بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މި އަހަރުގެ އުފާވެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. މިއަދުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހިފުމާއި ރޭއަޅުކަން ކުރުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް މާތް ﷲ މިންވަރު ކުރެއްވީތީއެވެ. އެ މާތް އަޅުކަންތަކުގެ ދަރުމައާއި ޘަވާބު، އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް މިންވަރުކުރައްވައި، އެ މައްސަރުގެ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުގެ ނަސީބުވެރިންގެ ތެރެއިން ލެއްވުން އެދި، އެކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.


މިއަދަކީ އުފާ ފައުޅުކޮށް، ސާފު ހިތަކާއިގެން އެކަކު އަނެކަކާ ސަލާންގަލާންކޮށް، އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަހެވެ. މިއަދަކީ ލޯތްބާއެކު އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ ދުވަހެވެ. އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާއެކު، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރަންވީ ދުވަހެވެ. މި ހުރިހާ ކަމަކާއެކު، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ޢީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމަޢުގެ އެންމެން ޝާމިލު ކުރުމަށެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި، އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި، އިޖްތިމާޢީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުޞަތުތަކެކެވެ.


ޢީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އެންމެ މުހިންމު ކަމަކީ، މުޖްތަމަޢުގައި ތިބި ތަފާތު ފަންތިތަކުގެ މީހުންގެ ޙާލަތެވެ. އުފާވެރި ޢީދަކާ އަޅުގަނޑުމެން މި ބައްދަލުކުރީ، ފަޤީރުންނާއި ނިކަމެތީންނާއި މިސްކީނުންގެ ޙާލަތު ހަނދާންކޮށްދިން މޫސުމަކަށްފަހުގައެވެ. މިއަދަކީ އެމީހުންނަށް އެހީތެރިކަން ފޯރުވައި، އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަހެވެ. އިޖްތިމާޢީ ޢަދާލަތުގެވެސް އެންމެ މުހިންމު މަޤްޞަދަކީ، މުޖްތަމަޢުގެ ފަރުދުން، އެއް ހަމަކޮށްދިނުމާއި، ތަފާތުކުރުމާއި ހަވާސާކުރުން ނެތިކޮށްލުމެވެ. ދީލަތިކަން އިސްކޮށް، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ، ޢީދުގެ އުފާވެރިކަން މުޅި މުޖްތަމަޢަށް ފެތުރިގެންދާނޭ ކަމެކެވެ.


ޢީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫނެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ އަގުތައް، އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީވެސް، ޢީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަންކަމެވެ. އަޅުގަނޑުމެންނަށް ލިބިފައިވާނަމަ، ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަޞްލަކީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އެކަމަކީ، ކިތަންމެ މުހިންމު އަދި ޙާޞިލުކުރަން ކިތަންމެ ބޭނުން ކަމަކަށްވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން ނެތްނަމަ، އެކަމެއް ޙާޞިލުކުރުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ. އެހެންކަމުން، މިފަދަ މުނާސަބާތަކަކީ، މުޅި މުޖްތަމަޢުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުޞަތެއް ކަމުގައި ދެކި، އެ ފުރުޞަތުގެ ބޭނުން ހިފަމާތޯއެވެ!


ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުކުރުމުގެ ހެޔޮ ނަސީބާއި، ފިޠުރު ޢީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން، އަޅުގަނޑުމެންނަށް ތަކުރާރުކޮށް މިންވަރުކުރައްވައި، ފުރިހަމަ ޞިއްޙަތާއި ދާއިމީ ދުޅަހެޔޮކަން ދެއްވުން އެދި ﷲގެ ޙަޟަރަތުގައި ދުޢާ ދަންނަވަމެވެ. މިފަދަ އުފާވެރި ދުވަސްތަކުގެ ހެޔޮކަމާއި ބަރަކާތުން އަޅުގަނޑުމެންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވައި، ދިވެހި އުންމަތަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އާމީން.