ދަނޑުވެރިކަމަށް ފަހި މާޙައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއްކަމަށާއި، މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމައި، ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ސަރުކާރުން އިޢުލާނު ކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މި އަހަރުގެ ދަނޑުވެރިންގެ ދުވަސްކަމަށްވެފައި، އަދި މާދަމާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކާބޯތަކެތީގެ ދުވަސްކަމަށްވާއިރު, މި ދެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ބޭފުޅުންނަށް، ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮ އެދުންތައް ފޮނުއްވިއެވެ.

މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަޤީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވެގެންކަމުގައި ވިދާޅުވެ، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ޤައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައި ވެސް، މި ޔަޤީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްކަމުގައި ވިދާޅުވެފައެވެ.

މި ގޮތުން، ސަރުކާރުގެ ވަޢުދާ އެއްގޮތަށް ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯޓްޑިޔުޓީ މިހާރު ވާނީ ކަނޑާލާފައި ކަމަށާއި، އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޭޝަން (އެސް.ޑީ.އެފް.ސީ) މެދުވެރިކޮށް، ދަނޑުވެރިކަމަށް ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕުރޮގުރާމުތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ވެސް އިތުރަށް ފުޅާކުރެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި, ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުންކަމަށާއި، މި ދަތިކަން ޙައްލުކޮށްދިނުމަށް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދައިފައިވާކަމުގައި އެ މަނިކުފާނި ވަނީ ވިދާޅުވެފައެވެ.

އަދި، އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާ ގުޅޭ މަޝްރޫޢުތަކަށް، ބޭރުގެ އެހީދޭ ޖަމުޢިއްޔާ އަދި ޖަމާޢަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތް ވެސް، ސަރުކާރުން ކުރަމުން އަންނަކަމުގައި ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ހާމަކުރައްވާފައެވެ. މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤީންކަން،" މި ޝިޢާރެވެ.