بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދުނިޔޭގެ މިއަހަރުގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރުވައި ތަރައްޤީކޮށް، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ޞިއްޙީ ޚިދްމަތްތެރީންނަށާއި، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

އިންސާނުންގެ ޞިއްޙަތަށް ގެއްލުންދެނިވި އެތައް ކަމަކުން، އިންސާނީ މުޖްތަމަޢު މިއަދު އޮތީ ވަށައިގެން ބެދިފައެވެ. ޞިއްޙީ ވަބާތަކާއި، ތިމާވެށީގެ ނުރައްކާތަކާއި، ފުރާނައަށް ނުރައްކާކުރާ، ގައިންގަޔަށް ނާރާ ބަލިތައް، ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށްވަނީ ފެތުރިފައެވެ. މީގެ ތެރެއިންވެސް، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީވެސް، އަޅުގަނޑުމެން އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިބިންމަތީގައި އިންސާނީ ދަރިފަސްކޮޅު ދެމިއޮންނާނީ، މި ބިމުގެ ދުޅަހެޔޮކަން ދެމިއޮވެގެންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެންދަނީ، އެކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. އެހެންކަމުން، މިޒަމާނުގެ ޢިލްމީ މަފްހޫމުގައި މާނަކުރާއިރު، ތިމާވެށީގެ ކޮންމެ މައްސަލައަކީ، އިންސާނުންގެ ޞިއްޙަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންޖެހެއެވެ.

މިއީ ދިވެހިރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކުމެ، ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހޭ ކަމެކެވެ. ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، އުދައެރުމާއި، ގޮނޑުދޮށްތައް ގިރުމަކީ، ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ޞިއްޙީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ޤުދުރަތީ ވެށީގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރު، Our Planet, Our Health (އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު) އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ބޭނުންތެރިކަމެވެ. ހަމައެފަދައިން މި ޝިޢާރު އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރެވެ. އަދި އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާ ކަމެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި އިޢާދަވާއިރު، ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައެވެ. މި ހުރިހާ ބަލިތަކަކީވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެކެވެ.

ދުނިޔޭގެ ފެންވަރުގައި ޞިއްޙަތު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ވެސް، އެ ދުވަސްވަރެއްގައި ޞިއްޙީ ގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޞިއްޙަތާ ގުޅޭ ގޮތުން، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަމަކީ، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުން ކަމަށްވާތީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް، މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ޢާންމު ޞިއްޙަތަށް އިތުރު ސަމާލުކަމެއް ދިނުމާއެކު، ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ، ނުރަނގަޅު އާދަތައް ދޫކޮށްލުމަށްވެސް އިލްތިމާސްކުރަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އެންމެހައި ދިވެހީންނަށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ހެޔޮ ތައުފީޤާއި މަދަދު ދެއްވުމެވެ. ދިވެހިރާއްޖެއަކީ، ޞިއްޙީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް، ކޮންމެ މީހަކަށްމެ ރައްކާތެރިކަމާއި އަމާންކަން ލިބިދޭ ބިމެއްކަމުގައި ލައްވައި، ފާގަތިކަމާއި ތަނަވަސްކަން ދިވެހިރާއްޖެއަށް މިންވަރު ކުރައްވާށިއެވެ. އާމީން.