بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ އުފާވެރި މުނާސަބާ. އެހެންކަމުން ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.

ޤައުމެއްގެ ޙަޔާތުގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އެންމެ އުފާވެރި އަދި އެންމެ ފަޚުރުވެރި ދުވަހަކީ، އެ ޤައުމެއްގެ މިނިވަން ދުވަސް. އެންމެ ކުލަގަދަކޮށް ފާހަގަކުރާނީވެސް މިނިވަން ދުވަސް. މިއީ ހުރިހާ ޤައުމެއްގައިވެސް މިކަން ހިނގާ ގޮތް.

މިނިވަން ދުވަހަށް، މިހާ މަތީ ދަރަޖައެއް ދެވިފައިވަނީ، އިންސާނާގެ އަމިއްލަ ޒާތާ، މިނިވަންކަމާ ގުޅިފައިވާ މިންވަރުގެ ސަބަބުން. ކޮންމެ އިންސާނަކުމެ ދުނިޔެއަށް ނޭވާލާން ފެށުމާއެކު، އޭނާގެ ޒާތާ ގުޅިފައިވާ އެންމެ މަތިވެރި ޙައްޤަކީ، އަދި އެއްވެސް ޙާލެއްގައި އޭނާއާ ވަކިނުކުރެވޭނެ ޙައްޤަކީ، މިނިވަންކަމުގެ ޙައްޤު.

މި ޙަޤީޤަތަށް ނަޒަރު ހިންގާއިރު، ޤައުމެއްގެ މިނިވަންކަމަކީ، މިނިވަން ދައުލަތެއް ވުޖޫދުވެފައިވާ ކަމުގެ އެންމެ އަލިގަދަ ހެކި. އަދި އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ހަމަހަމަކަމާއެކު ބަސްބުނުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު އެ ދައުލަތަކަށް ލިބިގެންވާ ސަބަބުވެސްމެ.

އަޅުގަނޑުމެންވެސް މިނިވަން ދުވަސް ފާހަގަކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކު. އަދި ކުރިމަގަށްޓަކައި ކުރާ ވަރަށް ފޮނި އުންމީދުތަކަކާއެކު. ނަމަވެސް، މިނިވަންކަމުގެ ދަތުރުގައި، އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށްތޯ ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ! ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މުޅި ދުނިޔެ މިއަދު މިވަނީ، ފަހުގެ ޖީލުތައް ތަޖުރިބާ ނުކުރާވަރުގެ ބަނަކަމެއްގެ ތެރޭގައި. މި ބަލީގެ ހިޔަނި ނޭޅޭ އެންމެ ޢާއިލާއެއް މިރާއްޖޭގައިވެސް ނެތް. މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ޙަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫން.

ކޯވިޑް-19 ގާދޫކޮލުން އެތެރެވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިޤްތިޞާދު ކަރުތާފެނަށް ގަންބާލައިފި.

ކޯވިޑް-19ގެ ސަބަބުން ބަންދުކުރިތާ ތިން މަހަށްފަހު، ރާއްޖޭގެ ބޯޑަރުތައް މިވަނީ އަލުން ހުޅުވައިލެވިފައި. ނަމަވެސް އިޤްތިޞާދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުން.

ނަމަވެސް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްކަމުގެ އިތުބާރާއި ޔަޤީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، އަޅުގަނޑުމެންގެ މި އުންމީދު ޙާޞިލެއް ނުވާނެ. އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ޢަމަލުކޮށް، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން.

މި ޙާލަތަށް ޤައުމު ގޮސްފައިވާ ދުވަސްވަރެއްގައި، މިނިވަން ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުގެ ވިސްނުމަށް އަންނަނީ، ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި، ވާންޖެހިފައިވާ ޤުރްބާނީގެ މަތިވެރިކަން.

ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަން. ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން.

ސިޔާސީ މިނިވަންކަން ލިބިފައި އޮތަސް، ޙަޤީޤީ މިނިވަންކަމަކީ ކޮބައިކަން ހާމަކޮށްދެއްވަމުން، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، ސުމުއްވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވިދާޅުވަނީ؛

މިނިވަންކަމުގެ މަތިވެރި ނަމުން، ލިބުނަސް ނަމެއް ސިޔާސަތުން،
                    މިނިވަންކަމުގެ ޙަޤީޤަތީ، ކެރިފޯރުމޭ ގޮވާނަމޭ.

ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށް. ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް. ރާއްޖޭގެ ފަތުރުވެރިކަމަކީވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްޤީކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ޞިނާޢަތެއް.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު. އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު. ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު.

މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ. ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ޞުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާއެކު ކުރި މަސައްކަތުން. އެހެންވީމާ، ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީވެސް ޞުލްޙައިގެ މަތީގައި.

އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މި ދެންނެވި އަސާސްގެ މަތީގައި. މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ޤައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް.

މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ވާހަކަ. ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން.

އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، މުޅި ޤައުމަށް. ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާނަން.

ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރާނީވެސް، ޞުލްޙަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ޚާރިޖީ ގުޅުންތަކުގެ ތެރެއިން. މިނިވަން ޤައުމެއްގެ އުފަލާއި ފަޚުރުވެރިކަން ފާހަގަކުރާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، އެހެން ޤައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން މިއަދު މިވަނީ އިތުރުވެފައި.

ކޯވިޑް-19ގެ ތެރެއިންވެސް މި ޙަޤީޤަތް އިތުރަށް ޔަޤީންވެއްޖެ. އެއްވެސް ޤައުމަކަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން، މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައި. ތިމާވެށީގެ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމުގައިވެސް، މަސައްކަތްކުރަން ޖެހިފައި މިވަނީ، ހުރިހާ ޤައުމުތަކެއް އެކުވެގެން އެއް ވިސްނުމެއްގައި.

ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިނުވާ އެއްވެސް ޤައުމެއް މިހާރަކު ނެތް. މި ނުރައްކަލުން ދުނިޔެ ސަލާމަތް ކުރެވޭނީ، ހުރިހާ ޤައުމުތައް އެކުގައި، މިހާރަށްވުރެ ބޮޑަށް ޞުލްޙައަށް މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ދިވެހިން މިތިބީ، މިހުރިހާ ކަމެއްގައިވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް.

ދިވެހިންގެ ފަޚުރުވެރި ޤައުމީ ޝަޚުޞިއްޔަތުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމްދީން. އެ ބިންގަލުގެ މަތީގައި ދިވެހި ޤައުމިއްޔަތުގެ ބިނާ، އާރާސްތުކޮށްދިން ތަނބުތަކަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި ދިވެހިންގެ މާދަރީ ބަސް. އަޅުގަނޑުމެންގެ ތާރީޚާއި އަޅުގަނޑުމެންގެ ސަގާފަތް. މި ހުރިހާ ކަމެއް ލާމެހިގެން ގެތިފައިވާ ދިވެހި މުޖުތަމަޢުން، މިސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫން.

މިނިވަންކަމުގެ ދަތުރުގައި 55 އަހަރު ހޭދަކުރެވުނުއިރު، ތަރައްޤީގެ ސަމުގާއިން، ދެން އަމާޒު ހިފަންވީ ކޮން މިސްރާބަކަށްކަން، އަޅުގަނޑުމެން އެކަކަށްވެސް އޮޅިގެން ނުވާނެ. އަޅުގަނޑު ހިތުން މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށް.

އެކަން އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭނީ، ތަރައްޤީއަކީ ތިމާގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމަށް ޤަބޫލުކޮށް، އެމަގަށް ފަރުދުންގެ ދިރިއުޅުން ބައްޓަންކޮށްގެން. ޙަޤީޤީ ދިރިއުޅުމަކީ، ފަސްމަގުގެ މޯހިރަށް ގެއްލިގެންދާ ދުވަހަށްވުރެ، ކުރިމަގުގެ އުދަރެހުން އަލިވިލޭ ކޮންމެ ދުވަހަކާއެކު، ތިމާގެ އަމިއްލަ ދިރިއުޅުމުގައި އައު ބަދަލުތަކަށް އުންމީދުކުރެވޭ ދިރިއުޅުން.

ތަރައްޤީއާ ފައިހަމަވާ ދިރިއުޅުމެއް ހޯދޭނީ، ދިރިއުޅުމަކީ ލިބޭ އާމްދަނީއަކުން ބަނޑުފުރާނަ މުއްތިކޮށްލުން ކަމަށް ދެކޭ ދެކުން ބަދަލުކޮށްގެން. އަބަދުވެސް އިއްޔެއަށްވުރެ މިއަދު ތަރައްޤީކޮށް، އަދި އެއަށްވުރެ ފާގަތި މާދަމާއަކަށް މަސައްކަތް ކޮށްގެން. ޙަޔާތުގެ ފިޔަވަޅުމަތީ ހުއްޓި ނުހުރެ، ބަދަލުވުމުގެ ރާސްތާގައި ކުރިއަށް ގޮސްގެން.

ކޯވިޑް-19ގެ ސަބަބުން ޤައުމީ ތަރައްޤީއަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރެވޭނީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް، ވަރަށް ހަލުވިމިނެއްގައި ތަރައްޤީކޮށް، އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެން. ޤައުމީ ތަރައްޤީގެ ސިޔާސަތުގައި، މީހުން ބިނާކުރުމަށް އަޅުގަނޑުމެން ޚާއްޞަ އިސްކަމެއް މި ދެނީ، މި ދެންނެވި ސަބަބަށްޓަކައި. ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތްކޮށް، މި ނަތީޖާ ޙާޞިލުކުރުމަކީ މާ އުނދަގޫ ކަމެއް ނޫން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖޭގެ މިނިވަންކަމުގެ ބާނީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒިކުރާ އައުކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި ރާއްޖޭގެ މިނިވަންކަމަށްޓަކައި، ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި އެންމެހައި ބަޠަލުންގެ ފުރާނައަށްވެސް ހެޔޮ ރަޙްމަތްލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާށި. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމުގެ ކަންކަން އިޞްލާޙުކުރުމުގެ ހިތްވަރާއި ފުދުންތެރިކަން އަޅުގަނޑުމެންނަށް ދެއްވައި، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه