ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދަންނަވައި، މި މުނާސަބަތުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ. ހަމައެޔާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ ދަންނަވަމެވެ.

ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެކެވެ. ރަޙުމަތާއި ނިޢުމަތުގެ މައްސަރެކެވެ. އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރްޞަތެކެވެ. ތައުބާވުމާއި ހެޔޮކަންތައް ކުރުމުގެ ރޫޙާނީ މޫސުމެކެވެ. ހަމައެޔާއެކު، މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން އެތައް ގުނަޔަކަށް ބޮޑުވެގެންވެއެވެ. އެހެންކަމުން، ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަގޮތުގައި އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެވަޑައިގެން، ކީރިތި ޤުރްއާނަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.


މާތްﷲ، މި ބަރަކާތްތެރި މައްސަރުގެ ރޯދަ ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށިއެވެ! މި މަތިވެރި ރޫޙާނީ މޫސުމުގެ ނިޢުމަތްތަކާއި، ހެޔޮ ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވާށިއެވެ!