މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަދި ޙައްޖު ޢުމުރާ ދުވަސްވަރު ފެތުރިދާނެ ތަފާތު ރޯގާތައް ކޮންޓްރޯލްކޮށް، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ޞިއްޙީ ރައްކާތެރިކަން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކެއްގެ ސަމާލުކަމަށް ގެނެވި، މިކަންކަމާގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންގެންދާ ވާހަކަ ދެންނެވިން.

މިގޮތުން، ރަށުތެރޭގައި މަދިރި އާލާވާފަދަ ތަންތަން ހުރިތޯބަލައި އެތަންތަން ނައްތާލުމާއި، ރަށުތެރެ ސާފުކުރުމާއި ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށް ފޮގްކުރުން ހިމެނޭ. މީގެ އިތުރުން، މިކަމާގުޅިގެން ސަމާލުވާންޖެހޭ ކަންކަމުގެ މަޢުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުމާއި ރޯގާގެ ބަލިތަކަށް ޚާއްޞަކޮށްގެން ފަރުވާދިނުމުގެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސާފައިވާކަމާއި، ދައުލަތުގެ އެކިއެކި އިދާރާތަކާއި މުއައްސަސާތަކުން މިކަމާގުޅޭ ފަންނީ ޓީމްތައް އެކުލަވާލައި މިކަމަށް ޚާއްޞަވެތިބެ މަސައްކަތްކުރާކަން ފާހަގަކޮށްލަން.

ތިމާއާއި ތިމާގެ ޢާއިލާ ރައްކާތެރިކުރުމަށް ފަރުދީ އަދި ޢާއިލީ ފެންވަރުގައި ކުރެވެންހުރި ކަންތައްތައްކޮށް، ތިމާއާއި ތިމާ ދިރިއުޅޭ ވެށި ސާފުކޮށް، ޢާއްމު ސާފުތާހިރުކަމަށް ސަމާލުވެ، ޞިއްޙީ ދާއިރާއިންދޭ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުމަށް މިދަނޑިވަޅުގައި އަޅުގަނޑު، ތިޔަ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަން. ސަރުކާރާއި ރައްޔިތުން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުން، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު، މިފަދަ ރޯގާ ބަލިމަޑުކަމުން އަޅުގަނޑުމެންނަށް ރައްކާތެރިކަން މިންވަރުކުރައްވާނެ.