ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީ ގޮތުން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ. އަދި، ފަތުރުވެރިކަމުގެ ޞިނާޢަތަށް މަގުކޮށްޓަވައިދެއްވި ހީވާގި ވިޔަފާރިވެރިންނަށާއި ސިޔާސީ މުފައްކިރުންނަށާއި، މަސައްކަތްތެރިންނަށާއި އަދި މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ހުރިހާ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ ހީވާގި ހިންގުންތެރިންނަށާއި، އަދި މި ޞިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރަމެވެ.
 
        ރާއްޖޭގައި ޤާއިމްކުރެވިފައިވާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަކީ، އެތައްބައެއްގެ ހިތްވަރާއި މިންނަތުގެ ފޮނި މޭވާކަމާމެދަކު ޝައްކެއްނެތެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުކަމަށް ކަނޑައަޅާފައިވާ، [އެއް ބިލިއަން ފަތުރުވެރިން – އެއް ބިލިއަން ފުރުޞަތު] މި ޝިޢާރަށް ބަލާއިރު، މި ޝިޢާރު ބިނާކޮށްފައިވަނީ، ދުނިޔޭގައި ފަތުރުވެރިންގެ އަދަދު 2014 ވަނަ އަހަރު، 1.1 ބިލިއަނަށް އަރާފައިވުމާއި، އެކަމުގެ ސަބަބުން ހުޅުވިގެންދާ ތަފާތު ފުރުޞަތުތަކުގެ މައްޗަށްކަން ފާހަގަކޮށްލަން ޖެހެއެވެ.
 
        ރާއްޖޭގައި، 1972 ވަނަ އަހަރު، އެންމެ 60 އެނދުން ވަރަށް ކުޑަގޮތަކަށް ފެށުނު މި ޞިނާޢަތު މިވަނީ، 32,000 އަށްވުރެ އެނދުގެ އަދަދު އިތުރުވެ، ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަދަ ޞިނާޢަތަކަށް ވެފައެވެ. މިގޮތުން 2014 ވަނަ އަހަރު ވަނީ 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި ކުރިއަށްއޮތް 2016 ވަނަ އަހަރަކީ، ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ކަނޑައެޅިފައިވުމުން، އެ އަދަދު އެތައްގުނައެއް އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.
 
        ދިވެހިރާއްޖެއަކީ، ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، މި ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ29 އިންސައްތަ ޙިއްޞާކުރާ ޞިނާޢަތަކީ ފަތުރުވެރިކަމެވެ. މި ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ފަހިކޮށްދެވެންހުރި ކަންކަން މިގެންދަނީ، ފަހިކޮށްދެމުންނެވެ. އެގޮތުން، މި ޞިނާޢަތު ފުޅާކޮށް ޑައިވަރސިފައި ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، އެކަމަށްޓަކައި އަލަށް ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލުމާއި އަދި މިހާރު ޢަމަލު ކުރަމުންގެންދާ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިގެންދަނީ ކުރަމުންނެވެ.
 
        އޭގެއިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ނަގާ ލޯނުގެ ތެރެއިން ހުރިހާ ޗާރޖުތަކެއް ހިމެނޭގޮތަށް، ހަތަރު ޕަސެންޓަށްވުރެ އިންޓަރެސްޓް ރޭޓް ދަށް ލޯނުތަކަށް، ސޮވެރިންގ ގެރެންޓީ ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، ސޮވެރިންގ ގެރެންޓީ ދޭގޮތަށް ހަމަޖެހިފައިވަނީ، ސަރުކާރުން ކަނޑައަޅާ ވަކި ދާއިރާތަކަކަށް އިންވެސްޓް ކުރުމަށް ނަގާ ލޯނުތަކަށެވެ. މިގޮތުން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓްކުރާ ފަރާތްތަކަށް ސޮވެރިންގ ގެރެންޓީ ލިބިގެން ދިއުމަކީ، މި ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޯނު ލިބުމުގެ މަގު ތަނަވަސްވެގެންދާނޭ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.
 
        ފަތުރުވެރިކަމަކީ އެތަކެއް ވަޒީފާގެ ފުރުޞަތު އުފައްދާ ޞިނާޢަތެކެވެ. މިގޮތުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ބޮޑު ޙިއްޞާއެއް އަދާކުރަނީ މި ދާއިރާއިންނެވެ. ނަމަވެސް، މި ފުރުޞަތުތަކުގެ ބޭނުން އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަށް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ. މި ދާއިރާއިން ހުޅުވައިލެވޭ ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ.  މި ޞިނާޢަތް ހިންގަވަން ތިއްބެވި ފަރާތްތަކުންވެސް ދިވެހިންނަށް ވަޒީފާ ދެއްވުމަށް އިތުރަށް ބާރުއަޅުއްވައި، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް މި ފުރުޞަތުގައި ދަންނަވަމެވެ.
 
        ރާއްޖޭގެ އެންމެ ބޮޑު އެއް ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިނާޢަތް ކަމަށް ވީހިނދު، މި ޞިނާޢަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ، މި ޤައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެކެވެ. އެހެންކަމުން، ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެކެވެ. ކަންމިހެން އޮތްނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ބޮއިކޮޓް ކުރުމަށް ގޮވާލައި، އެކިއެކި ވަސީލަތްތައް މެދުވެރިކޮށް، އެތެރެއިންނާއި ބޭރުން މަސައްކަތް ކުރަމުން ގެންދާކަން، އަޅުގަނޑު ވަރަށް ހިތާމައާއެކު ފާހަގަކޮށް، އެކަން ވަރަށްބޮޑަށް ކުށްވެރި ކުރަމެވެ. އަދި، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ގޮވާލުންތަކުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކަށް، އެފަދަ ފަރާތްތަކުން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެމެވެ. ޝައްކެއްނެތްގޮތުގައި، ބާރު ދުވެއްޔެއްގައި ތަރައްޤީ ވަމުން އަންނަ މި ޞިނާޢަތަށް ހުރަސްއެޅޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ، ރާއްޖެދެކެ އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންދެކެ ލޯބިވާ ފަރާތަކުން ކޮށްގެންވާނޭ ކަމެއްނޫނެވެ.
 
        ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު ރައުސްމާލަކީ، މި ރާއްޖެއަށް މާތްﷲ ދެއްވާފައިވާ ޤުދުރަތީ މުއްސަނދިކަމެވެ. ރާއްޖެއަކީ، އަމާން ހިތްފަސޭހަ މަންޒިލެކެވެ. ރާއްޖޭގެ ރަށްތަކާއި ފަރުތަކާއި ފަޅުތަކާއި މި ތަންތަނުގެ ދިރުން ގުޅި ލާމެހިފައިވަނީ، މުޖުތަމަޢާއި މި ޞިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާއެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް މި ދިރުންތައް ދެމެހެއްޓުމަށާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަން، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންތައް ކުރުމަށް އިލްތިމާސް ކުރަމެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ. މިގޮތުން، ގްރީން ޓެކްސް ތަޢާރުފް ކުރެވި، ގްރީން ފަންޑްވެސް މިވަނީ ޤާއިމްކުރެވިފައެވެ.
 
        ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހައި ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެންނެވެ. އަދި ޤައުމު ކުރިއެރުވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައިގެންނެވެ.
 
        އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ދެއްވައި، އެކަމުގެ ހެޔޮ ލާބައާއި މަންފާ އެންމެހައި ދިވެހިންނަށް ލިބުމުގެ މަގު ފަހިކޮށްދެއްވުމެވެ. އަދި ރާއްޖެއަށް ފާގަތިކަމާއި އުޖާލާ މުސްތަޤްބަލެއް މިންވަރު ކުރެއްވުމެވެ. އާމީން!