بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރައްވާ، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، ނޫސް އިދާރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް، އަދި ނޫސްވެރިންގެ ޢާއިލާތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުވުމުގަޔާއި، މުހިންމު ޤައުމީ މައްސަލަތަކާ މެދު ހޭލުންތެރިކުރުމަށް، ރާއްޖޭގެ ނޫސްވެރިން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރާއި ސާބަސް ރައްދުކުރަމެވެ.

މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުން އެދަނީ، ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ޚިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެކެވެ. ސަރުކާރުގެ މުށުތެރޭގައި ފިތިފައި އޮތް ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރު، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، ދިވެހިރާއްޖެ އޮތީ 120 ވަނައިގައެވެ.

މިނިވަން ނޫސްވެރިކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލައި، ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ސަރުކާރުން ފިޔަވަޅު އަޅައި އަދަބު ދިނުމުގެ ސަގާފަތް އަޅުގަނޑުމެން ދޫކޮށްލީ، މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ މުހިންމު ވަސީލަތެއް ކަމަށްވާތީއެވެ. މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށްފަހު، ފާއިތުވެގެންމިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަރައިފައެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ފަދައިން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މިއީ ވަކިނުކުރެވޭ ވަރަށް ގުޅި ލާމެހިފައިވާ ދެ ޙައްޤެވެ. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެންނެވެ.

ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެއެވެ. އަދި ސަރުކާރަށް ލިބުނު ފައިދާ ނުހަނު ބޮޑެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓުތަކުގެ ޒަރީޢާއިން، ޢާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިޞްލާހު ކުރުމުގެ ފުރުޞަތު ތަނަވަސްވިއެވެ. އަދި ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ކޮންމެ ނޫސްވެރިއަކުވެސް ހަނދާންކުރަންވީ، ކޮންމެ މިނިވަންކަމަކާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަމެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ޙުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ.އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުމެވެ.

ކަމުގެ މަޤްޞަދާއި، ޙާޞިލުކުރަން ބޭނުންވާ ނަތީޖާއަށް ބަލާއިރު، ނޫސްވެރިކަމަކީ ހަމައެކަނި ކިޔުންތެރިން މުނިފޫހިފިލުވައިދިނުމުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫނެވެ. ނޫސްވެރިކަމަކީ އެއަށްވުރެ މާމަތިވެރި މަޤްޞަދެއްގެ މަތީގައި ބިނާވެފައި އޮންނަ ކަމެކެވެ. އެއީ، ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މަޢުލޫމާތު، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ކޯވިޑް-19ގެ ބަލިމަޑުކަން ފަދަ، ޤައުމީ އަދި ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކޮށްދިނުމެވެ. ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަދަންވީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.

މިހާރު އަޅުގަނޑުމެން ތަޙައްމަލް ކުރަމުންމިދާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، މި ބައްޔާމެދު ރައްޔިތުން ހޭލުންތެރިކޮށް، މި ބައްޔާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އަށަގެންނެވުމުގައި، ދިވެހި ނޫސްވެރިން ކުރައްވަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި ޤައުމަށް ކުރިމަތިވާ ކޮންމެ ބޮޑު ކަމެއްގައި، ދިވެހި ހުރިހާ ނޫސްވެރިންވެސް އެއް ޢާއިލާއެއްގެ ގޮތުގައި، ޤައުމީ ރޫޙުގައި ކުރަމުން އަންނަ މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ މި މުނާސަބަތާ ގުޅިގެން، ހުރިހާ ދިވެހި ނޫސްވެރިންނަށްވެސް އަޅުގަނޑު އިލްތިމާސްކުރަނީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެވެސް ޒިންމާދާރު ވުމަށެވެ. ހަމައެފަދައިން، މަޢުލޫމާތު ފެތުރުމުގައި ޔޯލަ ވާހަކަތަކަށް ބަރޯސާނުވެ، ތަޙުލީލީ ނޫސްވެރިކަމުގެ ޒަރީޢާއިން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ނޫސްވެރިކަމަކީވެސް ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެން، ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ.

މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި، ދިވެހި ނޫސްވެރިން ވެފައިވާ މަތިވެރި ޤުރުބާނީ އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހެއެވެ. ޑިމޮކްރެސީއަށް އަޑުއުފުލައި ޚިޔާލު ފާޅުކުރުމުގެ ތެރޭގައި، ތަފާތު އަނިޔާތަކާއި ޖަލު ޙުކުމްތައް ތަޙައްމަލުކުރި ނޫސްވެރިންނާއި، އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކުރި ނޫސްވެރިންގެ ހަނދާން އައުކުރަންޖެހެއެވެ.

ދިވެހި ނޫސްވެރިކަމަށް، ތާއަބަދުގެ ކުރިއެރުމާއި ކާމިޔާބަށް އެދެމުން، ދިވެހި ނޫސްވެރިންނަށް ވަރަށް އުފާފާގަތި ކުރިމަގަކަށް އެދެމެވެ. ދިވެހި ނޫސްވެރިންނަކީ އަބަދުވެސް ޤައުމުގެ ހެވާއި ލާބަޔަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލައްވައި، ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.