بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޖެންޑަރ ޢާއިޝަތު މުޙައްމަދުދީދީ، އެން.ޑީ.އޭ. ބޯޑުގެ ޗެއަރޕަރސަން ޢަބްދުލްޙަމީދު، އެން.ޑީ.އޭ ބޯޑުގެ މެންބަރުން، ނެޝަނަލް ޑްރަގް އޭޖެންސީގެ ވެރީންނާއި ހީވާގި މުވައްޒަފުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނާއި އަދި މި ޚިދުމަތަށް ބޭނުންވެފައި ތިބި އެންމެހައި ފަރާތްތައް؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އިސްވާޖިބެއްގެ ގޮތުގައި އެންމެ ފުރަތަމަވެސް އަޅުގަނޑު ދެކެނީ، މިފަދަ ފަރުވާއެއްގެ ބޭނުންޖެހިފައި ތިބި، އަޅުގަނޑުމެންގެ އެތައް ފަރާތަކަށް މި މަގުފަހިކޮށްދިނުމަށްޓަކައި، މި މަސައްކަތް މިއަދު ފެށްޓެވީތީ، ޚާއްޞަކޮށް، ނެޝަނަލް ޑްރަގް އޭޖެންސީއާއި އަދި އެން.ޑީ.އޭ ބޯޑުގެ މެންބަރުން އަދި ޖެންޑަރ މިނިސްޓްރީއަށް މިކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރުން.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައެއްގެ ގޮތުގައި މިއޮތީ ޒުވާނުންނަށް ދިމާވެފައިމިވާ މަސްތުވާތަކެތީގެ މައްސަލަތައް. މިއީ، އަޅުގަނޑު ދަންނަވާނީ މިއަދު އަޅުގަނޑުމެން ތަފާތުގޮތަކަށް، މި މައްސަލަތައް ޙައްލުކުރުމަށްޓަކައި، މަސައްކަތް ކުރަންޖެހޭ ކަމެކޭ. ކުރަމުން އަންނަ ގޮތަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށްވަންޏާ، އެކަން ކާމިޔާބުކުރުމަށްޓަކައި، އަޅުގަނޑުމެން ތަފާތު އެހެން ގޮތްތަކެއް ހޯދަންޖެހޭ. އަޅުގަނޑު ވަރަށްއުފާކުރަން، ޚާއްޞަކޮށް މިއަދު ނެޝަނަލް ޑްރަގް އޭޖެންސީ، މި ބޯޑުގެ މެންބަރުން ވަރަށް ހީވާގިކަމާއެކު، މަސައްކަތްތަކެއް އެބަ ކުރައްވާ. ހަމައެއާއެކު، ޖެންޑަރ މިނިސްޓަރ މިކަމަށް ދެއްވާ ކޮމިޓްމެންޓާއި އަދި ޖެންޑަރ މިނިސްޓްރީގެ މިކަމާ ގުޅުންހުރި ބޭފުޅުން މިކަމުގެ މަސައްކަތް ކުރައްވާ މިންވަރު، އަޅުގަނޑަށް އެބަ ފެނޭ. ހަމައެއާއެކު، ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ފަރާތުން މިކަމުގައި އެކިއެކި ލަފާދީ، މިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިޔާސަތުތައް ކަނޑައަޅައި، އެ ކުރައްވަމުން ގެންދަވާ މަސައްކަތް، އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުންވޭ.

އާދެ، މިއަދު އަޅުގަނޑު ޒުވާނުންނަށް ގޮވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ މިއަދު މި ދެންނެވި ހުރިހާ ފަރާތްތައް ގުޅިގެން، އަދި މިކަމުގައި މަސައްކަތްކުރާ އެންޖީއޯސްތަކާއި، އާންމު ފަރުދުންނާއެކު، ތަފާތު މަސައްކަތްތަކެއް ކުރެވި، މިކަމަށް އިރާދަކުރެއްވިއްޔާ، ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، އަޅުގަނޑުމެން އެ މަސައްކަތްކުރާނަމޭ. މީގައި ޒުވާނުން މިއަދު ވިސްނަންވީ ކަމަކީ ރަނގަޅު ފަރުވާތަކެއް ދެމުންދާއިރު، އެއްވެސް މީހަކީ އެމީހަކު ރަނގަޅުވާން ބޭނުންވެގެން އެކަމަށް ޢަޒުމް ކަނޑައަޅައިގެން ނޫނީ، އެމީހާގެ އުޅުން ރަނގަޅުވާނެ މީހެއްނޫން. ކިތަންމެވަރަކަށް ބަޔަކު އަދި ނަޞޭޙަތްދިނަސް، ކަންތައްތަކެއް ކުރިއަސް، އަމިއްލަ ޢަޒުމާއި، އަމިއްލަ ހިތްވަރު، އަމިއްލަ އުންމީދުތަކެއް، މިކަމުގައި ނެތްކަމަށްވަންޏާ، ކާމިޔާބީއާ ހަމައަށް ދިއުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ އެހާ ކައިރި ކަމަކަށް ނުވެދާނެއޭ.

އެހެންވީމާ، މިއަދު ޚާއްޞަކޮށް، އަޅުގަނޑު ޒުވާނުންނަށް ގޮވާލަންއޮތީ، މި ފެށޭ ފަރުވާއަކީވެސް އިތުރަށް ލިބޭ ހިތްހަމަޖެހުމެއް. ހަމަމިއާއެކު، އިރާދަކުރެއްވިއްޔާ ކުރިއަށްހުރި ޕްރޮގްރާމްތަކާ އެކީގައި ހިތްވަރު އާކުރާށޭ. ޙަޤީޤަތަކީ އަޅުގަނޑުމެންގެ ޤައުމު ކުރިއަރުވައި، ތަރައްޤީގެ މަގުގައި ގެންދިއުމަށްޓަކައި އަޅުގަނޑުމެންނަށް މިއަދު ޒުވާނުންގެ ބައިވެރިވުން ކުރިއަށްވުރެ މާބޮޑަށްވެސް ބޭނުންވޭ. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއްދެއްވާ އެއްކަމަކަށް މިވަނީ ޒުވާނުންގެ ބައިވެރިވުން، ޤައުމުގެ ތަރައްޤީގައި ހިމެނުމަށް. އާދެ، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށް، ޒުވާނުންނަކީ ބޭނުންތެރި ބައެއްގެ ގޮތުގައި ހެދުމަކީ އެއީ، މިއަދުގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު.

އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް، ފަރުވާގެ ނިޒާމު، އަޅުގަނޑުމެން ބައްޓަންކުރަންޖެހެނީ ވަށާޖެހޭފަދަގޮތަކަށް. ފަރުވާދިނުމަށްފަހު، މަސައްކަތްތަކެއް ދަސްކުރެވި، އެ ދަސްކުރާ މަސައްކަތުގެ ބޭނުން މުޖުތަމަޢަށްހިފި، އެމީހަކީ އެންމެ ބޭނުންތެރި މީހެއްކަން ޔަޤީންކޮށް، އެކަން ކުރުމަކީ އެއީ، މިއަދު އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް.

އަޅުގަނޑު ނެޝަނަލް ޑްރަގް އޭޖެންސީގެ ވެރިންނަށްވެސް ދަންނަވާލަން އޮތީ، މިކަމުގައި ތިޔަބޭފުޅުން ދުވަހަކުވެސް ނުކުރައްވާވަރަށް މަސައްކަތްކޮށްދެއްވާށޭ. މިއީ އަޅުގަނޑުމެން މި ޤައުމަށް ޙައްލެއް ބޭނުންވާ ކަމެކޭ. އެތައް ޢާއިލާތަކެއް ކޮންމެ ދުވަހަކު ވަރަށްފުން ހިތާމައެއްގައި މި ތިބެނީ އުންމީދުތަކަކާއެކުއޭ. އެހެންވީމާ، މިކަމުގައި އެކަށީގެންވާ ރަނގަޅު، ކާމިޔާބުކުރަނިވި ތަފާތު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށްވަންޏާ، ﷲ އިރާދަކުރެއްވިއްޔާ މިއީ، އަޅުގަނޑުމެންނަށް ނުވެދާނެކަމެއްނޫނޭ.

އާދެ، ދިވެހި ޒުވާނުންނަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން، ވަރަށް ތޫނުފިލި، ވަރަށް ހުނަރުވެރި، އެއްފަހަރު ކަމެއްކޮށްލަން ބުނެލީމާ، ވަރަށްމޮޅަށް އެކަންކޮށްލާފަދަ ޒުވާނުންތަކެއް ﷲ އިރާދަކުރެއްވީތީ، މި ދިވެހިރާއްޖޭގައި ވަނީ. އެފަދަ ޒުވާންނުންތަކެއްނެތި އަޅުގަނޑުމެންނަށް ހޯދޭނީ ކޮން ކާމިޔާބެއްތޯ؟ އެއީ، އަޅުގަނޑަށް މިއަދު އަޅުގަނޑުގެ އަމިއްލަ ނަފްސާވެސް ކުރެވޭ ސުވާލެއް.

އާދެ، އަޅުގަނޑުމެންގެ ދުވަސްތައް އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ، ޢަލީ ޝަރީފްވެސް ވިދާޅުވިގޮތަށް، ދުވަހަކުވެސް އަޅުގަނޑުމެން ނުދެކޭފަދަ މާޔޫސް، ހިތްދަތި ކަންތައްތަކަކާއެކު. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ސިކުނޑިތަކަށް ވަރަށްގިނަ އަސަރުތަކެއްކޮށް، ވަރަށްބޮޑެތި ހިތްހަމަނުޖެހުންތަކެއް، އަޅުގަނޑުމެންނަށް ކުރިމަތިވަމުން އެބަދޭ. އާދެ، މިފަދަ ކަންތައްތަކާއެކު، އެކަކުއަނެކަކަށް އަޅައިލުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ އެއީ އަދި މާ މުހިންމު ފަރުވާއެކޭ.

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނާއި އަދި ޢާއިލާތަކަށާއި، ވަކިން ޚާއްޞަކޮށް، މިކަމުގެ ޒިންމާ، ޤާނޫނުން މަތިކުރެވިފައިވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވަން އޮތީ، މިއިން ކޮންމެ މީހަކީވެސް، ކޮންމެ ޒުވާނަކީ އެއީ، އަޅުގަނޑުމެން ބަލައިގަންނަ މީހަކަށްވާން އެބަޖެހެއޭ. އެކަކުއަނެކަކަށް އެ ބޭނުންވާ އެހީތެރިކަމާއި، އެ އަޅައިލުންދީ، ކޮންމެ މީހަކީވެސް ރަނގަޅު މުސްތަޤްބަލެއް ހޯދިދާނޭ މީހެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކޮށްގެން މަސައްކަތްތަކެއް އެބަކުރަންޖެހޭ.

ދިވެހިޒުވާނުންނަށް އަޅުގަނޑު އިތުރަށް ދަންނަވަން އޮތީ، ކޮންމެ މީހަކަށްވެސް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކަށްވަނީ، އުފާވެރި ޢާއިލާއަކާއެކު، އަމިއްލަ ފުދުންތެރިކަމާއެކު ދިރިއުޅުމޭ. ޢާއިލާއެއް ބިނާކޮށް، ދަރިންތަކެއް ލިބި، މުޅި މުޖުތަމަޢުގެ ނަމޫނާއަކަށް ނުވަތަ ދަރީންނަށް އެ ދައްކައިދެވޭ ނަމޫނާއަކުންނޭ، އަޅުގަނޑުމެންނަށް ފުރިހަމަ ޢާއިލާއަކަށް ޢާއިލާވެސް ވެގެންދަނީ. އެހެންވީމާ، މިކަމުގައި ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރުމަށް ހަމަ ތަކުރާރުކޮށް އަޅުގަނޑު ގޮވާލަން.

ހަމައެއާއެކު، އަޅުގަނޑުމެން މިކަންތައްތައް ކުރަމުންދާއިރު، މުޖުތަމަޢުގެތެރެއިން މިކަންތައްތައް ޕްރިވެންޓް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ޅަޒުވާނުން، ޅަދަރީން، ހެޔޮމަގުން ގެންދިއުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ފުށުން އަޅުގަނޑުމެންގެ ދަރީންގެ ފަރާތުން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން ނަމޫނާއެއްގެ ގޮތުގައި ދައްކަން އެބަޖެހޭ. އަޅުގަނޑުމެން ޅަދަރީންގެ ކުރިމަތީގައި ތިބެފައި، ސިނގިރޭޓު ބޮއިފައި، ދަރީން ކައިރީގައި ސިނގިރޭޓު ނުބޯން ބުނުމަކީ އެއީ، ވަރަށް ގަބޫލުކުރަން އުނދަގޫވާނެ ކަންތައްތައް.

އެހެންވީމާ، މިފަދަ ކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުން ރަނގަޅު ކުރުމަށްޓަކައި ހެޔޮވިސްނުމެއްގައި ދުރު ރާސްތާގެ ކާމިޔާބީއަށް އަޅުގަނޑުމެން ވިސްނައިގެން ކަންތައްތައް ކުރުމަކީ އެއީ، އަޅުގަނޑުމެންގެ މުޅި ޤައުމަށް ހަމަޖެހުން ލިބި، އަޅުގަނޑުމެން މި ބޭނުންވާފަދަ ޤައުމެއް އަޅުގަނޑުމެންނަށް ލިބިގެންދާނޭ ހަމައެކަނި ގޮތް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުންނާއި ރައްޔިތުންނަށް ގޮވާލަން އޮތީ، އަޅުގަނޑުމެން އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނެއްގައި ހިފަހައްޓައިގެން ތިބި ވަރަށް އެކުވެރި ބަޔަކު، މި ކާމިޔާބު ހޯދުމަށްޓަކައި އެންމެން އަތުގުޅާލައިގެން މި މަސައްކަތަށް ނިކުންނަމާ ހިނގާށޭ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހި ޒުވާނުންނަކީ، މުޖުތަމަޢަށް ފައިދާހުރި، ޢާއިލާއަށް އަޅައިލާ، ފުދުންތެރި، ހުނަރުވެރި، ޤައުމަށް ޚިދުމަތްކުރަނިވި ބައެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރުކުރެއްވުން. އަދި އަޅުގަނޑުމެން އެންމެން މުޅި ޤައުމު އާރާސްތު ކުރުމަށްޓަކައި، ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.