بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިޔާގެ ސަފީރު އެކްސެލަންސީ މުނޫ މަހާވަރު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙަންމަދު ރަނޭޝް، މިރޭ އަޅުގަނޑުމެންނަށް މި ފެންނަ 6 ކުލަބުގެ ހުރިހާ ކުޅުންތެރިން، ކުރީގައި ވޮލީބޯލް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި، ރާއްޖެއިން ބޭރުން ބައިވެރިވާ ހުރިހާ ކުޅުންތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، ވީ.އޭ.އެމް. ސީޒަން ޑްރާފްޓްގެ މި ޙަފްލާގައި، ތިޔަ ހުރިހާ ކުޅުންތެރިންނާއެކު މިރޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައި އަޅުގަނޑަށް ފުރުޞަތު ލިބުނީތީ، އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އެނގިވަޑައިގަންނަވާނެ، ކުޅިވަރަކީ މިއީ އަޅުގަނޑުމެންގެ ދިރިއުޅުމާ ކޮންމެ ދުވަހެއްގައި ގުޅިފައި އޮތް ކަމެއް. އަޅުގަނޑުމެންގެ ތެރެއަށް އެންމެ ބޮޑު ހިތްހަމަޖެހުމަކާއި، ހަމަޖެހުމެއް ގެނެސްދޭ ކަމަކީވެސް ކުޅިވަރު. ހަމަ އެއާއެކު، ރާއްޖެ ކަހަލަ ޤައުމަކަށް ކުޅިވަރުގެ ރޮނގުން ރަން ވަނަތައް ހާސިލުކުރުމަކީ އެއީވެސް އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް.

އެނގިވަޑައިގަންނަވާނެ، ރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ކުރިމަތީގައި ވަރަށް މަޤްބޫލު ޤައުމެއް. ރާއްޖެއަކީ އެ ޤައުމެއްގެ ރީތިކަމާއި، އެ ބައެއްގެ މެހްމާންދާރީ ލިބިގަތުމަށްޓަކައި، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައި، ދުނިޔޭގެ އެތަން މިތަނުން އެތައް ބަޔަކު، ކޮންމެ ދުވަހަކު އަންނަ ޤައުމެއް. މި ހުރިހާ ސަބަބަކާހެދި އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ މަޝްހޫރުކަން، އަޅުގަނޑުމެންގެ މަޤްބޫލުކަން، މުޅި ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ހިފަހައްޓަން.

އާދެ، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑު ދަންނަވާނީ، މުޅިން ތަފާތު އެހެން ހަރުފަތްތަކަކަށް ވޮލީބޯޅަ، މި ކުޅިވަރު ގެންދިޔުމަށްޓަކައި، މުޅިން އެހެން ތަފާތުގޮތަކަށް ޑިޒައިން ކުރެވިފައި އޮތް ތަން. މިހާރު މިއޮތީ އަޅުގަނޑުމެންގެ ކުރިއަށް ހުރި މުބާރާތްތައް. އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އަބަދު ޕްރެކްޓިސް ކުރަމުން އަންނަ ގޮތަށް ކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެން އަބަދުވެސް ތިބޭނީ އެއް ހިސާބެއްގައި. އެސޯސިއޭޝަންގެ ރައީސްވެސް އެވިދާޅުވިގޮތަށް، އަޅުގަނޑުމެން އެހެން ހިސާބަކަށް، އިތުރު މޮޅެއް، ގޯލްޑް، އެހިސާބަށް އަޅުގަނޑުމެން ދާ ކަމަށްވަންޏާ އެބަޖެހޭ، މުޅިން އެހެން ގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަންކުރަން. މޮޅު ކުޅުންތެރިންނާއެކު އަޅުގަނޑުމެން ފަރިތަކުރަން އެބަޖެހޭ. އެ ފުރުޞަތުތައް އަޅުގަނޑުމެން ހޯދައިދޭން އެބަޖެހޭ. ކުޅިވަރަށް ޝައުޤުވެރިވާގޮތަށް، ކުޅިވަރު ކުޅޭހިތްވާގޮތަށް، އަދި ބެލުންތެރިންގެވެސް ޝައުޤުވެރިކަން އުފެދޭފަދަ ގޮތަކަށް، މި ޑިޒައިން ކުރެވިގެން މި ކަންތައްތައް ކުރެވެން އެބަޖެހޭ. ކުޅިވަރު އޭގެ ޒާތުގައި ސަސްޓެއިން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ކުޅިވަރުގެ ކަންތައްތައް ބައްޓަންކުރެވެން އެބަޖެހޭ. ކުޅިވަރަށް އެ ލިބޭ އެއްޗަކުން ފުއްދައިގެން ކުޅިވަރު ކުރިއެރުވެން އެބަޖެހޭ.

އަޅުގަނޑަށް މި ފެނުނީ، ރާއްޖޭގެ ވޭތުވެދިޔަ ދުވަސްތަކުގައި، ވޮލީބޯޅައިގެވެސް ދިގު މާޒީއެއް ފާއިތުވެގެންދިޔައިރު، މުޅިން ތަފާތުގޮތަކަށް މި ދެންނެވި މިޞްރާބަށް އަޅުގަނޑުމެން ދިޔުމަށްޓަކައި ކަންތައްތަކެއް އިންތިޒާމު ކުރެވިގެންދާތަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، ޤައުމުގެ ކުރިއެރުމުގައި، ކުރީގައިވެސް މި ދެންނެވި ގޮތަށް، ކުޅިވަރު ކުރިއެރުވުމާއި، އެއިން ލިބޭނެ އެތައް ފައިދާތަކެއް އެބަހުއްޓޭ.

އެހެންވީމާ، އަޅުގަނޑު ހަމަ މިއަދު ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަ ދަންނަވާލަން ބޭނުން. އެނގިވަޑައިގަންނަވާނެ، ދެން އަޅުގަނޑުމެން ހަނދާން ހުންނަ ހިސާބުން މިދަންނަވާލަނީ. 1980ގެ އެ ދުވަސްވަރުން ފެށިގެން ރާއްޖޭގައި ކުޅިވަރުގެ ފޯރި ވަރަށްގަދަ. އަޅުގަނޑުމެން އެންމެ ބޮޑަށް ޝައުޤުވެރިކަން ހުންނަނީ ކުޅިވަރަށް. އޭރު އެނގިވަޑައިގަންނަވާނެ، ކުޅިވަރު ކުލަބުތަކަށް، ކުޅިވަރު ކުޅުންތެރިންނަށް، އަޅުގަނޑުމެންގެ ހިތުގައި އޮންނަ ލޯތްބާއި ސަޕޯޓަކީ، އެއީ ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެންނަށް އެއްވެސް މައިދާނަކުން އަޅުގަނޑު ދަންނަވާނީ ފެންނަ ކަމެއް ނޫނޭ. އޭރު އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ އަޅުގަނޑުމެންގެ ގޭގައި ހުންނަ އަނބުގަހުގައި ނޫނީ ރުކެއްގައި އެންމެ މައްޗަށް ކުލަބުގެ އެންމެ ބޮޑު ދިދައެއް ނެގޭތޯ. މިސާލަކަށް، އަޅުގަނޑަށް އެބަ ފެނޭ ސައްޔިދު ޢަލީ، ނޫނީ މިފަދަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ރައްޓެއްސެކޭ ބުނެލަން އެއީ، އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެއް. އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް އެއީ. އެފަދަ ގޮތަކަށް ދިވެހިރާއްޖޭގެ ކުޅިވަރުގެ ކަންތައްތައް އޮތީ. އަޅުގަނޑުމެން ބަދަލުވާން އެބަޖެހޭ މިފަދަ ކަންތައްތަކާއެކު.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ބަދަލުކުރެވޭނެ. އަޅުގަނޑުމެންނަށް މިއަދު ވާދަކުރެވޭނެ. މާ ދުރަށްވެސް އަޅުގަނޑުމެންނަށް ދެވޭނެ. އެހެންވީމާ، އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، ތިޔަބޭފުޅުންނަށް މިކަމުންވެސް މުޅި ދިވެހިރާއްޖޭގެ ކުޅިވަރު ޢާއިލާއަށް އަޅުގަނޑުމެންނަށް އިތުރު ކުރިއެރުންތަކެއް ލިބިގެން، އިތުރު ކާމިޔާބީތަކެއް ލިބިގެން، ދިވެހިރާއްޖޭގެ އެ ރަންވަނަ ރާއްޖެއަށް ލިބިގެންދިޔުން.

I also would like to thank and welcome those who are joining us here tonight from abroad. You are here with lots of talents.We in the Maldives, we are trying to bring the volleyball to the next level. I hope what you have brought will definitely will help us, benefit us, in order to achieve the level that we all are trying to achieve. Thank you so much. I hope you are going to enjoy here in the Maldives. You will love the Maldives, and then don’t be surprised if these players are going to face you, maybe in the next few years and then get that golden chance to the Maldives. So thank you. Thank you so much.

ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދިވެސް އެއްފަހަރު އަޅުގަނޑަށް މި ފުރުޞަތު ލިބުނީތީ، ތިޔަބޭފުޅުންނާއެކު މި ވަގުތުކޮޅު ހޭދަކޮށްލުމުގެ ފުރުޞަތު ލިބުނީތީ އުފާކުރަން. އަދި މިރޭގެ މި ޙަފްލާގައި ބައިވެރިވުމަށްޓަކައި، މިކަން ޝަރަފްވެރި ކުރުމުގެ ފުރުޞަތު ލިބުނީތީ، އެކަމަށްޓަކައިވެސް އުފާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ސީޒަނަކަށް ވެގެންދިޔުން. ވަރަށްމޮޅު ކުޅުންތެރިންތަކެއް އަޅުގަނޑުމެންނަށް ފެނިގެންދިޔުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.