بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި މުދައްރިސުންނަށާއި ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅުއްވާ އެންމެހައި ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ރާއްޖޭގައި މުދައްރިސުން އުފެއްދެވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރައްވާ އެންމެހައި ބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެކެވެ. މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެކެވެ. ހަމައެފަދައިން، ޤައުމުގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުންނެވެ. އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ހީވާގި އެންމެހައި މުދައްރިސުން އެ ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެން ވަށައިލި ހިނދުވެސް، އެތައް ދަތިތަކެއް ތަޙައްމަލު ކުރައްވައިގެން، ޤައުމުގެ ދަރިންނަށް ކިޔަވައިދެއްވުމުގައި، މުދައްރިސުން އެ އުފުއްލެވި ބުރައަށްޓަކައި، މުޅި ޤައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަޤީނެވެ. މުދައްރިސުން އެ އަދާކުރައްވަނީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެބޭފުޅުންގެ އަމިއްލަ ޝައުޤުވެރިކަމާއި ހިތްޕުޅުގެ ލޯތްބާއެކު، ޙަޔާތުގެ މުހިންމު އެތައް ދުވަސްތަކަކާއި، އެތައް ވަގުތުތަކެއް ޤުރުބާން އެ ކުރައްވަނީ، ޤައުމުގެ ކުރިމަގުގެ ޖީލު ބިނާކުރެއްވުމަށެވެ.

މުދައްރިސުން އެ އަދާކުރައްވާ މަސްއޫލިއްޔަތަކީ، ހަމައެކަނި ދަރިވަރުންނަށް ކިޔަވައިދިނުމެއް ނޫނެވެ. މުޖުތަމަޢަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ވާޖިބެކެވެ. މުޖުތަމަޢުގެ އެންމެހައި ނުކިއްސަރު ކަންތަކުން، ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެކެވެ.
މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރާއިރު، ތަޢުލީމީ ޢުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުން މުހިންމެވެ. މަސްތުވާތަކެތީގެ ވަބާއިން ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި ޢަމަލުތަކުން، އަޅުގަނޑުމެންގެ ޅަދަރިން ސަލާމަތްކުރުމަކީ، ޤައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަން ޖެހިފައިވާ ކަންކަމެވެ. ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަޚްލާޤާއި، އިޖުތިމާޢީ އަދަބު އިޙްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިތުރު ސަމާލުކަމެއް ދީގެން، މުޖުތަމަޢުގައި ހުރި މިފަދަ ކަންކަމަށް އެކަށޭނަ ޙައްލެއް ހޯދިދާނެ ކަމަށް ދެކެމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދަރިވަރުންނަށް ކިޔަވައިދީ ތަރުބިއްޔަތުކޮށް، ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަށް، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ އެންމެހައި މުދައްރިސުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބީ މިންވަރު ކުރެއްވުމެވެ. ޤައުމު ބިނާކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ ޒިންމާދާރު ރައްޔިތެއް އުފެއްދުމަށް މިކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު ދެއްވައި، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ފާގަތިކަމާއި ހެޔޮ ގޮތްތައް މެދުވެރިކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.