بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ މަތިވެރި އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމެވެ.

މިއަދަކީ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ކަމަށްވާތީ، ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާއަށާއި، އެ ކޮމިޝަންގެ މެންބަރުންނަށާއި އެންމެހައި މުވައްޒަފުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތައިލުމަށް މަސައްކަތް ކުރައްވާ އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް، ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމެވެ.

ޤައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، ޢާންމު ރައްޔިތުންނަށް މަންފާ ލިބުމަށް އެޅިގެންދާ އެންމެ ބޮޑު ހުރަހަކީ، އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން ޢާންމުވުމެވެ. ޤައުމީ ތަރައްޤީއަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީވެސް، އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވުމެވެ. ދައުލަތުގެ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުން އިތުބާރު ގެއްލި، އިޖުތިމާޢީ ޢަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބަކީވެސް ކޮރަޕްޝަންގެ ވަބާއެވެ.

ދައުލަތް ހިންގުމުގެ ޒިންމާތަކާ ޙަވާލުވުމަށްފަހު، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދުށީ، ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމެވެ. އެކަން ކުރެވެން އޮތީ، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަންގެ މޫތައް ލުހެލައިގެން ކަމަށްވާތީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނެވެ. "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ޢާންމުކުރަން ވަނީ ފެށިފައެވެ. އޭގެ ބޭނުމަކީ، ސިޔާސީ މަޤާމަކަށް ޢައްޔަނުކުރެވޭއިރު އޭނާގެ މާލީ ޙާލަތު ހުރިގޮތް، ޢާންމުކޮށް އެނގުމާއެކު، އެ މަޤާމުގައި ހުރެގެން ނުޙައްޤު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލްއެއް ވަނީ ޤާއިމުކުރެވިފައެވެ.

ހަމައެފަދައިން، ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއް ކަމުގައި، ޤާނޫނުލްޢުޤޫބާތުގައި ހިމެނުމަށް، މިއަހަރުގެ ކުރީކޮޅުގެ ތެރޭގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅިއެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވެގެން ދިޔައިރުވެސް، އެ ބިލް ފާސްނުވުމުން، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުމަށް އަޅުގަނޑު ވަނީ ނިންމައިފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކިތަންމެ ޤާނޫނުތަކަކާއި ކިތަންމެ ޤަވާޢިދުތަކެއް ހެދިދާނެއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކޮށް ބެލުމަށް ކިތަންމެ މުއައްސަސާތަކެއްވެސް އުފެއްދިދާނެއެވެ. ނަމަވެސް ކޮރަޕްޝަނަކީ، ފަރުދުންގެ އަމިއްލަ ޒާތުން އުފަންވާ ނުބައި އާދައަކަށްވާތީ، ފަރުދީ ފެންވަރުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން މެނުވީ، ކޮރަޕްޝަންގެ ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ މުސްތަޙީލު ކަމެކެވެ. އެހެންވީމާ، ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ޤައުމުގެ ކޮންމެ ރައްޔިތަކުމެ، އަމިއްލަ ނަފްސަށް ތެދުވެރިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުމެވެ.

ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް، ޤާނޫނީ ރައްކާތެރިކަން ލިބިދިނުމަކީވެސް، ކޮރަޕްޝަން ނައްތައިލުމަށްޓަކައި ވަރަށް ބޭނުންތެރިކަމެކެވެ. އެކަމަށްޓަކައި މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ތަޞްދީޤުކުރި، "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތައިލުމުގައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ޢާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

އެހެންކަމުން، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެއްވެސް މަޤާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާނަމަ، އެކަން އެނގޭ ކޮންމެ މީހަކު، އެކަން ސިއްރުނުކޮށް، ކަމާގުޅޭ އިދާރާތަކަށް އެކަމެއްގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ. ދައުލަތުގެ މުއައްސަސާއަކުން ޚިދުމަތެއް ހޯދުމަށް ނުވަތަ ޚިދުމަތެއް ދިނުމަށްޓަކައި، ރިޝްވަތު ހިފައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިދު ފައިދާއެއް ހޯދާކަން އެނގިއްޖެނަމަ، އެކަމެއްވެސް ހާމަކުރެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ. މިފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް ޢާންމުނުވާނެ ގޮތަކަށް، އެފަދަ ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި މިހާރު ވާނީ ހަމަޖެހިފައެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެން ކޮންމެ މީހަކީ، ވައްކަމާއި ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައަށް ފާޅުގައި ނޫނެކޭ ބުނާ މީހަކު ކަމުގައި ލެއްވުމެވެ. މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަންމަތީ ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤް، އަޅުގަނޑުމެން އެންމެންނަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވާށިއެވެ. އާމީން.

ނޯޓް: މި ޚިޠާބު ވަނީ މިއަދުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވި [ބިތުފަންގި] ބުލެޓިންގގެ ޚާއްޞަ ޢަދަދުގައި ޝާއިޢުކުރައްވާފައެވެ.