ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީ.އީ.އޭ) އަދި އޮސްޓްރޭލިއާގެ އޮސްޓެރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ވަފްދުގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅު ހިލާލީ ގޭގައެވެ.

މިރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ފަރުވާ ފުޅާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސް ދިވެހި މުޖުތަމަޢު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަޖެޓާއި ވަޞީލަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ބޭނުންކުރުމަށާއި އެ ޚިދުމަތުގެ ހިންގުމުގެ އޮނިގަނޑާއި ޤާބިލިއްޔަތު އިތުރުކުރުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑީ.އީ.އޭ އަދި އޭ.އެފް.ޕީގެ ވަފްދުގެ ބޭފުޅުން ވަނީ އެ އިދާރާތަކުން މި ސަރަޙައްދުގެ ޤައުމުތަކުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މަސްތުވާތަކެއްޗާއި ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތަށް ތަޢުރީފުކުރައްވާ، ދިވެހި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ޑީ.އީ.އޭ ގެ ވަފްދުގެ ބޭފުޅުން ހާމަކުރައްވާފައިވެއެވެ. އަދި އިތުރު ތަމްރީނު ފޯރުކޮށްދިނުމާއެކު އާންމުންނާއި މުއާމަލާތްކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އޮފިސަރުންގެ ޕްރޮފެޝަނަލިޒަމް އިތުރުކުރުމާ ބެހޭގޮތުންވެސް ޑީ.އީ.އޭ ގެ ވަފްދުގެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އެބޭފުޅުން ވަނީ ހެލްތު މިނިސްޓަރާއެކު މީގެ ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެކެވުނު ބައެއް ވާޙަކަތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތް ކުރުމަށް އަމާޒުކޮށް ޑީ.އީ.އޭ އަދި އޭ.އެފް.ޕީން ތައްޔާރުކޮށް ބޭނުންކުރާ ބައެއް ރެފަރަންސް މެޓީރިއަލް ދިނުމުގެ އިތުރުން މިފަދަ މައްސަލަތަކުގެ ސީރިއަސްކަން ބޭރުގެ ކަމާގުޅޭ އެމްބަސީތަކަށް ފޯރުކޮށްދިނުމާއި އެތަންތަނުން މިކަންކަމުގައި ހެލްތު މިނިސްޓްރީއަށް ބޭނުންވާ އެއްބާރުލުން ހޯދުމުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ވަފްދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އަމާޒުކޮށް މި ސަރަޙައްދުގެ ޤައުމުތަކުގެ ކަމާގުޅޭ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މި ސަރަޙައްދުގެ ޤައުމުތަކުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ އެންމެހާ މަސައްކަތްތަކުގައި އެ ދެ އިދާރާގެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވަފްދުގައި ހިމެނިވަޑައިގަންނަވާ ޑީ.އީ.އޭ އަދި އޭ.އެފް.ޕީގެ ފަރާތުން މެދުއިރުމައްޗާއި އޭޝިއާގެ ސަރަޙައްދުގެ ޤައުމުތަކުގައި މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތްކުރާ ގުޅުންހުރި އެންމެހާ އިދާރާތަކަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވަނީ މި ސަރުކާރުގެ އެންމެހާ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމްތަކުރުމާއި އެކަމުގެ ވިޔަފާރި ހުއްޓުވުމާއި ފަރުވާ ދިނުމާއި އަނބުރާ މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ގެނައުމަށް ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ވަފްދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.