بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މީލާދީ ސަނަތުން އައު އަހަރަކާ ބައްދަލުވުމުގެ ހެޔޮ ނަސީބު، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވިކަމަށްޓަކައި، މަތިވެރިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމުން، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއް ކަމުގައި ޔަޤީނެވެ. މުޅި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަޙައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އަހަރަކަށް އަލްވަދާޢު ކިޔައި، އައު އަހަރަކަށް މަރުޙަބާ ކިޔާއިރު، އަޅުގަނޑުމެން ކޮންމެ މީހަކުމެ ކުރާ އުންމީދުތަކަކާއި، ދެކޭ ހުވެފެންތަކެއް ހުންނާނެކަން ޔަޤީނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއަދު ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުމެވެ. ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމަޢު އެކުގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީއެވެ.

ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، މާތް ﷲގެ ވާގިފުޅާއި އެކަލާނގެ އޯގާވަންތަކަމުން، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިއަދު މިވަނީ، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައިފައެވެ. ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވެވިފައިވިޔަސް، ކޯވިޑުގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން މުޅިން ފިލައިގެންދިޔައީ ނޫންކަން އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެއެވެ. އެހެންކަމުން، މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.

މި ފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުމެވެ. ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވިވަރަކަށް، ތަރައްޤީގެ ދަތުރުގައި އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަން ޔަޤީނެވެ. ވަޒީފާއެއް އަދާނުކޮށް ނުވަތަ މަސައްކަތެއް ނުކޮށް އުޅޭ ކޮންމެ ފަރުދަކުވެސް، ކިތަންމެ އާދައިގެ ކަމަކުންވިޔަސް، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މަސައްކަތެއް ކުރުމަކީ، ޤައުމީ ތަރައްޤީއަށް އިތުރު ދިރުމެއް އަންނާނެ ކަމެކެވެ.

ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މި ފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެއެވެ. ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަޙްރޫމްވެފައި ތިބި އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެއެވެ. އަދި އެފަދަ ކިތަންމެ އާ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށޭނެއެވެ.

ތަރައްޤީއަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ޙާޞިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޙަޤީޤީ މަންފާ ޤައުމަށް ކުރާނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ހަރުދަނާވެގެންނެވެ. އަޅުގަނޑުމެންގެ ހިތްތަކުން ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލައި، އެއްބަނޑުއެއްބަފާކަމުގެ ގުޅުން އަލުން ބަދަހިކޮށްގެންނެވެ. ހަމައެފަދައިން، އިސްލާމީ ދިވެހި އުންމަތް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، މިއަދުގެ ދިރިތިބީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ. އެއީ އަޅުގަނޑުމެންގެ ވަށައިގެންވާ ޤުދުރަތީ ނިޒާމު ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ލިބޭ އެންމެހައި ޢަމަލުތަކުން ދުރުހެލިވެ، ތިމާވެށި ޙިމާޔަތް ކުރުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ޤަބޫލުކޮށް، އެގޮތަށް ޢަމަލުކުރުމެވެ.

މިއަދު މި ފެށުނު 2022 ވަނަ އަހަރަކީ، ފާއިތުވެދިޔަ އަހަރުތަކަށްވުރެ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ކާމިޔާބު އަހަރެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވައި، ތިޔާގިކަމާއި ތަނަވަސްކަން ދިވެހިންނަށް މިންވަރު ކުރައްވާށިއެވެ. ކޯވިޑް-19ގެ ވަބާއިން އެންމެހައި ދިވެހިންނާއި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކުރައްވައި، ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމުގައި އަޅުގަނޑުމެން ލަހައްޓަވާށިއެވެ! އާމީން.