ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން، މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ހަމައެއާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް، އަދި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވަމެވެ.

ހިޖުރައަކީ، އިސްލާމީ ތާރީޚުގައި ވަރަށް މަތިވެރި ޤަދަރެއް ދެވިފައިވާ ހާދިސާއެކެވެ. ހިޖުރަ ގުޅިފައިވަނީ، މާތްﷲ ބާވައިލެއްވި އެންމެ މާތް ދީން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީން މީސްތަކުންނަށް ގެނެސްދެއްވި، ކީރިތި ރަސޫލު مُحَمَّـد صـلّى الله علـيـه وسـلّم، އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ ވަޒަން ކަމުގައިވާ، މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގެންނެވި ވަޑައިގަތުމާއެވެ. އެހެންކަމުން، ހިޖުރައިގެ މަތިވެރި މި ހާދިސާއަކީ، ޢިބްރަތުން ފުރިގެންވާ އަގުހުރި ފިލާވަޅުތަކެއް މުސްލިމުންނަށް ލިއްބައިދިން ތާރީޚީ ހާދިސާއެކެވެ.

ހިޖުރައިގެ އަގުހުރި ފިލާވަޅުތަކުން އަޅުގަނޑުމެން މުސްލިމުން އަބަދުމެ ޢިބްރަތް ލިބިގަންނަން ޖެހެއެވެ. އެ ފިލާވަޅުތައް އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މާތްﷲ، އެކަލާނގެ ރަސޫލާއާ މަތިކުރެއްވި އަމާނާތް އަދާކުރެއްވުމަށް ދެއްވި އިސްކަމެވެ. މާތްވެގެންވާ އިސްލާމްދީން ފުރިހަމަ ކުރެއްވުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއެވެ.

ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިއަދުވެސް އިސްލާމީ އުންމަތާ ކުރިމަތިވެފައި މިވަނީ، އިސްލާމްދީނަށް ނަފުރަތުކުރާ އިސްލާމްދީނާ ދެކޮޅު ޢަދުއްވުންގެ އަނިޔާވެރި ޢަމަލުތަކާއި ދުއްތުރާތަކެއްކަން އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހެއެވެ. މި ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ މުސްލިމް އުޚުތުންނާއި އަޚުން މިއަދު ކުރިމަތިލާން ޖެހިފައިވަނީ، ލިބެމުންދާ ވޭނީ ހިތާމަތަކަށް ކެތްނުކުރެވޭފަދަ ނާމާންކަމާއި ބިރުވެރިކަމާއެވެ. ޚާއްޞަކޮށް، މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމް އުޚުތުންނާއި އަޚުންނާއި އަދި ކުޑަކުދިންނާމެދު އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ހިންގަމުންދާއިރު އަދި ކުޑަކުދިންނާއި އެތައްބަޔަކު މަރަމުން ގެންދާއިރު މިކަމާމެދު އަޅާނުލައި، ބައިނަލްއަޤްވާމީ މުޖުތަމަޢު އޮތުމަކީ އަޅުގަނޑުމެން އެކަމާމެދު ވަރަށްބޮޑަށް ހިތާމަކޮށް، ކަންބޮޑުވާ މައްސަލައެކެވެ. މި މައްސަލައަށް ބައިނަލްއަޤްވާމީ ގޮތުން މިއަދު ޙައްލެއް ހޯދައިދޭން އެބަޖެހެއެވެ.

މިފުރުޞަތުގައި، މަތިވެރި ހިޖުރައިގެ ޢިބްރަތުން ޢިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ ދީނާއި ޤައުމުގެ ދިފާޢުގައި ކުރިޔަށް ދިއުމުގެ ރޫޙު އާކޮށް އާލާކުރެއްވުމަށް ދިވެހި ހުރިހާ އުޚުތުންނަށާއި އަޚުންނަށް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު ގޮވާލަމެވެ. އަދި އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި އާ ހިތްވަރަކާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް މި ތާރީޚީ ދުވަހު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މި ފެށުނު 1439 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި މާތްﷲ ލައްވާށިއެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެންމެހައި މުސްލިމުންނަށް ހެޔޮ ނަޞީބާއި ނަޞްރުގެ އަހަރެއް ކަމުގައި ލައްވާށިއެވެ!

އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަޅުގަނޑުމެން ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބަނޑު އެއްބަފާކަމާއި އެކުވެރި އުޚުއްވަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމާންކަން ޤާއިމު ކުރައްވާށިއެވެ! ދިވެހި ޤައުމު ސިލްމާ ސަލާމަތުގައި އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ!