ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މި މަތިވެރި ނިޢުމަތް ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ. އެއަށްފަހު، މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ.
 
         ޤައުމީ ދުވަހުގެ ބަޠަލު، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން، އެމަނިކުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ، ބިރުވެރިކަމާއި މުސީބާތާއި ދަތި އުނދަގޫތަކުގެ ކުރިމަތީގައިވެސް، ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރެއް ކުރިއަށް ނެރެފިނަމަ، އަޅުވެތިކަން މިނިވަންކަމަށް ބަދަލުކުރެވޭނެކަން ސާބިތުކޮށްދެއްވި ޖިހާދެކެވެ. އެހެންކަމުން، ބޮޑުތަކުރުފާނާއި، އެ ތަކުރުފާނާއެކު އެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އަބްޠާލުން އެ ދެއްކެވި ފުރިހަމަ ކެރިވަޑައިގަތުމާއި ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ނަމޫނާއިން އަޅުގަނޑުމެންގެ މިއަދުގެ ޒުވާން ޖީލު ޢިބްރަތް ޙާޞިލު ކުރުމަށް އަޅުގަނޑު ގޮވާލަމެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ދީނާއި ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޢަޒުމު އާކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރަމެވެ.
 
މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ބިންގަލުގެ މަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ! ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި ކުރިއެރުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތާއި ކާމިޔާބު ލައްވާށިއެވެ!  އާމީން.