بسـم اللَّه الرّحـمٰـن الـرّحيـم

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި، އަޅުގަނޑު މިއަދު ހުއްޓި މިހުރީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާއިން، އަޅުގަނޑާ ހަވާލުކޮށްފައިވާ ދުސްތޫރީ ޒިންމާ އަދާކުރުމަށް. އާދެ! ޤައުމުގެ މިހާރުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށް، ކުރާނެ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ދުނިޔޭގެ ކަންހިނގާ މަގަކީ، އެއްކަމެއްވެސް ތާއަބަދު އެއްގޮތެއްގައި ނޯވެ ބަދަލުވަމުން ދިޔުން. މިއަދު މުޅި ދުނިޔެއަށް ހިޔަނި އަޅަމުން އެދަނީ، ކޮރޯނާ ވައިރަސްގެ ނުރައްކާ. ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތް ކުރަމުން މިއަންނަނީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއި އޯގާވަންތަކަމާއެކު، ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށް.

މިއީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަޤްވާމީ ބައެއް ދަތުރުތައް އަޅުގަނޑުމެން މެދުކަނޑައިލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާތީ. އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން މިއަންނަނީ އަޅަމުން.

މި ބައްޔަށް ޝައްކު ކުރެވިގެން ލެބޯރެޓަރީ ޓެސްޓް ހެދުމަށް މިހާތަނަށް ރާއްޖެއިން ބޭރަށް ފޮނުވި ހުރިހާ ދިވެހިންގެ ސާމްޕަލްތަކުގެ ނަތީޖާ، ރޭގެ ވަގުތެއްގައި އަޅުގަނޑަށް ވަނީ ލިބިފައި. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން، އޭގެތެރެއިން އެކަކުވެސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައެއްނުވޭ. މި ނުރައްކާތެރި ވަބާއިން އެންމެހައި ދިވެހިން މިންޖުކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މިދިޔަ މަހެއްހާ ދުވަސް އަޅުގަނޑުމެން މި ހޭދަކުރީ، ވަރަށް ހިތްދަތި އިޙްސާސްތަކެއްގެ ތެރޭގައި. ޢުމުރުން އެންމެ ދެ އަހަރުނުވާ މަޢުޞޫމް ތުއްތު އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިޙްސާސްތައް. އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ، ޢަދުލު އިންޞާފު އަރައި ހަމަނުކުރުން. އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދަޢުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތައްވެސް ނުނިމި އެބަހުރި.

ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިމަހު 20 ގައި ޢަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ. މި ދެންނެވި ޤާނޫނު އަޅުގަނޑުމެން މި ފާސްކުރީ، ކުރީގެ ސަރުކާރުތަކުން މި ޤާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ، ދިގު 28 އަހަރަށް ފަހުގައިކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން.

ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ، މިހާރު ތަޞްދީޤުކޮށްފައި އޮތް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިޚްތިޔާރެއް ނޫން. އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް، މި ސަރުކާރުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

މިއަދު، ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ އުފާވެރި އިޙްސާސަކީ، ހަމަޖެހުމާއި ޞުލްޙަވެރިކަން އަޅުގަނޑުމެންގެ ތެރެއަށް އަލުން އަނބުރާ އަންނަން ފެށުމުގެ އިޙްސާސް. ނިމިގެންދިޔަ 2019 ވަނަ އަހަރަކީ، އަޅުގަނޑުމެން އެކުގައި ފެށި ޑިމޮކްރެސީގެ ދަތުރުގައި ކާމިޔާބު އަހަރެއް.

ރައްޔިތުން ދެއްކި މިޞްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރަށާއި އަޅުގަނޑަށް ލިބުނު އެންމެ މުހިންމު ބައިވެރިޔަކީ، މި ޢިއްޒަތްތެރި މަޖިލިސްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް، މި މަޖިލީހުގެ ތެރެއިން ގެނެވުމަކީ، އަޅުގަނޑުމެން މިއަދު މި ދެކޭ އިޖުތިމާޢީ ޞުލްޙަވެރިކަމުގެ ޙަޤީޤީ ސިއްރު.

މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ވަނީ، 27 ބިލެއް ފާސްކޮށްދެއްވާފައި. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށާއި، މަޖިލީހުގެ ޢިއްޒަތްތެރި ނައިބު ރައީސް އީވާ ޢަބްދުﷲ އަށް އަދި ޢިއްޒަތްތެރި ހުރިހާ މެންބަރުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި 56 ބިލެއް، މި މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ޤަޞްދުކުރާ ވާހަކަ މިފުރުޞަތުގައި ދަންނަވަން. އެއީ، މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ޤާނޫނުތަކާބެހޭ 24 ބިލެއް. އެ ބިލުތައް ފާސްކުރުމުގައިވެސް، މި ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑަށް ޔަޤީން.

މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ފެނިގެން މިދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް. އާދެ! ޑިމޮކްރެސީގެ މި އުޞޫލުތައް ނެގެހެއްޓުމުން، އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ ޢާންމު ރައްޔިތުންނަށް. ދައުލަތުގެ ކޮންމެ ބާރެއްވެސް، ދުސްތޫރީ އިމުގެ ތެރޭގައި، އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަންދޭނަމަ، ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށްވުރެ އަދި މާ އިތުރުވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމާއި، އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު. މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށްވިޔަސް، މިއަދާ ހަމައަށް މިކަން ޙައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން.

މިކަންކަން ޙައްލުކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ބަދަލުކުރެވޭނޭހެން، ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި ފެށޭނެ. ޓެރަރިޒަމާއި ހަރުކަށި ޚިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުޢާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ. އަދި ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށްފަހު އެނބުރި އަންނަ މީހުން، އިޞްލާޙުކޮށް މުޖުތަމަޢަށް ގެނައުމަށްޓަކައި ޤާއިމުކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތްވެސް މިހާރުވަނީ ހަދައި ނިމިފައި.

ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކޮށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް، މިދިޔަ އަހަރުވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެވުނު. އެގޮތުން މިހާރުވެސް، 8 ރަށެއްގައި މިސްކިތް ޢިމާރާތް ކުރަމުންދާއިރު، އިތުރު 9 ރަށެއްގައި 12 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު މިއަހަރުގެ ތެރޭގައި ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ނުކުރެވޭހާ ހިނދަކު، އިޖުތިމާޢީ ޢަދާލަތެއްވެސް، އަދި ހަމަޖެހުމެއްވެސް ޤާއިމެއްނުކުރެވޭނެ. ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް ފުރިހަމަވެގެންދާނީ، ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށް، މުޅި ނިޒާމަށް ބަދަލުތަކެއް ގެނެސް، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފެދިގެން. އެހެންކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލަކާއި، މަދަނީ އިޖުރާޢާތުގެ ބިލެއް، މިދިޔަ އަހަރުގެ ތެރޭގައި ވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. އޭގެ އިތުރުން، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް މިއަންނަނީ މަސައްކަތް ކުރަމުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ތަޢުލީމީ ދާއިރާއިން، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ސަރުކާރުން ފަހިކޮށްދީފައި ނުވާހާ ތަނަވަސް ފުރުޞަތުތަކެއް، މިދިޔަ އަހަރު ފަހިކޮށްދެވުނު. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް، 5000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އައި. ހަޔަރ އެޑިއުކޭޝަން ލޯން ސްކީމުގެ ދަށުން، 4144 ދަރިވަރަކަށް، މިދިޔަ އަހަރު ލޯނާއި ސްކޮލަރޝިޕްގެ އެހީތެރިކަން ދީފައިވޭ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދަރިވަރުންނަށް ހޯދައިދެވުނު އެންމެ ރަނގަޅު އެއް ބަދަލަކީ، ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުން. މި ޕްރޮގްރާމްވެސް ފުރިހަމައަށް ހިންގޭނީ، ހުރިހާ ސްކޫލްތައް، އެއް ދަންފަޅިއަކަށް ބަދަލުކުރެވިގެން. އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓްގެ މައްޗަށް ބިނާކޮށް، ތިން އަހަރު ދުވަހުގެ ޕްލޭނެއް ހަދައި، މިއަންނަނީ ތަންފީޒު ކުރަމުން. އަދި ޓިވެޓް ތަމްރީނުތައް، މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި، ފެންވަރު ރަނގަޅު ޓިވެޓް ސެންޓަރުތަކެއް ހެދުމަށް މިއަހަރު ވަނީ ބަޖެޓުކުރެވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ބޭސްފަރުވާއަށްޓަކައި މާލެ އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން، ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް، މިދިޔަ އަހަރު ފެށިއްޖެ. އެއީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި.

ޚާއްޞަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި މުހިންމު މަޝްރޫޢުތަކެއް ރޭވިފައި އެބަހުރި. އޭގެ ތެރެއިން އެއްކަމަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މި އަހަރު އަޅަން ފަށާ، ކެންސަރު ހޮސްޕިޓަލް. އޭގެ އިތުރުން އައި.ޖީ.އެމް.އެޗް.ގައި ކިޑްނީ ބަދަލުކުރުމުގެ ޚިދުމަތް، މި އަހަރުގެ ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން.

ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިދިޔަ އަހަރުގެ މާރިޗް މަހު، އައި.ޖީ.އެމް.އެޗް.ގައި ޤާއިމުކުރި ސެންޓަރ ފޮރ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވޭ. އޭގެ އިތުރުން އައި.ޖީ.އެމް.އެޗް.ގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ، މި އަހަރަކީ ޢާންމު ޞިއްޙަތުގެ އަހަރުގެ ގޮތުގައި ކަނޑައަޅައިގެން، ގައިން ގަޔަށް ނާރާ ބަލިތަކުން ޢާންމު ރައްޔިތުން ސަލާމަތްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް. ކޮމިއުނިޓީ ހެލްތް ވަރކަރުންގެ ވިއުގައެއް ޤާއިމުކޮށް، އެ ޚިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ، މި އަހަރު ކުރެވޭނެ މުހިންމު ކަމެއް.

އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އިސްރަށްވެހިންގެ ހިޔާ ޤާއިމުކުރުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ. އަދި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް، ބަންދުގެ މުއްދަތުގައި ފަރުވާދިނުމަށްޓަކައި، ރިމާންޑް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށޭނެ.

ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް، ޤާއިމުކުރި ވިސްލްބްލޯވަރ ޕޯޓަލްއަށް، މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން، 120 މައްސަލައެއް މިހާރުވާނީ ތަޙުޤީޤީ އިދާރާތަކަށް ފޮނުވާފައި. ދައުލަތުގެ މާލީ ކަންކަން، ދެފުށް ފެންނަ އުޞޫލަކުން ކުރިއަށް ގެންދިޔުމުގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މާލީ ޙާލަތާއި، ފައިސާގެ ހިސާބުތައް، މިދިޔަ އަހަރުން ފެށިގެން މިއަންނަނީ އާންމުކުރަމުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ދިވެހި ޢަސްކަރިއްޔާއަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯތްބާއެކު، މަސައްކަތްކުރާ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް، މިދިޔަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ، ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެވުނު. އަބަދުވެސް ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކަށްވާނީ، ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް، އަމަންއަމާންކަން ޤާއިމުކުރުމާއި، ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ސިފައިންނާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުން.

މިދިޔަ އަހަރު މާލޭގައި ހިނގައިދިޔަ، ނުރައްކާތެރި އަލިފާނުގެ ޙާދިޘާގައި، މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ ވަރަށް ރީތި މިސާލެއް.

ފުލުހުންގެ ޚިދުމަތަކީ، ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރެވިގެން، ޤާނޫނީ އިމުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ފުލުހުންގެ ޚިދުމަތާ ގުޅޭ އެންމެހައި ކަންކަން، ޤާނޫނުގައި އަލުން ކަނޑައެޅުމަށްޓަކައި، ފުލުހުންގެ ޚިދުމަތުގެ ބިލެއް، މިހާރުވާނީ މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާފައި.

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން، ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް، މި އަހަރު އިތުރު އަތޮޅުތަކަށް ތަޢާރުފްކުރެވޭނެ. ދިވެހި ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ރަނގަޅު ތަޞައްވުރެއް އުފައްދައި އިތުބާރު ހޯދުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އަޅުގަނޑު ފާހަގަކުރަން.

ޤައިދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ އިތުރުން، ޖަލުތައް ތޮއްޖެހިފައި އޮތުމަކީ، އިޖުތިމާޢީ ހަމަޖެހުމާއި ޞުލްޙައަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ޖަލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އިތުރު ޖަލެއް ހެދުމުގެ މަސައްކަތް މި އަހަރު ފެށޭނެ. މާފުށީ ޖަލުގެ ގިނަ ޔުނިޓްތައް ހުރިގޮތުން، ކަސްރަތުކުރުމުގެ ފުރުޞަތު ޤައިދީންނަށް ނުލިބޭތީ، މިހާރުވަނީ އިތުރު ޔާޑެއް އަޅައިދީފައި. މީގެއިތުރުން، ޤައިދީންނަށް ދޭ ޢާއިލީ ބައްދަލުވުމުގެ ވަގުތު، ދެ ގަޑިއިރަށް ބަދަލުކޮށް، އެކަހެރި ބައްދަލުވުންތައް 24 ގަޑިއިރަށް ވަނީ ބަދަލުކުރެވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

މިދިޔަ އަހަރު ދައުލަތް ހިންގުމަށް ގެނެވުނު އެންމެ ހެޔޮ ބަދަލަކީ، ޙަޤީޤީ ލާމަރުކަޒީ ނިޒާމަކަށް އެނބުރި ދިޔުމުގެ މަސައްކަތް ފެށުން. ޤާނޫނީގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތަކަށް ދެވުނު ބޮޑު ބަޖެޓާއެކު، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ޒިންމާ މިހާރު އެވަނީ ލޯކަލް ކައުންސިލްތަކާ މަތިކުރެވިފައި. ލާމަރުކަޒީ ޤާނޫނަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ވަކި ޢަދަދަކަށް އަންހެނުން އިންތިޚާބު ކުރަންޖެހޭގޮތަށް ހަމަޖެހުން.

ޚާރިޖީ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރަކީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ބައިނަލްއަޤްވާމީ ޢާއިލާގެ ތެރެއަށް، ރާއްޖެއަށް އަލުން ވަދެވުނު އަހަރެއް. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އަވަށްޓެރި އަދި ރަޙްމަތްތެރި ޤައުމުތަކާއެކު، ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ޤާއިމުކުރެވި، ތަޢުލީމީ ފުރުޞަތުތަކާއި، މާލީ އެހީތެރިކަމާއި، ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިއްޖެ.

އިންޑިޔާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫ.އޭ.އީ. އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައި. އޭގެ އިތުރުން، މޮރޮކޯއާއި ޗައިނާއަށް ދަތުރުކުރުމުގައިވެސް ވަރަށް އަވަހަށް އެ ލުއިފަސޭހަތައް ލިބޭނެ. ރާއްޖެއާއި ޖަރުމަނު ސަރުކާރާ ގުޅިގެން، ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް، ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް، އަންނަ މާރިޗް މަހުގައި ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުން.

ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަމާއެކު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހިރާއްޖެ އަނެއްކާވެސް މިވަނީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވެފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ކުދި ފަންތީގެ އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އުފެއްދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، މިދިޔަ އަހަރުގެ ނިޔަލަށް 301 ވިޔަފާރިއަކަށް، ޖުމްލަ 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދެވުނު. މިއަހަރުވެސް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ.

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސް.އެމް.އީ އިނޮވޭޝަން ފަންޑެއް މިހާރުވަނީ އިފްތިތާޙުކޮށްފައި. މި ފަންޑުގެ ތެރެއިން، ދިވެހި ޒުވާނުންގެ އީޖާދީ ޚިޔާލުތަކަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެންދާނެ. މިއީ، މިހާތަނަށް، ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން، ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން.

މިހާރު މަސައްކަތް ފަށާފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫޢުގެ ދަށުން، އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް، ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު، އަންނަ އޭޕްރިލް މަސް ތެރޭގައި ހަމަޖެހިގެންދާނެ. އަދި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް، މި ޕޯޓަލްއާ ގުޅައިލެވި، އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް، އަންނަ އަހަރުގެ ތެރޭގައި، އޮންލައިންކޮށް ފޯރުކޮށްދޭން ފެށޭނެ.

ގުޅިފަޅުގައި ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މި ބަނދަރު ތަރައްޤީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެން. އޭގެ އިތުރުން، މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިނާއި ސަރވޭގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ބްރިޖްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް މިހާރުވާނީ އެއް ޤާނޫނެއްގެ ދަށަށް ގެނެވިފައި. މި ބަދަލާއެކު އަލަށް ތަޢާރުފްވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާނެ. އަދި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް އަޅުގަނޑު ޤަޞްދުކުރަން.

މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއް. އަދި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީވެސް، ބޮޑު ބަޖެޓަކަށް ވާނެ. ސަބަބަކީ، މިއަހަރާއި އަންނަ އަހަރަކީ، އަޅުގަނޑުމެންގެ ތަރައްޤީގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރު ކަމަށްވާތީ. އެއަށްފަހު އަޅުގަނޑުމެން އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށް. މިއީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް.

މިދިޔަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 23.1 ބިލިއަން ރުފިޔާ. މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދަކީ 28.3 ބިލިއަން ރުފިޔާ. އަދި ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 5.2 ބިލިއަން ރުފިޔާ.

ހިނގަމުންމިދާ 2020 ވަނަ އަހަރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު، 30 އިންސައްތަ އިތުރު މިންވަރެއް. މި އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ، 24.7 ބިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު، 12 އިންސައްތަ އިތުރު މިންވަރެއް. އަދި މި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރި މިސްރާބާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ބެލެވެނީ 7.5 އިންސައްތައިގައި. އަދި މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ އެކެއް އިންސައްތައިގައި.

މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 753 މިލިއަން ޔޫ.އެސް ޑޮލަރު. އަދި މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި، 818 މިލިއަން ޔޫ.އެސް ޑޮލަރު ހުންނާނެކަމަށް ބެލެވޭ. މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫ.އެސް. ޑޮލަރު.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ފަތުރުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެން އަމާޒު ހިފި މިޞްރާބަށް، މާތް ﷲގެ ވާގިފުޅާއެކު، މިދިޔަ އަހަރު ވާޞިލުވެވުނުކަން އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން. މިދިޔަ އަހަރުގެ ނިޔަލަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި.

މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، 14.7 އިންސައްތައިގެ އިތުރުވުމެއް. މިހާރު ސަރުކާރުގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން، ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު، 2.5 މިލިއަނަށް އިތުރުކުރުން.

މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގައި 158 ރިޒޯޓާއި، 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި، 156 ސަފާރީގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި. އާދެ! އެއީ ޖުމްލަ 50591 އެނދު. އަދި މިއަހަރުގެ ތެރޭގައި، އިތުރު 1300 އެނދާއެކު، 13 ރިޒޯޓާއި، 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށް ލަފާކުރެވޭ.

މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައި. މިބަލީގެ ނުރައްކާތެރިކަން ޢާންމުވި ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް، ފަތުރުވެރިކަމުގެ 13287 ބުކިންގ ކެންސަލްވެއްޖެ. މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް، މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މިދިޔަ އަހަރުވެސް ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ޙަރަކާތްތަކެއް ހިންގުނު.

ޤައުމީ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު އެއްކަމަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން. ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ. ހއ. ހޯރަފުށްޓާއި، މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއަރޕޯޓުތައް ނިންމުމަށް މިއަންނަނީ މަސައްކަތްކުރަމުން. އަދި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގެ ހަ ރަށެއްގައި އެއަރޕޯޓްތައް ތަރައްޤީކުރެވޭނެ.

ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. މި މަޝްރޫޢުގެ ދަށުން، ދުވެލި ހަލުވި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި، މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ދިވެހި މަސްވެރިކަން ތަރައްޤީކުރަން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ. މަސްވެރިންނާއި އޮޑިވެރިންގެ އަމިއްލަ މަސައްކަތުން މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރިއިރު، އެއާ ގާތްކުރާ މިންވަރަށްވެސް މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ ރަނގަޅު ސިޔާސަތެއް، ކުރީ ސަރުކާރުތަކުން ގެންގުޅެފައެއް ނެތް.

އެކަން ޙައްލުކުރުމުގެ ގޮތުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެ. މަސްވެރިންގެ އެހެން ޝަކުވާތަކަށްވެސް ސަރުކާރުން މިއަންނަނީ ޙައްލު ހޯދައިދެމުން. ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭގޮތަށް، ލޭނު މަސްވެރިކަމަށް ދީފައި އޮތް ހުއްދަތައް، ބޮޑުކަންނެލީގެ މަސްވެރިންގެ އެދުމާ އެއްގޮތަށް، މިހާރު ވާނީ ބާޠިލުކޮށްފައި. އަދި މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ، މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެ.

އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރިގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެ. އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އަންނަ މާރިޗު މަހުގެ ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން.

ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއްކަމަކީ، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކާ އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިޔުން. މިގޮތުން، ސަރުކާރު ޙިއްޞާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމުތައް، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ތަރައްޤީގެ އަމާޒުތަކަށް ވާޞިލުވުމުގައި، ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރެވޭނީ، ޒަމާނީ އައު ޓެކްނޮލޮޖީގެ ބޭނުން ހިފިވަރަކުން. ދުނިޔޭގެ އިޤްތިޞާދީ ދުވެއްޔާ ފައިހަމަކޮށް، އަދި އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން، ވިޔަފާރިއާއި މަސައްކަތް ހޯދަން ދަންނަ ޖީލެއް އުފެއްދުމަށްޓަކައި، ދަރިވަރުންނާއި ޒުވާނުން، ޓެކްނޮލޮޖީއާއި ސައިންސަށް އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.

އެގޮތުން، ޤައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްޤީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާނަން. އަދި މިހާރު އެކުލަވައިލާފައިވާ ނެޝަނަލް އައިޑެންޓިފިކޭޝަން މަގުޗާޓާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް، ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށް ކާމިޔާބު އަހަރެއް. ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަޤްވާމީ މުބާރާތްތަކުން، 13 ރަން މެޑެއްޔާއެކު، ޖުމްލަ 46 މެޑެލް ރާއްޖެއަށް ލިބުނު. އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ރަން މެޑެއްޔަކީ، އެ ކުޅިވަރު މުބާރާތުގެ ތާރީޚުގައިވެސް ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެލް. 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބޭނުންވާ ޢުމްރާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު މިހާރު ވަނީ ފެށިފައި.

ޤައުމީ ޓީމަކަށް މަދުވެގެން ފަސް އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރ ކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތަޢާރުފުކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން. ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތަޢާރުފްކޮށް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެ.

ބައިނަލްއަޤްވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ކުޅިވަރުގެ ހުނަރު ހޯދޭނެގޮތަށް، ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ވާހަކަ މި ފުރުޞަތުގައި ދަންނަވަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެނާއި، ނަރުދަމާ ނިޒާމް ޔަޤީންކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދު. އެ ވަޢުދުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް، މިއަހަރުގެ ބަޖެޓްގައިވާނީ ހިމަނާފައި. މިހާތަނަށް މަސައްކަތް ނުފެށި ހުރި ރަށްރަށުގައިވެސް، އެންމެ ލަސްވެގެން 2021 ވަނަ އަހަރު މަސައްކަތް ފަށައި، މި ދައުރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ދޭން ފެށޭނެ.

ދުނިޔެ ހޫނުވުމުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާނެ ގެއްލުންތަކަކީ، މިއަދު ދިވެހިންގެ ލޯތަކަށް ފެންނަ އެންމެ ބޮޑު ޙަޤީޤަތް. މިއަހަރުގެ އިރުވައި ހަޅަ، އާދަޔާ ޚިލާފަށް ގަދަވެ ދިގުލައިގެން ގޮސް، އުދައެރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މީހުން ދިރިއުޅޭ ރަށްރަށާއި، ކިތަންމެ ފަޅުރަށެއްގެ ގޮނޑުދޮށް ވަނީ، އެ ރަށްރަށުގެ ހޭޅިފަށާއެކު ގިރާލާފައި. މިކަމުގެ ގެއްލުންތައް ކުޑަކުރުމަށް، މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް، ސަރުކާރުން މިއަންނަނީ ކުރަމުން.

ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި 40 ރަށެއްގައި، އަވިން ކަރަންޓް އުފައްދާ ނިޒާމުތައް ޤާއިމުކޮށް، 5.2 މެގަވޮޓްގެ ކަރަންޓް އުފައްދަން ފެށުނު. އެހެންކަމުން، ރާއްޖޭގެ ކަރަންޓް ވިއުގައިގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރު ވަނީ، 21.5 މެގަވޮޓަށް، އާދެ 7.5 އިންސައްތަ އިތުރުކުރެވިފައި. އިރުގެ އަވިން، އިތުރު 51 މެގަވޮޓްގެ ކަރަންޓް އުފައްދާނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް، މިއަހަރު ފެށޭނެ.

މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ހުޅުމާލޭގައި ހެދި 50 މެގަވޮޓުގެ އިންޖީނުގެއިން މިދިޔަ އަހަރު ވަނީ ހުޅުމާލެއަށް ކަރަންޓް ދޭން ފަށާފައި. ހުޅުމާލެއާއި ހުޅުލެ އަދި މާލެ، އެއް ވިއުގައަކުން ގުޅައިލުމަށްޓަކައި، މިހާރު އަޅަމުން އަންނަ ކަރަންޓް ކޭބަލްގެ މަސައްކަތް ނިންމައި، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރަށްރަށުން މިހާރުވެސް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވެން ނެތުން. މި އަހަރު އަޅުގަނޑުގެ އެންމެ ބޮޑު އެއް އަމާޒަކީ، މި ޝަކުވާއަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުން. އެގޮތުން، ޤައުމީ ފެންވަރުގައި، އިތުބާރު ހިފޭ، ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް، ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރުދަނީ ކުރެވެމުން.

ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން، ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި މިހާރު ފަށާފައިވާ، 168 މިލިއަން ޑޮލަރުގެ މަޝްރޫޢު ނިމުމުން، 8 މެގަވޮޓުގެ ކަރަންޓް، މާލޭގެ މަރުކަޒީ އިންޖީނުގެއާ ގުޅައިލެވޭނެ. އަދި 28 މިލިއަން ޑޮލަރަށް އައްޑޫގައި ޤާއިމުކުރާ، ކުނިން ހަކަތަ އުފައްދާ ޕްލާންޓް ނިމުމުން، 1 މެގަވޮޓްގެ ކަރަންޓް، އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ކަރަންޓް ވިއުގަޔާ ގުޅައިލެވޭނެ.

ޕްލާސްޓިކަކީ، ރާއްޖޭގެ ފަރުތަކާއި، ކަނޑުގެ ދިރުންތަކުގެ އެންމެ ބޮޑު ދުޝްމަންކަން މިއަދު ކޮންމެ ދިވެހި ފަރުދަކު ޤަބޫލުކުރާނެ. ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރާއްޖެއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް، ބޭނުންނުކުރާ ޤައުމަކަށް ހެދުމަށް އެކުލަވައިލާ ޕްލޭނަށް، މިއަހަރު ޢަމަލުކުރަން ފަށާނެ.

ރާއްޖޭގެ ޘަޤާފީ ތަރިކައާއި އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް، މިދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ޘަޤާފީ ތަރިކައިގެ ޤާނޫނެއް ހަދައި ޢަމަލުކުރަން ފެށުން. ރާއްޖޭގެ ޘަޤާފީ ތަރިކަ، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ދަފްތަރު ކުރުމަށް، އޮކްސްފޯޑް އިސްލާމިކް ސެންޓަރާ ގުޅިގެން ހިންގާ މަޝްރޫޢުގެ ސަރވޭ މަސައްކަތްވެސް މިހާރުވަނީ ހަތަރު އަތޮޅެއްގެ 108 ރަށެއްގައި ކޮށް ނިންމާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން. ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މަޢުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ ޢާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައިވެސް އެބަތިބި. ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީން ކުރެވި، ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. މިހާތަނަށް މުޅި ޖުމްލަ، ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް އިޢުލާނުކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫޢުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ.

މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތްގޮތަށް، މި އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ.

ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް ޢާއިލާއެއް އެބަތިބި. އެ ޢާއިލާތަކަށް ބޭނުންވާ، 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މި އަހަރުގެ ތެރޭގައި އެތަންތާނގައި ދިރިއުޅެން ފެށޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން، ޔާމީން ރަޝީދާއި، އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގެ ރިޕޯޓް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. އެކޮމިޝަނުން ބެލި ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި، ޖަލުގައި މަރުވި ޙަސަން ޒަރީރުގެ މަރުގެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ދަޢުވާކުރަންޖެހޭ މީހުންނާމެދު ދަޢުވާކުރުމުގެ ކަންކަން ފެށުމަށް އަންނަނީ ތައްޔާރުވަމުން.

އަދި ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަނުންވެސް މިހާރު މަސައްކަތްތައް ނިންމައި، ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. އެ މައްސަލަތަކުގެ ރިޕޯޓުތައް ލިބުމުން، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅަމުން ގެންދާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ދިވެހި ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ، ކޮންމެ ހިނދެއްގައި އަދި ކޮންމެ ޙާލަތެއްގައިވިޔަސް، ޤައުމީ މަޞްލަޙަތަށް އިސްކަންދީގެން. މިއީ، ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފައިވާ އަމާނާތް އަދާކުރުމުގައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑު ޢަމަލުކުރަމުން އަންނަ އަދި އިސްކަންދޭ އުޞޫލު. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ދިވެހި ޤައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުގައިވެސް، ސަރުކާރުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ، އަދި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އަޅާފައިވާނީ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތަށް އިސްކަންދީގެން. ޤައުމަށާއި ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތްތަކަށް ވިސްނައިގެން. އަދި މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ސަރުކާރެއްކަން ޤަބޫލުކޮށްގެން ހުރެ.

ދިވެހި ރައްޔިތުން މި ސަރުކާރަށް ދެއްވި ސާފު އަޣްލަބިއްޔަތާއެކު، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދުތައް ފުއްދައިދިނުމަށް، މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އެކަމުގެ ނަތީޖާ ފެންނަމުންދާކަން އެއީ، އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އެއް އުފާ. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިޚާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން، ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު އަރުވަން.

މާތްﷲ އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، އަމާންކަމާއި ސުލްހަމަސަލަސްކަންމަތީ ލަހައްޓަވާށި! ތަރައްޤީގެ މަގުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި އެކަލާނގެ ބަރަކާތް ލައްވައި، ކަންކަމާއިގެން ކުރިޔަށް ދިޔުމުގެ ހެޔޮ ވިސްނުމާއި ޤާބިލުކަން އަޅުގަނޑުމެންނަށް ދެއްވާށި! އަޅުގަނޑުމެންގެ މެދުގައި ޤާއިމުވެފައިވާ އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރަށް ވަރުގަދަ ކުރައްވައި، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ހެޔޮ ވިސްނުން އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.