މިއަދަކީ މީގެ އަށްސަތޭކަ އެތައް އަހަރެއް ކުރިން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ނޫރުން ދިވެހިންގެ ހިތްތައް އަލިވެ، އުޖާލާވެގެންދިޔަ ދުވަހެވެ. މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި މި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ދަންނަވަމެވެ.
 
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ވުމާއެކު، މާތްވެގެންވާ އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ރާއްޖޭގައި ޖާގަ ނެތްކަން، ޤާނޫނުއަސާސީން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، ޤައުމުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓުމާއި އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިފެހެއްޓުމުގެ ބިންގަލަކީވެސް މާތްވެގެންވާ އިސްލާމްދީންކަން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެއެވެ. އަދި ނުގުޑާފަދަ ޢަޒުމަކާއެކު މި މާތް ދީނުގެ ތެދުމަގުގައި ސާބިތުވެ ތިބުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެކެވެ.
 
މި ފުރްޞަތުގައި، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް، އެ ދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިއްބަވައި، އަދި ދީނީ ފަރުޟުތަކަށާއި ވާޖިބުތަކަށް ރައްކާތެރިވެ ތިއްބެވުމުގެ ޢަޒުމް އާކުރެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި، އިސްލާމްދީނަށް ޝައުޤުވެރިކަން އުފެއްދެވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމަށް މައިންބަފައިންނަށާއި ބެލެނިވެރިންނަށްވެސް އަޅުގަނޑު ގޮވާލަމެވެ.
 
މާތްﷲ، އިސްލާމްދީނުގެ މި މަތިވެރި ހިދާޔަތުގައި އަބަދަށް ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންނަކީ ދީނީ ކަންކަމަށް ލޯބިކުރާ އަދި ހުރިހާ ގޮތަކުންވެސް ވަރަށް އެކުވެރި، އަޚުވަންތަ ބަޔަކު ކަމުގައި ލައްވާށިއެވެ! އިސްލާމީ އުންމަތަށް އިތުރު ނަޞްރާއި ކާމިޔާބީއާއި ހަމަޖެހުން މިންވަރު ކުރައްވާށިއެވެ! އާމީން.