بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަހަރުގެ އުފާވެރި އަޟްޙާ ޢީދު ދުވަހާ ބައްދަލުވުމުގެ ހެޔޮ ނަސީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި، ނިޢުމަތްތަކުގެ ވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި މި އުފާވެރި ޢީދު ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަޅުގަނޑުމެން ޢީދުގެ އުފާ ފާޅުކުރަމުންދާ ހިނދު، އަމިއްލަ ޤައުމާއި ޢާއިލާއާ މާ ދުރުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަޅުގަނޑުމެންގެ ލޯބިވާ އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް، އެ ބޭފުޅުންނަށް ވެސް ޢީދުގެ ތަހުނިޔާ ފޮނުވަމެވެ. އަދި މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ޙައްޖެއް މިންވަރުކޮށްދެއްވުން އެދި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާޢީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެކެވެ. އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، ޢީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފެތުރުމެވެ. އެހެންކަމުން މިއަދަކީ، މުޖްތަމަޢުގެ އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަން ފާޅުކޮށް، އެކަކު އަނެކަކަށް އެއްބަނޑުއެއްބަފާކަމުގެ ލޯބި ރައްދުކޮށް އުޅެންވީ ދުވަހެވެ. ތިމާގެކަމުގެ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ ބަދަހިކަން ދިރުވައި އާލާކުރުމަށް އިތުރު ހިތްވަރެއް ލާންވީ ދުވަހެވެ.

މިފަދަ ކޮންމެ ޢީދަކީ އަޅުގަނޑުމެންގެ ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ. ވަކިވަކިން ދިރިއުޅެމުންދާ އެއްބަނޑުއެއްބަފާ މީހުންނަށާއި ޢާއިލާގެ މެމްބަރުންނަށް ޒިޔާރަތްކޮށް، ޢާއިލާގެ ކުޑަކުދީންނަށް ހަދިޔާ ދީ، އުފާވެރިކަން އިޙްސާސްކޮށްދިނުމަށް ވަރަށް މުހިންމު މުނާސަބަތެކެވެ. މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ނުހަނު އެކަށޭނަ ދުވަސްކޮޅެކެވެ. ޢާއިލީ މެމްބަރުންގެ ޙާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނަށް އެހީތެރިކަން ފޯރުވައިދިނުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޢާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުންވެސް ވަރަށް މުހިންމެވެ.

އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި ޢީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުޞޫލުތަކެވެ. އެކަން އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތަށް އިސްކަން ދީގެންނެވެ. އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެންނެވެ. ޢީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ އަޟްޙާ ޢީދުގެ ދުވަސްތަކަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ލޯތްބާއި ކުލުނާއި އޯގާތެރިކަން އާވެ އާލާވެގެންދާ ދުވަސްތަކެއް ކަމުގައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ލެއްވުމެވެ. މިރާއްޖޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ދުވަސްތަކެއް ކަމުގައި ލެއްވުމެވެ. މި ޖަޒީރާތަކަށް އަބަދުމެ އަމަންއަމާންކަމާއި ޞުލްޙަވެރިކަމުން ހިޔާއަޅުއްވައި، ދިވެހި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން މިންވަރުކުރެއްވުމެވެ. އާމީން.