މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ.


ނިމިގެން މިދިޔަ 2017 ވަނަ އަހަރަކީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، މާތްﷲގެ ވާގިފުޅާއެކު، ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެކެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި އެތައް މަޝްރޫޢުތަކެއް ނިންމައި އަދި އެތައް މަޝްރޫޢުތަކެއް ފަށައިދިނުމުގެ އުފާ އަޅުގަނޑަށް ލިބިގެންދިޔަ އަހަރެކެވެ. ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން އެތައް ހާސް ވަޒީފާއެއް އިތުރުވެގެންދިޔަ އަހަރެކެވެ. ހަމައެހެންމެ، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމަށް ޒުވާނުންނަށް އެތައް ފަހި ފުރުޞަތުތަކެއްވެސް ހޯދައިދެވުނު އަހަރެކެވެ.


މި ވޭތުވެދިޔަ 4 އަހަރު ދުވަހަކީ، ޤައުމު ހިންގުމުގައި، ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް ތަޙައްމަލުކުރަންޖެހުނު 4 އަހަރެވެ. މި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް އައީ އަހަރަކަށްވުރެ އަހަރެއް އިތުރުވެ، އެތައް ގުނައަކަށް ބޮޑުވަމުންނެވެ. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ސާބިތުވެ ތިބެ އެ ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވުމަށް މަގުފަހިކޮށްދީ، އެތައް ގޮތަކުން ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވިފައިވާކަމުގެ ހިތްހަމަޖެހުމެވެ. ހަމަޔަޤީނުންވެސް ޤައުމެއް ހިންގުމުގައި ސަރުކާރަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމުގައި ދިމާވާ އެކިއެކި މައްސަލަތަކާ އީޖާބީ ގޮތެއްގައި ކުރިމަތިލައި، ދަތި އުނދަގޫތަކުގެ ތެރެއިންނަމަވެސް އެކަންކަމުގެ ޙައްލު ހޯދައިދެވުނުކަމުގެ ހިތްހަމަޖެހުމެވެ.

ޤައުމު ހިންގުމުގައި ވޭތުވެދިޔަ 4 އަހަރު ދުވަހު ކުރެވިފައިވާ ތަޖުރިބާގެ އަލީގައި، އާ އަހަރަކާ ސަރުކާރުން މިކުރިމަތިލަނީ 4 އަހަރުންކުރެ ފާއިތުވި ކޮންމެ އަހަރަކަށްވުރެ އެތައް ގުނައަކުން ކާމިޔާބީއާއި ކުރިއެރުން ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައެވެ. މި ސަރުކާރުން ދިވެހި ޤައުމީ ނަވާ ހަވާލުވުމަށްފަހު، ފެށި ދަތުރުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ މިފެށޭ އާ އަހަރު ނިމުމުގެ ކުރިން ނިންމައި، އެކަންކަމުގެ ލާބައާއި މަންފާ ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ މަތިވެރި ޢަޒުމުގައެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މި ސަރުކާރުގެ 5 އަހަރުގެ މެނިފެސްޓޯގެ ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ނިންމުމުގެ މައްޗަށެވެ. އަޅުގަނޑުގެ ޢަޒުމަކީ، މިފެށޭ އަހަރަކީ މާތްﷲގެ ވާގިފުޅާއެކު، މިހައިތަނަށް މި ސަރުކާރުގެ އެންމެ ކާމިޔާބު އަހަރު ކަމުގައި ހެދުމެވެ.

މާތްﷲ، މިއަހަރަކީ ރާއްޖެއަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ހުރިހާގޮތަކުންވެސް ކާމިޔާބު އަދި ބާއްޖަވެރި އަހަރެއް ކަމުގައި ލައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރައްވާށިއެވެ! ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރަމުން މިގެންދާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ! އާމީން.