ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ދަށުން އުފެދިފައިވާ "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" އަކީ،2021 ޖުލައި 20 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގަމުންގެންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވައި، އެހައިތަނަށް އެ މިނިސްޓްރީގެ ދަށުން ހިނގަމުންއައި "ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް"، އެ ތާރީޚުން ފެށިގެން އުވައިލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ސަރުކާރުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީތަކުގައި ޖައްސަވަމުން ގެންދަވާނީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ހަމަޖައްސަވައިފައިވާ ނަންބަރު 457 ކަމުގައި ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.