ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، މާލޭގެ ރަށްވެހިންނަށް ދޫކުރާނެކަމަށް ވިދާޅުވި 5000 ގޯތީގެ ތެރެއިން ދޫކުރާ ފުރަތަމަ 3000 ގޯތި ދޫކުރަން މި މަސް ނިމުމުގެ ކުރިން އިޢުލާނު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ހޯދައިދިނުމުގެ ގޮތުން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ބޭއްވެވި ވިއަވަތި ރާއްޖެ ކޮންފަރަންސް 2ގެ ކާމިޔާބީތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އުކުޅަހުގައި ބޭއްވި މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި އަތޮޅެއް ވަކި ރަށެއް ތަފާތު ނުކޮށް ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމުގެ ހިތްހަމަޖެހުން މި ކޮންފަރެންސްގައި ކައުންސިލަރުން ހިއްޞާކުރެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުން ހުށަހެޅުއްވި ކަންކަމުގެ އަލީގައި ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ގެންނަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެންނެވި ބަދަލަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެވިފައިވާކަމުގައެވެ. އެހެންނަމަވެސް މުސާރަދިނުމުގައި ބައެއް ކަހަލަ މައްސަލަތައް ހުރިކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންގެންދާތީ އެކަމަށް ގެންނަންޖެހޭ ބަދަލެއް އޮންނަމަ އެކަންކަމަށްވެސް ގޮތްތަކެއް ނިންމަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ދަޢުލަތުގެ އެހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތްތައް ވެސް މިހާރު ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅިރާއްޖޭގައި ޤާއިމުކުރާ ހައިސްޕީޑް ޓްރާންސްޕޯޓް ނެޓްވޯކްގެ މަސައްކަތަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހދ. އަތޮޅުގައި އަޖުމަބެލުމުގެ ދަތުރުތައް މިހާރުކޮށްފައިވާކަމާއި ސަރުކާރުގެ އަމާޒަކީ ޓިކެޓް ވިއްކައިގެން އެމަސައްކަތް ކުރިޔަށް އޮތް ހަފްތާތެރޭގައި ފެށުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަތުރުފަތުރުން ރަށްތައް ގުޅާލެވުމުން ރަށާ ކައިރިން ޞިއްޙީ ޚިދުމަތް ލިބޭގޮތްވެ ބޭސްފަރުވާއަށް ރައްޔިތުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެ އިތުރު ލުއިތަކެއް ލިބިގެންދާނެކަމުގައެވެ. ދެން ހުރި ޒޯންތަކުގެ މަސައްކަތް ކުރިޔަށްގެންދަވާނެ ގޮތެއް ނިންމަވާނީ މިހާރު ދުނިޔެއާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތަށް ބެއްލެވުމަށްފަހުގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކިއެކި ކަންކަމާގުޅޭގޮތުން ނޫސްވެރިން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.