ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި މި އަހަރު ފާހަގަކުރާއިރު، މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ހޯދާފައިވާ ކުލަގަދަ ކާމިޔާބީތަކާއި ރަން ވަނަތަކަކީ، އެއާމެދު ކޮންމެ ދިވެއްސަކުވެސް އުފާކުރުން ޙައްޤު ކާމިޔާބީތަކެކެވެ. ފަޚުރުވެރިވުން ޙައްޤު ވަނަތަކެކެވެ. އެހެންކަމުން، ރާއްޖޭގެ މި ޞިނާޢަތުގައި ބައިވެރިވެވަޑައިގެން މަސައްކަތްޕުޅު ކުރައްވާ އެންމެހައި ބޭފުޅުންނަށް، ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަށާއި، ފަތުރުވެރިކަމާ ގުޅޭ އެންމެހައި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ހީވާގި ހިންގުންތެރިންނަށާއި، އަދި މި ޞިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރައްވާ ގިނަގުނަ މަސައްކަތްތައް ފާހަގަކޮށް، ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރަމެވެ.

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްޢިއްޔާއިން މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ ''ދެމެހެއްޓެނިވި ފަތުރުވެރިކަން – ތަރައްޤީއަށް ވަސީލަތެއް'' މި ޝިޢާރަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ބަލާއިރުވެސް ވަރަށް މުހިންމު ޝިޢާރެކެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ފަހިކޮށްދެވެންހުރި ކަންކަން މިއަންނަނީ ފަހިކޮށްދެމުންނެވެ. ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިވަނީ ފުރުޞަތުތަކެއް ހުޅުވައިލެވިފައެވެ.

ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރާކަން އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. މިގޮތުން މި މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިދައުރުގެ ތެރޭގައި 50 ރިޒޯޓެއް ހުޅުވައި، އެތަންތަނުން ޚިދުމަތް ދޭން ފެށުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެކެވެ. މިގޮތުން 2018 ވަނަ އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އުންމީދުކުރާ އަދަދަށް، އާދެ، 30 ރިޒޯޓް އިތުރަށް ހުޅުވިއްޖެނަމަ، އޭގެ ސަބަބުން 18,000 ވަޒީފާގެ ފުރުޞަތު އިތުރަށް ހުޅުވިގެންދާނެއެވެ. ހަމައެފަދައިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ބޮޑު އިންޤިލާބެއް ގެނެސްދޭ އެންމެ ބޮޑު މަޝްރޫޢަކީ، އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތައްކަންވެސް އަޅުގަނޑު އުފަލާއެކު ފާހަގަކުރަމެވެ. އެހެނީ މިއީ، މިފަދަ މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ ރައުސްމާލުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަކަށްވާތީއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަށް ދިއުމުގައި ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، ދަތުރުފަތުރުގެ ނިޒާމެވެ. މިގޮތުން މި ސަރުކާރުން ވަނީ މިފަދަ މައްސަލަތަކުގެ ޙައްލެއްގެ ގޮތުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޑޮމެސްޓިކް އެއަރޕޯޓު، ތަރައްޤީ ކުރުމަށް އިންވެސްޓަރުންނަށް ދޫކޮށްފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 7.5 މިލިއަން ދަތުރުވެރިންނަށް މި ވައިގެ ބަނދަރުން ޚިދުމަތް ފަސޭހަކަމާއެކު ލިބިދެވޭނެއެވެ.

ހަލުވި ދުވެއްޔެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްދާއިރު، މި ޞިނާޢަތު ދެމެހެއްޓޭނީ ރާއްޖޭގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރެވިގެންނެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށް ލިބިފައިވާ އަދި ލިބެމުން އަންނަ ރީތިނަން އެގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިއަދުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މާތްﷲ، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ތަރައްޤީއާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ! ރާއްޖެއަށް ފާގަތިކަމާއި އުޖާލާ މުސްތަޤްބަލެއް މިންވަރު ކުރައްވާށިއެވެ! އާމީން.