اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

 

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއަށާއި، އެ ކޮމިޝަންގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށްވެސް، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.

 

މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމެވެ. ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒެވެ.

 

ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެއެވެ. ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ލިބިދެވެންޖެހޭ ފުރުޞަތުތައް އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކު ފޯރުކޮށްދެވޭނީ ކޮރަޕްޝަންގެ ވަބާ މި ޤައުމުން ފުހެލެވިގެންނެވެ.

 

ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ހޯދުމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރެވެންޖެހެއެވެ. ރިޝްވަތު ދިނުމަކީ، އެމީހަކު ބޭނުންވާ ޚިދުމަތް ލިބިގަތުމަށް އޮތް ހަމައެކަނި ގޮތް ނޫންކަން ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ދައުލަތް ހިންގުމުގެ ނިޒާމުގެ ދެފުށް ފެންނަންޖެހެއެވެ. ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، ޢާންމުކުރެވެންޖެހެއެވެ. ސަރުކާރުގެ މުވައްޒަފުންނާއި، އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށްވާންޖެހެއެވެ.

 

ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމު ހަލުއިކޮށް ހަރުދަނާ ކުރެވޭތަން އިރާދަކުރެއްވިއްޔާ މި ސަރުކާރުން ރައްޔިތުންނަށް ފެނިގެންދާނެއެވެ. ދައުލަތުގެ އިދާރާތަކުން ޚިދުމަތެއް ހޯދުމަށް ބޭނުންވުމުން ނުވަތަ ވަޒީފާއަކަށް ކުރިމަތިލުމަށްފަހު، އެ އިދާރާއަކުން ރައްޓެއްސަކު ހޯދަން ނުޖެހޭނެ ގޮތެއްގެ މަތިން ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމު އިޞްލާޙު ކުރެވޭތަން ރައްޔިތުންނަށް ފެނިގެންދާނެއެވެ. ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ.

 

ޤައުމުތަކުގެ ކޮރަޕްޝަންގެ ޙާލަތު ދެނެގަތުމަށް ބަލާ އެއް މިންގަނޑަކީ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްއެވެ. މި އިންޑެކްސްގައި ރާއްޖޭގެ ޙާލަތު މިއަދު ފެންނަނީ އެއްގޮތަކަށްވެސް އަޅުގަނޑު ހިތްހަމަޖެހޭގޮތަކަށް ނޫނެވެ. އަޅުގަނޑުމެން މިއަދު ޢަޒުމް ކަނޑައަޅަންވީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ. ކޮރަޕްޝަންގެ ޙާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.

 

ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

 

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން މި ޤައުމު ސަލާމަތް ކުރުމަށް ކުރަމުން މިގެންދާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުމެވެ.