ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރޭގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، އަދި ހިމަންދޫ ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އއ އަތޮޅު އަތޮޅު ކައުންސިލް މެންބަރުނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާއި، ގެސްޓް ހައުސް ހިންގާފަރާތްތަކާ، ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ކުރިން އެމަނިކުފާނު ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި އެރަށުގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައް ބައްލަވާލައްވާފައެވެ. އެމަނިކުފާނު ވަނީ ތޮއްޑޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން ޒަމާނީ ފެންވަރަށް އެރަށުގައި ތަރައްޤީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް ރަސްމީގޮތުން ހުޅުއްވައި ދެއްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ޒިޔާރަތް ކުރައްވައިފައިވަނީ ރަސްދޫއަށެވެ. ރަސްދޫގައި އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަސްދޫގައި ގިރާ ސަރަޙައްދަށް ވަޑައިގެން އެތަން ވެސް ބައްލަވާލައްވާފައެވެ.

އިއްޔެގެ އެންމެ ފަހު މަންލިޒެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައިފައިވަނީ އުކުޅަހަށެވެ. އަދި އުކުޅަހަށް ޒިޔާރާތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައް ވެސް އޮޅުންފިލުއްވާފައެވެ. އަދި މިއަދު ހެނދުނު އެމަނިކުފާނު ވަނީ އުކުޅަހު ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވައިފައިވަނީ މަތިވެރިއަށެވެ. އެރަށަށް ޒިޔާރާތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ހެލްތް ސެންޓަރަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

މަތިވެރިއަށް ކުރެއްވި ޒިޔާރަތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާފައިވަނީ ބޮޑުފޮޅުދޫއަށެވެ. އެރަށުގައިވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގެ މިސްކިތް ހުޅުއްވާދެއްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ގޮނޑުދޮށަށް ޒިޔާރަތްކުރައްވައި ގިރާ ސަރަޙައްދު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށުގެ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވައިލައްވާފައެވެ.

މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައިފައިވަނީ ހިމަންދޫއަށެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހިމަންދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.