހުގެ ތެރޭގައި، ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމޭނެ.
 
ކުނީގެ މައްސަލަތައް ޙައްލުކުރުމަށް، އުތުރުގެ 4 އަތޮޅުގައި ހިންގާ ސަރަޙައްދީ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ފުރަތަމަފަހަރަށް ޒަމާނީ ފެންވަރުގެ އިންސިނެރޭޓަރެއް ބެހެއްޓި، އޭގެ މަންފާ، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ރިޒޯޓްތަކަށް، މިއަހަރުގެ ތެރޭގައި ލިބިގެންދާނެ.
 
ދިވެހިރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިއަހަރުގެ ތެރޭގައި އަލަށް 9 މަޝްރޫޢެއް ފެށޭނެ. އަދި މިދިޔަ އަހަރު ފަށާފައިވާ 6 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުވެސް މިއަހަރުގެ ތެރޭގައި ނިމޭނެ.
 
ޢިއްޒަތްތެރި ރައީސް؛
 
ސަރުކާރުން މަސްވެރިންނަށް ޤާއިމުކޮށްދިނުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ފުރަތަމަ މެރީނާ، މިދިޔަ އަހަރު ފެލިވަރުގައި ވަނީ ޤާއިމުކުރެވިފައި. އަދި 2 ވަނަ މެރީނާ، މިއަހަރުގެ ތެރޭގައި ކޫއްޑޫގައި ޤާއިމުކުރެވޭނެ. އަދި 3 ވަނަ މެރީނާ، ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތާއި، 4 ވަނަ މެރީނާ، ސ. ފޭދޫގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކޮށް ނިންމޭނެ.  
 
ކާނާގެ ފުދުންތެރިކަމަށް ވާސިލުވުމަށްޓަކައި ދަނޑުވެރިކަމުގެ ކޯޕަރޭޓިވްތައް އުފެއްދުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި 5 ކޯޕަރޭޓިވަކަށް ވަނީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި މެޝިނަރީ ފޯރުވައިދެވިފައި.
            
 ރާއްޖޭގެ ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް، ތަޢުލީމީ ފެންވަރު މަތިކުރުމަށްޓަކައި ޓީޗަރުންގެ އެންމެ ދަށް ކޮލިފިކޭޝަނަކީ ޑިޕްލޮމާ ލެވެލް ކަމަށް ހަމަޖައްސައި، ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑެއްވަނީ އެކުލަވައިލައި ތަންފީޒު ކުރަން ފަށާފައި. އަދި ވަޒީފާގައި ތިބެގެން މަތީ ސަނަދުތަކަށް އުނގެނުމުގެ ފުރުޞަތު ޓީޗަރުންނަށްވަނީ ފަހިކޮށްދެވިފައި.  
 
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛ 
               
ހުސްނުވާ އާސަންދައިގެ ދަށުން ބޮޑެތި ބަލިތަކަށްވެސް ފަރުވާދެވޭނެ ނިޒާމެއް މިހާރުވަނީ ޤާއިމުކުރެވިފައި. އަދި ކިޑްނީ ބަދަލުކުރުމުގެ ހުރިހާ ޚަރަދަކާއި، ޑޯނަރުގެ ކްރޮސްމެޗް ހެދުމަށް ހިނގާ ހުރިހާ ޚަރަދެއް، ޞިއްޙީ އިންޝުއަރެންސް ސްކީމްގެ ތެރެއިން ގެންދަނީ ހަމަޖައްސައިދެމުން. މިދިޔަ އަހަރުގެ ތެރޭގައި، 17 މީހެއްގެ ކިޑްނީ ބަދަލުކޮށްދެވިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.
 
އާސަންދައިގެ ދަށުން ދޫކުރެވޭ ބޭސްތައް ދޫކުރެވޭ އުޞޫލުތަކަށް ބަދަލުގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޮޑެތި އޮޕަރޭޝަންތައް ކޮށްފައި ތިބޭ މީހުންގެ ތެރެއިން މުޅި ޢުމުރަށް ވަކި ބޭސްތަކެއް ބޭނުންކުރަންޖެހޭ މީހުންނަށް، އެބޭސްތައްވެސް އާސަންދައިގެ ދަށުން ހިލޭ ލިބޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.
 
ސުޕަރ ސްޕެޝަލިސްޓުންގެ ޚިދްމަތް، އަތޮޅުތެރޭގެ ރައްޔިތުންނަށް ފޯރުވައިދިނުމަށް ހިންގާ ޕުރޮގުރާމެއްގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އެ މަޝްރޫޢު ދަނީ ކުރިއަށް.
 
ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކައިވެނި ރޫޅުމަށްފަހު އަންހެނުންނަށް ލިބޭ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ޢާއިލާއާބެހޭ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިޞްލާޙުތައް ހިމެނޭ ބިލެއް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް މިހާރުވާނީ ހުށަހަޅާފައި. އަދި ކައިވެނި ރޫޅުމާ ގުޅިގެން ދިމާވާ ޙާލަތްތަކުގައި އަންހެން މީހާއަށާއި ކުދިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެފަދަ ބޯހިޔާވަހިކަމުގެ ވަގުތީ އިންތިޒާމު ހަމަޖައްސައިދެވޭނެ. އަދި [ކައިވެނި ރޫޅިއްޖެނަމަ، އެކުގައި ހޯދާފައިވާ މުދަލުން ޙައްޤު ޙިއްޞާ ހޯދައިދޭނަން] މި ވަޢުދުގެ ދަށުން، ދެމަފިރިން އެކުގައި މުދާ ހޯދާފައި ވަނިކޮށް، ކައިވެނި ރޫޅިއްޖެނަމަ، އެ މުދަލުގައި ދެފަރާތް ޙިއްޞާވާވަރު ކަނޑައެޅުމުގެ އުޞޫލު ޤާއިމުކުރެވޭނެ.
 
ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދްމަތްތައް ބުރަޔަކާ ނުލައި ލިބޭނެގޮތް އިންތިޒާމުކޮށް، އެ އިންތިޒާމުތައް ހަރުދަނާ ކުރުމަށާއި، އެފަދަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދީގެން ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ އުޞޫލުތަކެއް މިހާރުދަނީ އެކުލަވައިލެވެމުން.
 
ޢިއްޒަތްތެރި ރައީސް؛
 
ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި 200 މިލިއަން ރުފިޔާގެ ބަޖެޓެއްގެ ދަށުން [ގެޓްސެޓް]ގެ ނަމުގައި މިހާރުވަނީ ޕުރޮގުރާމެއް އެކުލަވައިލާފައި. މި ޕުރޮގުރާމުގެ ދަށުން ޒުވާނުންނަށް ދޫކުރެވޭ ލޯނު، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދޫކުރަން ފެށޭނެ.
 
ޒުވާނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމުގެ ގޮތުން، ޒުވާނުންނަށް ޚާއްޞަ ޤާނޫނެއްގެ ބިލު މިހާރުވަނީ އެކުލަވައިލާފައި. މި ބިލު މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ.
 
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސް، ބީލަމަށް ލުމަށްޓަކައި މިހާރުވަނީ ޓެންޑަރ ބޯޑަށް ހުށަހެޅިފައި.
 
ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ބޮޑެތި ހޭދަތަކެއް ކުރެވުނު އަހަރެއް. އެގޮތުން، 2000 އަށްވުރެ މަތީގެ އާބާދީ އޮތް ކޮންމެ ރަށެއްގައި ސްޕޯޓްސް އެރީނާއެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 36 ދަނޑުގެ މަސައްކަތް ވަނީ ފަށާފައި. އޭގެތެރެއިން ބައެއް ދަނޑުތަކުގެ މަސައްކަތް ނިމި، އެ ދަނޑުތަކުގެ ބޭނުން، ޒުވާނުން ހިފަމުންދާއިރު، ނުނިމިހުރި ދަނޑުތައް އެއްކޮށް ނިންމައި، މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ.
 
ރާއްޖޭގެ ކުޅިވަރާބެހޭ ޤާނޫނެއްގެ ބިލު، މި ޢިއްޒަތްތެރި މަޖިލީހަށް މިހާރުވަނީ ހުށަހަޅާފައި. އަދި އެކި ކުޅިވަރުތަކަށް ޒުވާނުން ވީއްލުމުގެ ހަރުދަނާ އުޞޫލެއް، މިދެންނެވި ޤާނޫނުގެ ތެރެއިން ޤާއިމުކުރެވިގެންދާނެ.
 
ޢިއްޒަތްތެރި ރައީސް؛
 
2014 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވެނީ %8.5 ގައި. އަދި މިއަހަރު ރާއްޖޭގެ އިޤްތިޞާދު %10.5 އަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް މިއަހަރުގެ ތެރޭގައި އެޅޭނެ. 2014 ވަނަ އަހަރު ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ޚިދުމަތުގެ އަގުތައް އިތުރުވި މިންވަރު، ނުވަތަ އިންފްލޭޝަން، ވަނީ އެވްރެޖްކޮށް 2.4% ގައި ހިފެހެއްޓިފައި.
 
ސަރުކާރުގެ ޚަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރު ސަރުކާރުގެ ޑެފިސިޓް ވަނީ 2013 ވަނަ އަހަރާ އަޅާބަލާއިރު ކުޑަވެފައި. މިގޮތުން ސަރުކާރުގެ ޑެފިސިޓް ހުރީ 1.6 ބިލިއަން ރުފިޔާގައި.
 
ޢިއްޒަތްތެރި ރައީސް؛
 
ރާއްޖޭގެ މަނިޓަރީ ސިޔާސަތު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ބޭންކްތަކުން އެމް.އެމް.އޭ.ގައި ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު، ވަނީ %25 އިން %20 އަށް ދަށްކޮށްފައި. އަދި ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނު އިތުރުކުރުމަށް މިއަށްވުރެ ބޮޑަށް ބާރުއެޅުމުގެ ގޮތުން، އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މިއަހަރުވެސް މިނިމަމް ރިޒަރވް ރިކުޔަރމަންޓް ދަށްކުރުމަށްވަނީ ގަސްތުކޮށްފައި. ހަމައެއާއެކު، ޑިޕޮސިޓަރުންގެ ފައިސާ ޙިމާޔަތްކުރުމުގެ ގޮތުން ޑިޕޮޒިޓް އިންޝުއަރަންސް ސްކީމް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތަޢާރުފު ކުރެވޭނެ.
 
އެންމެފަހުގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރު  ކަރަންޓް އެކައުންޓް ޑެފިސިޓް 214.7 މިލިއަން އެމެރިކާ ޑޮލަރަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން %6 އަށް ދަށްވާނޭކަމަށް އަންދާޒާކުރެވޭ. 2014 ވަނަ އަހަރަށް ލަފާކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓަކީ 290 މިލިއަން އެމެރިކާ ޑޮލަރު. މިއީ، ޖީޑީޕީގެ ނިސްބަތުން %10.
 
2014 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު އިތުރުވުމާ ގުޅިގެން، ޑޮލަރު ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ޙައްލުކުރެވި، ޑޮލަރު ލިބުމުގެ ދަތިކަން، މާތްﷲގެ ވާގިފުޅާއެކީ މިހާރުވަނީ ފިލާފައި.
 
ފަތުރުވެރިކަމުގެ ޞިނާޢަތުގައި ނުހިމެނޭ 24 ފޮރިން އިންވެސްޓްމަންޓް މިހާތަނަށްވަނީ ރަޖިސްޓްރީކޮށްދެވިފައި. މި އިންވެސްޓްމަންޓުތަކުން ކުރިއަށް އޮތް 5 އަހަރަށް ޖުމްލަ 9.8 ބިލިއަން ރުފިޔާ، ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނެކަމަށް ވަނީ ހުށަހަޅާފައި. މިއީ، ފާއިތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު 100 އިން 70ގެ ކުރިއެރުމެއް.
 
ޢިއްޒަތްތެރި ރައީސް؛
 
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ޞިނާޢަތު ކަމަށްވުމާއެކު، އެންމެ ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް، ސަރުކާރުން މިގެންދަނީ ކުރަމުން. ޚާއްޞަކޮށް، ޗައިނީޒް މާކެޓާއި، ރަޝިޔާ މާކެޓުން އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވެފައިވުމާއެކު، އެ މާކެޓުތަކުން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މިގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން.
 
ރާއްޖެއަކީ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބެލެވެމުން އައި ކަމުގައިވިޔަސް، އެފޯޑެބްލް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް، އަދި މެދު ފަންތީގެ މީހުންނަށްވެސް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާކުރުމުގެ މަސައްކަތްތަކެއް މިހާރު ދަނީ ކުރެވެމުން.
          
ރިޒޯޓް ތަރައްޤީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިހުރި ރަށްތަކުގެ ތެރެއިން އެގްރީމަންޓާ ޚިލާފުވެގެން ވަކިކުރަންޖެހޭ ފަރާތްތަކުގެ ކިބައިން ރަށްތައް މިގެންދަނީ ވަކިކުރަމުން. އަދި އާ ރިޒޯޓުތައް ތަރައްޤީ ކުރުމަށް މިއަހަރުގެ ތެރޭގައި، ޖޮއިންޓް ވެންޗަރ އުޞޫލުންނާއި، ބީލަމުގެ އުޞޫލުން 22 ރަށެއް ދޫކުރެވޭނެ.
 
ޢިއްޒަތްތެރި ރައީސް؛
 
ދިވެހިރާއްޖޭގައި ޤާއިމުކުރާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގައި އިންވެސްޓް ކުރާނެ ބޭރުގެ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. އެސް.އީ.ޒެޑް.ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ 150 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގެ މަޝްރޫޢުތައް ކަމަށްވާތީ، މީގެ ކޮންމެ އިންވެސްޓްމަންޓަކުން ގިނަ ޢަދަދެއްގެ ވަޒީފާތައް އުފެދި، ޒުވާނުންނަށް އިތުރު ފުރްޞަތުތައް ލިބި، ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އެސް.އީ.ޒެޑް.ގެ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށްވާ އައިހެވަންގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން.
 
[އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް] ގައި، އާ އިންޓަރނޭޝަނަލް ޕެސެންޖަރ ޓަރމިނަލެއް ހެދުމަށްޓަކައި، އާ ޓަރމިނަލްގެ ބޭސިކް ޑިޒައިންގެ މަސައްކަތް ނިމި، އެކަމުގެ މަޢުލޫމާތު މިހާރުވަނީ ޢާންމު ކުރެވިފައި. އަދި އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދާ ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމާއެކު، ރަންވޭ މަރާމާތު ކުރުމާއި، ރީސަރފެސް ކުރުމުގެ މަސައްކަތް މިހާރު ވަނީ ބީލަމަށް ހުޅުވާލާފައި.
 
ޢިއްޒަތްތެރި ރައީސް؛
 
މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލު އަހަރު. ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ރަން ޔޫބީލު ހަރަކާތްތައް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް. މިފަދަ ޤައުމީ މުނާސަބަތެއް ފާހަގަކުރަމުންދާއިރު، މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމު. އެހެންކަމުން، ސަރުކާރުން ކުރިއަށް މިގެންދާ ކަންކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެން، ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމަށް ދަންނަވަން. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް، ކުލަގަދަ ރަންޔޫބީލަކަށް ހައްދަވައި ދެއްވުމަށް، ތިޔަ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރަން.
 
ޢިއްޒަތްތެރި ރައީސް؛
 
ވޭތުވެދިޔަ އަހަރަކީ މާތްﷲގެ ވާގިފުޅާއެކު، ޚާރިޖީ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެއް. މިގޮތުން، މިވޭތުވެދިޔަ އަހަރަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ވިދާލި އަހަރެއް. އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، ހަރުދަނާ މަސައްކަތްތަކެއް ކުރުމުގެ އިތުރުން، ރާއްޖެއިންވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ [އެއޯސިސް]ގެ ރިޔާސަތާ ޙަވާލުވެފައި. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގެ އެގްޒެކެޓިވް ބޯޑުގެ ރިޔާސަތާވެސް ޙަވާލުވެފައި.
 
ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމާއި، ޢަރަބި އިސްލާމީ ޤައުމުތަކާއެކު ގުޅުންތައް، އިހު އޮތް އުސްމިނަށް އަލުން އުފުލައިލުމަށް، ވޭތުވެދިޔަ އަހަރު ކާމިޔާބުކަމާއެކީ ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ބޭރުގެ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، ޚާރިޖީ ގުޅުންތައް ހަރުދަނާ ކުރުމަށްޓަކައި އެކުވެރި ދައުލަތްތަކުން ދެއްވި ދަޢުވަތުތަކަށް އަޅުގަނޑުވެސް މިދިޔަ އަހަރު ފުރަމާނަ އަދި ރަސްމީ ދަތުރުތަކެއް ކުރިން. އަދި އެކި ރޮނގުތަކުން ޤައުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ތަފާތު އެއްބަސްވުންތަކެއް، އިންޑިޔާއާއި ސްރީލަންކާއާއި، ޗައިނާއާއި، ޖަޕާނުފަދަ ޤައުމުތަކާއެކު ސޮއިކުރެވި ތަންފީޛު ކުރަން ވަނީ ފެށިފައި.
 
ޢިއްޒަތްތެރި ރައީސް؛‏
 
އަޅުގަނޑުމެން މިއަދު ކުރަމުން މިދަނީ ދިވެހި ޤައުމު، ފާގަތި، އަމާން މަންޒިލަކަށް ގެންދިޔުމުގެ މަސައްކަތް. ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒު. އެފަދަ ވެށްޓަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކަކީ، ވަރަށް ހަރުދަނާކަމާއެކީގައި ކުރަމުންދާ މަސައްކަތްތަކެއް. މި މަސައްކަތްތައް މިގޮތަށް ކުރަމުންގެންދާއިރު، ޤައުމުގެ ހަމަޖެހުމަށާއި މަޞްލަޙަތަށް ކޮންމެ ފަރުދަކުވެސް އިސްކަންދޭންޖެހޭނެ. އަދި ޤާނޫނުތައް ނަގަހައްޓައި ދަމަހައްޓަން އިސްކަންދޭންޖެހޭނެ.
 
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
 
އިރާދަކުރެއްވިއްޔާ މިއަހަރަކީވެސް، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި އާ ކުރިއެރުންތަކެއް ހޯދާނެ އަހަރަކަށް ވެގެންދާނެ. ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފެނިގެންދާނެ އަހަރަކަށް ވެގެންދާނެ. ރައްޔިތުންނަށް އެތަކެއް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ އަމާޒާ ހަމައަށް ވާޞިލުވުމުގައި ގިނަގުނަ ކާމިޔާބީތަކެއް ލިބިގެންދާނެ އަހަރަކަށް މިއަހަރު ވެގެންދާނެ.
 
މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! އަމަންއަމާންކަން ޤާއިމުވެފައިވާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދަށްމެ ދަމަހައްޓަވާށި! ރައްޔިތުންގެ ހެވާއި ލާބައަށާއި، ރާއްޖޭގެ ތަރައްޤީއަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
 
وما توفيقى إلاّباللَّـه، عليه توكّلت، وإليه أنيب.
 

والســّلام عليــكم ورحـمــة اللّـه وبـركاتـه.

 
11 ޖުމާދަލްއޫލާ 1436

2  މާރިޗު    2015