بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް، ނުހަނު ލޯތްބާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި އެ ކުދިންގެ އޯގާތެރި މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި، އެ ކުދިންނަށް އުނގަންނައިދިނުމުގެ ބުރަ އުފުއްލަވާ ހީވާގި މުދައްރިސުންނަށްވެސް، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.


ރާއްޖޭގެ މިހާރުގެ އާބާދީގެ ނިސްބަތުން ބަލާއިރު، އާބާދީގެ ވަރަށް ބޮޑު އިންސައްތައަކީ ކުޑަކުދިންނެވެ. މި ޤައުމުގެ ހުރިހާ ކަމެއް، މާދަމާ ފުރޮޅިގެން ދާނީ، މިއަދުގެ ކުޑަކުދިންގެ ގޮތުގައި މިއޮތް ޖީލުގެ އަތްމައްޗަށެވެ. މިއަދުގެ ތުއްތު ކުދިންނަކީ އަންނާން އޮތް ޖީލުގެ ފެށުން ކަމަށްވީތީ، އެކުދީންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހެއެވެ. ވަކީން ޚާއްޞަކޮށް، އެކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހެއެވެ.


ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ، ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެކެވެ. ހަމައެފަދައިން، ސުޕާރީއާއި، އެނަރޖީ ބުއިންތަކާއި، ހަކުރު ގިނަ ބުއިންތަކާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށްޓަކައި، ކޮންމެ މަންމަޔަކާއި ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ، ފަރުދީ ޒިންމާ އުފުލުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.


އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް، އަޅުގަނޑުމެން މި ދެކޭ ހުވަފެން ޙަޤީޤަތަކަށް ނުހެދޭނެއެވެ. ބަވަނަވެފައި މިވާ އިންސާނީ މުޖްތަމަޢުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އެގޮތުގައި ދަރިން ތަރުބިއްޔަތު ކޮށްގެންނެވެ. ދަރީންގެ އިޙްތިރާމާއި އެހީތެރިކަން، މައިންބަފައިންނަށް ލިބެނީ، ލޯތްބާއި އޯގާތެރިކަމުގެ އުނގެއްގައި އެކުދިން ތަރުބިއްޔަތު ކުރެވިގެންނެވެ. މުޖްތަމަޢުގެ ރީތި ސިފަތަކާއި އާދަތަކުން ޒީނަތްތެރިވުމަށްޓަކައި، އެކުދީން ހެދިބޮޑުވެ ތަރުބިއްޔަތުވަމުން އަންނަ ޢާއިލާއަކީ، ލޯތްބާއި އޯގާތެރިކަމާއެކު އެކަކު އަނެކަކާ މުޢާމަލާތުކުރާ މާޙައުލަކަށް ވާންޖެހެއެވެ.


ފުރާވަރު ޢުމުރަށް އަޅައިގެން އަންނައިރު، ކޮންމެ ކުއްޖަކީވެސް ޒިންމާދާރު އަދި ފަރުދީ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ކުއްޖަކަށް ހެދޭނީ، މައިންބަފައިންނާއި ބެލެނިވެރިންވެސް، އެކުދިންގެ އެންމެ ޅަފަތުން ފެށިގެން، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދީގެންނެވެ. ޢުމުރުފުރާތަކާ އެކަށީގެންވާ ގޮތުން، އެ ކުދިންނަށް ދެވޭ ކޮންމެ މިނިވަންކަމަކާއެކު، އެކުދިންގެ ކޮނޑުގައި ޒިންމާތަކެއްވެސް އެޅިގެންދާކަން، އަބަދާއިއަބަދު ހަނދާންކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ހަމައެއާއެކު، އެ މިނިވަންކަމުގެ ބޭނުން ހިފަނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ކަށަވަރުކުރުމަކީވެސް ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ.


ދިވެހި ކޮންމެ ޢާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެކެވެ. މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅު ކަމުގައިވިޔަސް، ދިވެހި ކުޑަކުދީންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންތައް އެބަހުއްޓެވެ. އެގޮތުން މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރަން ބޭނުންވާ އެއްކަމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމެވެ.


އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ ކުޑަކުދިންނަކީ މައިންބަފައިންގެ ލޯތްބާއި އޯގާތެރިކަމާއި، މުޖްތަމަޢުގެ އެހީތެރިކަމާއި ރައްކާތެރިކަން ލިބިގެން، އުފަލާއި ހިތްހަމަޖެހުމުގައި ބޮޑެތިވާ ކުދިން ކަމުގައި މާތްﷲ ލެއްވުމެވެ. އަދި މިއަދުގެ ކުޑަކުދީންނަކީ، މި ޤައުމު ހުރިހާ ގޮތަކުންވެސް ތަރައްޤީގެ އައު އައްސޭރިތަކަށް ގެންގޮސްދިނުމުގެ ހުނަރާއި ޤާބިލުކަން ލިބިގެންވާ ކުދީންތަކެއް ކަމުގައިވުމުގެ ހެޔޮ ތައުފީޤާއި ނަސީބު މިންވަރު ކުރެއްވުމެވެ.