بسـم اللَّه الرّحـمٰـن الـرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

الســّلام عليــكم ورحـمــة اللّـه وبـركاتـه،

ވޭތުވެދިޔަ އަހަރަކީ، މާތްﷲގެ ވާގިފުޅާއެކު، ރައްޔިތުންނަށް ބޭނުންވެފައިވާ ވަރަށްގިނަ ކަންތައްތައް ފުއްދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރި އަހަރެއް. ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް ތަރައްޤީގެ މަސައްކަތްތައް ހިނގާފައިނުވާ ހަލުވިމިނެއްގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިނގައިދިޔަ އަހަރެއް.


ޢިއްޒަތްތެރި ރައީސް؛

ކޮންމެ ކަމެއްގައިވެސް އަޅުގަނޑު އަބަދުވެސް އިސްކުރާނީ، މި ލޮބުވެތި ޤައުމުގެ މަޞްލަޙަތުކަން ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މިއަދުވެސް ޔަޤީންކޮށް އަރުވަން. ރައްޔިތުންގެ އަބުރު ރައްކާތެރިކޮށް، ރައްޔިތުން ޙިމާޔަތްކޮށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، ޤައުމުގައި އަމަންއަމާންކަން ޤާއިމުކުރުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދު. އެ ވަޢުދު ފުއްދުމަށް މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ސަބަބުން، މީގެކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް އަތުވެއްޖެ.

ރާއްޖޭގައި ކުށްކުރުމުގެ ޙާލަތާއި އަދި ކުށުގެ ވެށްޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްނަގައިގެން ޤައުމީ ޔުނިވަރސިޓީއިން ހަދަން ފަށާފައިވާ ދިރާސާގެ ފުރަތަމަ ނަތީޖާތަކަށް ބަލާއިރު، 2014 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި ކުށްކުރެވޭ ނިސްބަތް ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަން ސަރުކާރުން މިހާރު ވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި މަޝްރޫޢު ފެށޭނެ.

އިޖުތިމާޢީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަމުގެ ދަތިކަން ކަމުގައިވާއިރު، ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ދަށުން ހުޅުމާލެ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 1500 ހައުސިންގ ޔުނިޓްގެ މަސައްކަތް މިހާރުވަނީ ނިމިފައި. އަދި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ށ. ކޮމަންޑޫ، ރ. މަޑުއްވަރި، ބ.އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ދ. މީދޫ، ދ. ކުޑަހުވަދޫ އަދި އައްޑޫސިޓީ ފޭދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 600 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ.

ރާއްޖޭގެ ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި 4 ރަށެއްގެ ބިން ހިއްކައި، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި. އަދި އިތުރު 3 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރުވަނީ ފަށާފައި.

ޢިއްޒަތްތެރި ރައީސް؛

ބައެއް މޫސުންތަކުގައި އެން ހޯދުމަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ބޭންގް އާލާކުރުމުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މިއަހަރު ފެށިގެންދާނެ. އަދި މަހާއި މަހުގެ އުފެއްދުންތަކުން އުކާލަމުންދާ ބައިތައް ބޭނުންކޮށްގެން، މެރިކަލްޗަރ ޞިނާޢަތަށް ބޭނުންވާ ފިޝްމީލް އުފެއްދުމުގެ މަސައްކަތް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ފެށޭނެ.

މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެސް.ޓީ.އޯ ގެ ދަށަށް މިފްކޯ ބަދަލުކޮށް، އެކަމުގެ ހެޔޮ ބަދަލު، މަސްވެރިންނަށާއި މަސްވެރިކަމުގެ ޞިނާޢަތަށް މިހާރު މިދަނީ ލިބެމުން.

ޔޫރަޕުގެ ބޮޑެތި ސުޕަމާކެޓު ޗެއިންތަކަށް ބޭނުންވާ ކޮލިޓީއަށް މަސް ބަންދުކުރެވޭ ފެންވަރަށް، ފެލިވަރުގެ މަސް ފެކްޓްރީ އަޕްގްރޭޑްކޮށް، ރާއްޖޭގައި އުފައްދާ ދަޅުމަސް މިފަދަ ސުޕަރމާކެޓުތަކަށް މިހާރުވަނީ ބޭރުކުރަން ފަށާފައި.

މަސްވެރިން ބާނާ މަސްގަނެ ފިނިކޮށްފައި ބެހެއްޓޭނެ ފެސިލިޓީއެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އައްޑޫސިޓީގައި ޤާއިމުކުރެވޭނެ.

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން ދަނޑުވެރިންގެ ޤާބިލުކަން އިތުރުކުރުމަށާއި، ފަންނީ ހުނަރުވެރިކަން ތަރައްޤީ ކުރުމަށް ހިންގަމުންގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް މިދިޔަ އަހަރު 26 ރަށެއްގައި ވަނީ ހިންގައި ނިންމާފައި.

ފަޅުރަށްތައް ބަލަހައްޓައި މެނޭޖް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ލިބޭނެ ގޮތްތަކަށް ބަލައިގެން، ފަޅުރަށްތައް ވަރުވާއަށް ދޫކުރާ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން، އެ ރަށެއްގެ ވަރުވާއަށް ސަރުކާރަށް ލިބޭ އާމްދަނީ ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ދަންނަވަން.

ރާއްޖެއަށް އިމްޕޯޓް ކުރެވޭ ތަކެތި މަދުކުރުމަށްޓަކައި، އިމްޕޯޓްކުރާ ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދައި، އެ ބާވަތްތައް އިމްޕޯޓްކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުންނާއި، މަސްވެރިންނަށް ޤާއިމުކޮށްދެވުނު ވަސީލަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި ދެ ޞިނާޢަތުން އެކަނި، ޖުމްލަ 6235 ވަޒީފާގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައި.

ޢިއްޒަތްތެރި ރައީސް؛

ވޭތުވެދިޔަ 2016 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ލިބުނު އެންމެ ބޮޑު އެއްކާމިޔާބީއަކީ، އޯލެވެލް އިމްތިޙާނާއި، އެސް.އެސް.ސީ އިމްތިޙާނުން ކޮންމެ 10 ކުއްޖެއްގެ ތެރެއިން 7 ކުއްޖެއް 5 މާއްދާއިން ފާސްވެފައިވުން. މިއީ، ޤައުމީ މިންގަނޑުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ 60% ގެ ލަނޑުދަނޑި ހާސިލުކުރެވުނު ފުރަތަމަ ފަހަރު.

ސްކޫލް ތަޢުލީމުގެ ރަސްމީ ބައެއްގެ ގޮތަށް ޕްރީ-ސްކޫލް ތަޢުލީމު ކަނޑައަޅައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޕްރީ-ސްކޫލް ތަޢުލީމު ހިލޭ ފޯރުކޮށްދޭން މިހާރުވަނީ ފަށާފައި. އެހެންކަމުން، ބައިނަލްއަޤްވާމީ ތަޢުލީމުގެ އެޖެންޑާގައި، 2030 ވަނަ އަހަރު ހާސިލުކުރުމަށް އެއްބަސްވެފައިވާ އެއް އަހަރު ދުވަހުގެ ހިލޭ ޕްރީ-ސްކޫލް ތަޢުލީމަށްވުރެ، މި މަރުޙަލާގެ ތަޢުލީމު ފުޅާކޮށް، 2016 ވަނަ އަހަރު ރާއްޖެ މި ލަނޑުދަނޑި ހާސިލުކޮށްފައިވާކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން.

ސްކޫލް އުމުރުފުރާގެ އެންމެ ކުއްޖަކުވެސް ބާކީނުކޮށް، އެކުދިންގެ ޤާބިލިއްޔަތުކަމާއި ހުނަރާއި ބޭނުންތައް ދެނެގަނެ، ތަޢުލީމުގެ ނިޒާމަށް ގެނެވުނު ބަދަލާއެކު، ރާއްޖޭގެ ތަފާތު ޞިނާޢަތްތަކަށް ބޭނުންވާ މަސައްކަތްތަކާއި، ހުނަރު އުނގަންނައިދިނުމުގެ މަސައްކަތްތެރިކަމުގެ ސްޓްރީމްގައި މިހާރު 40 އިންސައްތަ ކުދިން ކިޔަވަމުންދާކަން އަޅުގަނޑު ފާހަގަކުރަން. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން، މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން. އަދި ރާއްޖޭގައި ހުރި ސަރުކާރުގެ އެންމެބޮޑު ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗަށް ކުރާ އިތުބާރު ބޮޑުވެގެންދިޔުން. ހަމައެއާއެކު ޞިއްޙީ ޚިދުމަތް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ޚަރަދުތައް ކުޑަކުރުން.

މިދިޔަ އަހަރު ޞިއްޙީ ދާއިރާއިން ސަރުކާރުން އެންމެބޮޑު އިސްކަމެއް ދިނީ ރާއްޖެއިން ލިބެންނެތް ބައެއް ޞިއްޙީ ޚިދުމަތްތައް އައި.ޖީ.އެމް.އެޗް.ގައި ޤާއިމުކުރުމަށް. މިގޮތުން، ކާޑިއެކް ސެންޓަރެއް ޤާއިމުކޮށް، އެ ސެންޓަރުން ޚިދުމަތްދޭން ފެށުމާއި، ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރެއް ޤާއިމުކޮށް، ކިޑްނީގެ ބަލިތަކަށާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ލިބޭނެ އިންތިޒާމު، އައި.ޖީ.އެމް.އެޗް.ގައި ވަނީ ހަމަޖައްސައިދީފައި. އަދި މިދިޔަ އަހަރު، ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް އައި.ޖީ.އެމް.އެޗްގައި ފެށިގެން ދިޔުމަކީ، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ، އެންމެފަހުގެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ފަރުވާދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް.

އައްޑޫސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލުކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އެ ހޮސްޕިޓަލް ހުޅުވިގެންދާނެ.

މީގެއިތުރުން، ރާއްޖޭގެ އުތުރުގައިވެސް ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހަސްފަތާލު ތަރައްޤީ ކުރުމަށް ބޭރުގެ ފަރާތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ.

އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބިދިނުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ސުޕަރ ސްޕެޝަލިސްޓް ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު ތަފާތު އެތައް ދާއިރާއަކުން 80 ސުޕަރސްޕެޝަލިސްޓުން ރާއްޖޭގެ 14 އަތޮޅަކަށް ޒިޔާރަތްކުރައްވައި، 5427 ބަލިމީހުންނަށް ޚިދުމަތް ދެއްވާފައިވޭ.
ޢިއްޒަތްތެރި ރައީސް؛

ކުޑަކުދިންނަށް ރަނގަޅު ދުޅަހެޔޮ އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށް ބިނާކޮށްދިނުމަކީ، މުޅި މުޖުތަމަޢުގެ ޒިންމާއަކަށްވާއިރު، އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމާއި، އެކަށީގެންވާ މާޙައުލުތައް ޤާއިމުކޮށްދިނުމުގެ ގޮތުން، ކުދިންނާއި ބެލެނިވެރިންނާއި، ޓީޗަރުން ހޭލުންތެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް މިދިޔަ އަހަރުވެސް ވަނީ ހިންގާފައި.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް މިގެންދަނީ ހިންގަމުން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާ އަދާކުރެވޭވަރުގެ 277 މީހުންނަށް މިހާރުވަނީ ވަޒީފާ ހަމަޖައްސައިދެވިފައި.

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، އަމާން، ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ހަމަހަމަ ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށްޓަކައި އިތުރު މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދިނުމަށް ވަރަށް ގިނަ އަމިއްލަ ކުންފުނިތަކުންނާއި، ދަރުމަވެރި ފަރާތްތަކުން، ޕާޓްނަރޝިޕް އުސޫލުން ސަރުކާރާ ގުޅިގެން މިހާރުވެސް މަސައްކަތްކުރަމުންދާ ވާހަކަ ވަރަށް އުފަލާއެކު ދަންނަވަން.

ވަޒީފާ ބޭނުންވާ އެކި ފަރާތްތަކަށް އަމާޒުކޮށްގެން ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން ހިންގަމުން އެބަ ގެންދެވޭ. އަދި ޒުވާނުންނަށް އެކި ރޮނގުތަކުން ކުރު މުއްދަތުތަކުގެ ކޯސްތައް ހިންގައި، 600 އަށްވުރެ ގިނަ ޒުވާނުން މިދިޔަ އަހަރު ތަމްރީނު ކުރެވިފައިވޭ.

1000 ން މަތީގެ އާބާދީ ހިމެނޭ ރަށްތަކުގެ 96 އިންސައްތަ ރަށުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ ގޮތުން ސްޕޯޓްސް އެރީނާގެ މަސައްކަތް ވަނީ ފެށިފައި. މިއަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ސްޕޯޓްސް އެރީނާ ޤާއިމުކުރުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމޭނެ.

ވޭތުވެދިޔަ އަހަރަކީ، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ލިބިގެންދިޔަ އަހަރެއްކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އެކި ކުޅިވަރުތަކުން 4 ގޯލްޑް މެޑެއްޔާއި، 6 ސިލްވަރ މެޑެއްޔާއި، އަދި 22 ބްރޯންޒް މެޑެލް ރާއްޖޭގެ ކުޅުންތެރިންނާއި ޓީމުތަކުންވަނީ ހާސިލުކޮށްފައި.

ޢިއްޒަތްތެރި ރައީސް؛

ވޭތުވެދިޔަ އަހަރު 13 ރަށެއްގެ ބަނދަރު ހަދައި ވަނީ ނިމިފައި. އަދި 43 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށް އެބަދޭ. އަދި އާބާދީ ކުދި ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި 8 ރަށެއްގެ ފާލަން ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ.

ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން 2016 ވަނަ އަހަރު 56 ރަށެއްގެ ނަރުދަމާގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް ގެންދެވުނު. މީގެ ތެރެއިން 32 ރަށެއްގެ ޑިޒައިން މަސައްކަތް ނިންމައި، 11 ރަށެއްގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމުގެ މަރުޙަލާއަށް އާދެވުނު. މީގެ އިތުރުން، މިދިޔަ އަހަރު 21 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށްދިޔައިރު 8 ރަށުގެ ޢަމަލީ މަސައްކަތް ނިމި ނަރުދަމާގެ ޚިދުމަތް ދޭންވަނީ ފަށާފައި. އަދި މި އަހަރުގެ ތެރޭގައިވެސް 46 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް އެކި މަރުޙަލާގައި ކުރިއަށް ގެންދެވޭނެ.

މިދިޔަ އަހަރު 40 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް ގެންދެވުނު. އަދި މިއަހަރުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކޮށްދިނުމުގެ 28 މަޝްރޫޢެއް، އެކި މަރުޙަލާގައި ކުރިއަށްގެންދާނެ. މީގެތެރެއިން 19 ރަށުގެ ޑިޒައިން މަސައްކަތް ނިންމައި، 16 ރަށެއްގައިވަނީ ޢަމަލީ މަސައްކަތް ކުރާނެ ފަރާތް ހޯދުމުގެ މަރުޙަލާއާ ހަމައަށް އާދެވިފައި. މީގެ އިތުރުން، ޢަމަލީ މަސައްކަތް ކުރިޔަށްދިޔަ 16 ރަށެއްގެ ތެރެއިން 4 ރަށެއްގެ މަސައްކަތް ވަނީ ނިމިފައި.

ބޯފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ޚާއްޞަ މަޝްރޫޢުގައި ހިމެނޭ 86 ރަށެއްގެ މަސައްކަތް 2016 ވަނަ އަހަރު ކުރިޔަށްދިޔައިރު، މީގެތެރެއިން 15 ރަށުގެ މަސައްކަތް ނިމި ޚިދުމަތްދޭންވަނީ ފަށާފައި. މި މަޝްރޫޢުގައި ހިމެނޭ އެހެން ރަށްރަށުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ.

ރާއްޖޭގައި ގިރަމުންދާ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 22 މަޝްރޫޢެއް، މިދިޔަ އަހަރު ކުރިއަށް ގެންދެވި، މީގެތެރެއިން 12 މަޝްރޫޢެއްގެ މަސައްކަތް، އެ އަހަރުގެ ތެރޭގައި ވަނީ ނިމިފައި. ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 6 މަޝްރޫޢެއްގެ މަސައްކަތް، 2016 ވަނަ އަހަރު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި މަސައްކަތްދަނީ ހިނގަމުން. އަދި މިއަހަރު އަލަށް 3 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢާއި، 3 ރަށެއްގެ ފެން ހިންދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި.

ރާއްޖޭގެ އެކި އަތޮޅުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ މަސައްކަތްތަކުގެ ދަށުން ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ފ.ނިލަންދޫ، ގދ. މާވަރުލު، އަދި ގދ. ފަރެސްމާތޮޑާގައި ސަރަޙައްދީ ވައިގެ ބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ.

ޢިއްޒަތްތެރި ރައީސް؛

2016 ވަނަ އަހަރު ރާއްޖޭގެ 21 ރަށެއްގައި ކުނިކޮށި އެޅުމުގެ މަސައްކަތް ވަނީ ފަށާފައި. އަދި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އިކްވިޕްމަންޓް، 10 ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްވަނީ ފަށާފައި. އަދި އިރާދަކުރެއްވިއްޔާ މިއަހަރު 37 ރަށެއްގައި ކުނިކޮށި އަޅައިދިނުމަށް މަސައްކަތް ފެށުމަށް ވަނީ ރާވާފައި.

ޞިނާޢީ މަސައްކަތް ކުރުމަށް ބޭނުންވާނެ ބިން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ހިއްކައި، މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް، މިދިޔަ އަހަރު ވަނީ އެ ސަރަޙައްދަށް ބަދަލުކޮށްފައި. މާލޭގައި އުފެދޭ ކުނި، ކޮމްޕެކްޓްކޮށް ބަންދުކުރެވިފައިވާ ކޮންޓެއިނަރުތަކަކަށް ބަރުކުރުމަށްފަހު، މާލޭގައި ޖަމާކުރުމެއްނެތި، ދުވަހުން ދުވަހަށް ބޭރުކުރެވިގެންދާނެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ދުވާލުގަޑީގައި ބޭނުންވާ އެންމެ މަތީ ކަރަންޓުގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް އުފައްދާ ކަރަންޓަށް 2018 ގެ ނިޔަލަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް ފެށިފައިވާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު 112 ރަށެއްގެ މަސައްކަތް އެކި މަރުޙަލާގައި ކުރިޔަށް ގެންދެވުނު.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 83 ރަށެއްގައި 2017 ވަނަ އަހަރު ކުރިޔަށް ގެންދެވޭއިރު، މި ނިޒާމުތަކުން 12 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ.

ޢިއްޒަތްތެރި ރައީސް؛

ދިވެހިރާއްޖޭގެ އިޤްތިޞާދު 2016 ވަނަ އަހަރު ކުރިއަރާފައިވާ ނިސްބަތަކީ 3.9 ޕަސެންޓް. އަދި 2017 ވަނަ އަހަރު ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، 4.7 ޕަސެންޓަށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު، ވޭތުވެދިޔަ އަހަރު އެވްރެޖްކޮށް ހުރީ 1 ޕަސެންޓަށްވުރެ ދަށުގައި، އާދެ، 0.4 ޕަސެންޓްގައި. ފާއިތުވެދިޔަ އަހަރުވެސް ތަކެތީގެ އަގު އުފުލެމުންދާ މިންވަރުވަނީ 2 ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓިފައި. 2017 ގައިވެސް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިގެންދާނީ، އިންފްލޭޝަން ރޭޓު 2 ޕަސެންޓަށްވުރެ ދަށުގައި ބެހެއްޓުމަށް.

2016 ވަނަ އަހަރު ދައުލަތަށް 18.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 22.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވޭ. 2017 ވަނަ އަހަރުގެ ނިޔަލަށް 22.2 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވިފައިވަނީ. އެހެންކަމުން، 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 303 މިލިއަން ރުފިޔާއަށް ކުޑަކުރެވި، ޕްރައިމަރީ ބެލެންސް 1.1 ބިލިއަން ރުފިޔާއިން އަރަނިވާނެކަމަށް ބެލެވޭ. ސަރޕްލަސްވާނެކަމަށް ބެލެވޭ. 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ނިސްބަތް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 1 ޕަސެންޓަށްވުރެ ދަށުގައި. އާދެ، 0.5 ޕަސެންޓްގައި. 2016 ވަނަ އަހަރު ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތް ހުރީ 8063 އެމެރިކާ ޑޮލަރުގައި.

ސަރުކާރުން ހިންގާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް 2016 ވަނަ އަހަރު ނިމުނުއިރު، 4.79 ބިލިއަން ރުފިޔާގެ 5 ލޯނެއްގައި ސޮއިކުރެވިފައިވޭ. 2017 ވަނަ އަހަރުގެ ތެރޭގައިވެސް ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ފަންޑުކުރުމަށް ބޭރުގެ އެހީ ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ކަނޑައަޅާފައި.

ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ޓޫރިޒަމްގެ ޞިނާޢަތް ފިޔަވައި އެހެން ޞިނާޢަތްތަކުގައި 56 އިންވެސްޓްމަންޓެއް ވަނީ ރަޖިސްޓަރީކޮށްދެވިފައި. މި އިންވެސްޓްމަންޓްތަކުން 5 އަހަރު ދުވަހުގެ ތެރޭގައި، އެމެރިކާ ޑޮލަރު 1.483 ބިލިއަން، ފަށާ އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުށަހަޅާފައިވޭ.

ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތައް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ، އައިހެވަން މަޝްރޫޢުގެ ތަފްޞީލު ޕްލޭންތައް، މިއަހަރުގެ އެޕްރީލްގެ ކުރިން ނިމޭނެ. މިއާއެކު، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށްޓާނެ.

އިޤްތިޞާދާއި ވިޔަފާރީގެ ހަރަކާތްތައް ދިވެހިރާއްޖޭގައި އިތުރުކުރުމަށް، ފާއިތުވެދިޔަ އަހަރު އެންމެބޮޑު އިންވެސްޓްމަންޓްތަކެއް ކުރެވިފައިވަނީ، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގައި ޢުމްރާނީ ގޮތުންނާއި، ވަސީލަތުގެ ގޮތުން ހުރި ދަތިކަން ޙައްލުކުރުމަށް. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ފާއިތުވި 3 އަހަރު ހިންގިފައިވާ އަދި ހިންގަން ފަށާފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އިންވެސްޓްމަންޓް އަދަދަކީ ގާތްގަނޑަކަށް 900 މިލިއަން އެމެރިކާ ޑޮލަރު.

މިއާއެކު، މާލޭ ޕޯޓަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، މުދާ ކްލިއަރ ކުރުމުގައި ބޭނުންކުރާ ވެހިކަލްތަކާއި އާލާތްތައް އާކުރުމަށް 140 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، މުދާ ކްލިއަރ ކުރުމުގެ ޕްރޮސެސްވަނީ ވަރަށް ބޮޑަށް ހަލުވިކުރެވިފައި. އަދި މާލޭ ޕޯޓްގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށްޓަކައި، މުދާ ކްލިއަރ ކުރުމުގެ ބައެއް އޮޕަރޭޝަންތައް ހުޅުމާލެއަށް ބަދަލުކުރެވި، ހަލާކުވާ ޒާތުގެ މުދާ ބެހެއްޓުމަށް ކޯލްޑް ސްޓޯރޭޖް ހެދުމާއި، މުދާ ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަން ވަނީ ފެށިފައި.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ކްރެޑިޓް ގްރެންޓީ ސްކީމް 50 މިލިއަނުން 100 މިލިއަނަށް އިތުރުކުރެވިފައި. ރަހުނު ނުލައި ލޯނު ލިބޭނެ މަގު، އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ނުވަތަ ވިޔަފާރި ފުޅާކުރާ ފަރާތްތަކަށް ފަހިކޮށްދެވިގެންދާނެ.

ސަރުކާރުން ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ ޕްރޮގްރާމްތަކާއި، އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތަކުގެ ސަބަބުން ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ 94,000 ވަޒީފާގެ ފުރުޞަތުގެ ދަށުން، މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، 64,000 އަށްވުރެ ގިނަ ވަޒީފާ ރާއްޖޭގެ އެކި ދާއިރާތަކުގައި އުފެދިފައިވާ ކަމަށް އަންދާޒާ ކުރެވޭ. މިއަހަރުގެ ތެރޭގައި ހުޅުވެން ހުރި ރިސޯޓުތަކާއި، ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، މިއަހަރަކީވެސް ވަޒީފާގެ ބާޒާރު ތިޔާގި އަހަރަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ.

ޢިއްޒަތްތެރި ރައީސް؛

މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ތަރައްޤީ. ރައްޔިތުންނަށް ދުޅަހެޔޮ އަދި ފެންވަރު ރަނގަޅު ދިރިއުޅުމެއް ފަހިކޮށްދިނުން. ވުމާއެކު، ރާއްޖެއަކީ ހުރިހާ ގޮތަކުންވެސް އިންވެސްޓަރުންނަށް ފަހި ތަނަކަށް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތް. މިގޮތުން، މިހާރު އެންމެ އިސްކަމެއް ދެވިގެން ކުރެވޭ އެއް މަސައްކަތަކީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާނޭ dispute resolution mechanism އެއް ނުވަތަ މައްސަލަ ޙައްލުކުރުމުގެ ނިޒާމެއް ޤާއިމުކުރުން. މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގައި މާލީ އަދި ތިޖާރީ މައްސަލަތަކަށް ޚާއްޞަ ކޮމަރޝަލް ކޯޓެއް ޤާއިމުކުރުމާއި، ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ އާބިޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ.

ޓޫރިޒަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ޞިނާޢަތު ކަމަށްވުމާއެކު، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެމުން މިގެންދަނީ، މި ދާއިރާގައި ކުރެވޭ އިންވެސްޓްމަންޓްތައް ފުޅާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މައްޗަށް.

މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 20 ރިޒޯޓާއި 1 ހޮޓާ ވަނީ ހުޅުވިފައި. މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު، 50 އާ ރިޒޯޓް ތަރައްޤީ ކުރުމުގެ އަމާޒުގެ ދަށުން މިދިޔަ އަހަރު 6 އަތޮޅަކުން 11 ރިޒޯޓުވަނީ ރަޖިސްޓަރީ ކުރެވިފައި. އަދި 135 ޓޫރިސްޓް ގެސްޓްހައުސް ވަނީ ރަޖިސްޓަރީ ކުރެވިފައި.

އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރު 13 އަތޮޅެއްގައި 25 ރިޒޯޓް، އަދި ގއ.ކޫއްޑޫގައި ޓޫރިސްޓް ހޮޓަލެއް ހުޅުވި، 5275 އެނދު އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ.
ޢިއްޒަތްތެރި ރައީސް؛

މާތްﷲގެ ވާގިފުޅާއެކު، ނިމިގެންދިޔަ 2016 ވަނަ އަހަރު ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެވަނީ ދިވެހީން ފަޚުރުވެރިވާ ފަދަ ކާމިޔާބީތަކެއް ހާސިލުކޮށް، ދިވެހި ޤައުމުގެ ޤަދަރާއި ޝަރަފު މަތިވެރިކޮށް، ރާއްޖޭގެ ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް، ކުރިއަރުވާފައި.

ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް މިދިޔަ އަހަރު ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތާރީޚުގައި ނިންމި އެންމެ އުނދަގޫ ނިންމުން.

ވޭތުވެދިޔަ އަހަރު، ދޭދޭ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށް، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގައި އާދެ، ޔޫ.އެން. ގައި ދިވެހިރާއްޖޭގެ ހަރަކާތްތައް އިތުރުކުރެވުނު.

މާތްﷲ ގެ ވާގިފުޅާއެކު ކުރިއަށް އޮތް ތާނގައިވެސް ރާއްޖެއަށް ހެޔޮ އެދޭ، ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރާ ޤައުމުތަކާ ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިތުރު ފުރުޞަތުތައް ހޯދައި ފަހިކުރުމަށް، ޚާރިޖީ ދާއިރާއިން މަސައްކަތް ކުރާނެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން، ވިސާ ނަގަންޖެހޭ ޤައުމުތަކާއެކު މަޝްވަރާކޮށް، ދިވެހީންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މި ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރާނެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ކިޔަވާކުދިންނަށް ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އުސޫލުން ދެވިދާނެ ޚިދުމަތްތައް، މި ޤައުމުގެ ފުދުންތެރިކަން ހުރި މިންވަރަކުން އިތުރަށް ފޯރުކޮށްދެވޭނެ.

ޢިއްޒަތްތެރި ރައީސް؛

ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަވަހަށް ފުއްދައިދިނުން. މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެން ދިޔައިރު، މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ. ކުރިއަށް އޮތް ތާނގައިވެސް މާތްﷲގެ އިރާދަފުޅާއި އެކަލާނގެ ވާގިފުޅާއެކު، ދިވެހި އުންމަތަށް ފާގަތި ދުވަސްތަކެއް މި ސަރުކާރުން ފަހިކޮށްދޭން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު އަރުވަން.

يــا اللّـــه މި ލޮބުވެތި ދިވެހިރާއްޖެ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ދަމަހައްޓަވާށި! ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ކުރަމުންމިދާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި! މި ޢިއްޒަތްތެރި މަޖިލީހަށާއި، އަޅުގަނޑަށާއި ސަރުކާރަށް އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ޤައުމުގެ ލާބައާއި މަންފާއަށްޓަކައި، ވަރުގަދަ ޢަޒުމަކާއި، ކެތްތެރިކަމާއެކު މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން.

وما توفيقى إلاّباللَّـه، عليه توكّلت، وإليه أنيب.
والسّـلام عليـكم ورحمــة اللّـه وبركاتـه.