بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ދިވެހިރާއްޖެއަށް ޑަބްލިޔޫ.އެޗް.އޯ.ގެ ފަރާތުން ކަނޑައަޅުއްވައިފައިވާ މަންދޫބު، އެޗް.ޑީ.ސީ.ގެ އިސްވެރިން، ސްޓޭޓް މިނިސްޓަރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރ، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ފުރަތަމަ ކަމަކަށްވެސް މިފަދަ މުހިންމު، އެންމެން އެކަމަކަށް ސަމާލުކަން ދޭންޖެހޭފަދަ ހަރަކާތެއްގައި އަޅުގަނޑަށް ބައިވެރިވެވޭކަމީ، މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވެސްވާ ކަމެއް އެހައި ގިނައިން މިކަހަލަ ކަންތައްތަކުގައި ބައިވެރިވާތީއާއެކު އަޅުގަނޑަށް ޝުކުރު އަދާކުރައްވާތީ. އަޅުގަނޑު ގަބޫލުކުރަނީ މިއީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ފެށުމާއެކު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދިން އެއްކަމަކީ، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ހޭލުންތެރިކުރުވުމާއި ސަމާލުކަން އިތުރުކުރުން. މާލެ ސަރަޙައްދާއި، ސިޓީ ކައުންސިލާއި، އަދި ރަށު ކައުންސިލްތައް، ސިޓީ ކައުންސިލްތައް، އަތޮޅު ކައުންސިލްތައް، އަދި ހުރިހާ މުވައްސަސާތަކެއް ގުޅިގެން މުޅި ރާއްޖޭގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް 2019 އަދި 2020 ގައި އަޅުގަނޑުމެންނަށް ކުރެވިގެންދިޔަ.

ދެން އެހެންނަމަވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ކޯވިޑު-19ގެ ބަލިމަޑުކަމާއެކު އަޅުގަނޑުމެންނަށް މި ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ދިމާވެ، އޭރު އަޅުގަނޑުމެން ހިންގަމުންގެންދިޔަ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ހުއްޓައިލަން ޖެހުނު.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު މި ފެށިގެންދާ ހަފްތާއަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަފްތާއެއްގެ ގޮތުގައި ވެގެން މިދަނީ، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ މި ކަންތައްތަކާ ގުޅޭގޮތުން. އަޅުގަނޑުމެން މިކަމަށް ސަމާލުކަންނުދޭ ކަމަށްވަންޏާ، މިފަދަ ކިތަންމެ ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ފާހަގަކުރިޔަސް، ހަފްތާތަކެއް ފާހަގަކުރިޔަސް، ކޮންމެ އަހަރަކު ފާހަގަކުރިޔަސް، މިކަމުން ކުރާނެ ހަމަ އެއްވެސް ފައިދާއެއް ނޯންނާނެ.

ޙަޤީޤަތަކީ، މިކަމުގެ ނުރައްކާތެރިކަން އޮތީ އަޅުގަނޑުމެންގެ ހުރިހާ އެންމެންނަށްކަން. ވަކި ޢާއިލާއެއްގެ ވަކި މީހަކަށް އޮތް ނުރައްކާތެރިކަމެއް ނޫން މިއީ. އެހެންވީމާ، އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުންވޭ ވަރަށް އިޚްލާޞްތެރިކަމާއެކު، މިއިން އެއްކަމެއް އަޅުގަނޑުމެން ނަގައި، އެންމެން އެކަމަކަށް އާނބަސް ބުނެފައި، އެންމެން އެކަމަށް ސަމާލުކަންދީގެން، އަޅުގަނޑުމެންގެ ޅަދަރިންނާއި، އަދި ދެންތިބި އެކި ޢުމުރުފުރާތަކުގެ ފަރާތްތައް މިކަމުން ސަލާމަތްކުރަން މަސައްކަތްތައް ކުރަން އެބަޖެހެއޭ.

އެނގިވަޑައިގަންނަވާނެ ދެންމެ ޑިރެކްޓަރ ޖެނެރަލް އެ ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 1150 އެކްސިޑެންޓް ހިނގާފައިވާކަން ފުލުހުންގެ ރިޕޯޓުތަކުން އަޅުގަނޑުމެންނަށް ފެންނަން ހުރިކަމަށް.  އެއާއެކު، ބައެއް މީހުން ދުނިޔެ ދޫކޮށްފި. އަދި މުޅި ޢުމުރަށް އެކަމަކުން އެ ތަޙައްމަލު ކުރަންޖެހޭ ފަދަ އަނިޔާތަކެއް ލިބިފައި އެތައް ބަޔަކު އެބަތިބި. ދުނިޔޭގެ ތަފާސްހިސާބުތަކަށް ބައްލަވައި، އެ ވިދާޅުވީ 1.3 މިލިއަން، ފަންސާސް ވަރަކަށް މިލިއަން މީހުންނަށް އެކިކަހަލަ އަނިޔާތައް އެބަވެއޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެން އަމިއްލައަށް ނުވަތަ އަޅުގަނޑުމެންގެ ފަރުވާތެރިކަން ކުޑަވުމުގެ ސަބަބުން ހިނގާކަމެއް. މިއީ، ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި މި ފެނުނު، ބިރުވެރި ކޯވިޑް-19 ކަހަލަ ކަމަކުން ދިމާވާފަދަ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ސައިކަލް ދުއްވާ ގޮތަކުން، އަޅުގަނޑުމެން މަގު ހުރަސްކުރާ ގޮތަކުން، އަޅުގަނޑުމެން މަގުމަތީގައި އުޅޭ ގޮތަކުން ދިމާވާ ކަމެއް.

އެހެންވީމާ، އަޅުގަނޑު ހަމަ ނަސޭހަތެއްގެ ގޮތުގައިވެސް މިއަދު ހަމަ ޚާއްޞަކޮށް، މައިންބަފައިންނަށް ދަންނަވާލަން ބޭނުން، އަޅުގަނޑުމެން ނަމޫނާވެސް ދައްކަން އެބަޖެހެއޭ. އަޅުގަނޑުމެން ވަރަށް ދެރަވާކަމެއް، ވަރަށް ހިތާމަކުރާ ކަމެއް. ހަމަ ފެނޭ ހަމަ ހުރަސް ނުކުރަންޖެހޭ ތަންތަނުން ކުދިން ހުރަސް ކުރާތަން ޔުނިފޯމުގައި. އެއިރުން އަޅުގަނޑުމެންނަށް ދަސްކޮށްދެވެނީ މުޅިން އެހެންކަމެއް. ޒިބްރާކްރޮސް އިން ހުރަސްކުރުމާއި ދުއްވާތަކެއްޗަށް ބަލައިގެން މަގުމަތީގައި އުޅުމާއި، ދުއްވާ ފަރާތްތައް މަގުމަތީގައި އުޅޭ ފަރާތްތަކަށް ބަލައިގެން އުޅުމަކީ، އެއީ ހަމަ ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންނަށްވެސް އެނގޭ ޚާއްޞަކޮށް، މާލޭގެ މަގުތައް ހަނިވެފައި، ޕޭވްމަންޓް ހަނިވެފައި އަދި ތަކެތި އެހާމެ ގިނަ. ޙަޤީޤަތަކީ މިފަދަ ސިޓީއެއްގައި، ރަށެއްގައި ހުންނަން ނުޖެހޭ ވަރަށް އަޅުގަނޑުމެންގެ ދުއްވާ ސައިކަލްތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް އެބަހުރި. އެހެންނަމަވެސް ސަމާލުވުމަކީ އަޅުގަނޑު ދަންނަވާނީ ކުރަންޖެހޭނެ ކަމެކޭ، ތަކެތި ގިނަވުމަކީ، ޢުޒުރެއްގެ ގޮތުގައި އަޅުގަނޑުމެން ދައްކައިގެން އަޅުގަނޑުމެންނަކަށް ތިބެވޭކަށެއް ނެތޭ.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، މި ޕްރޮގްރާމް މިއަދު ފެށިގެންދާއިރު، ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރުމަކީ މިއީ، ހަމަ ވަރަށް ބޮޑަށް ކުރެވިގެންދާ މަސައްކަތެއް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް އިއްޔެރޭ، ރައީސުލްޖުމްހޫރިއްޔާ އިފްޠިތާޙުކޮށްދެއްވީ، ޕަބްލިކް ޓްރާންސްޕޯޓް ނެޓްވަރކްގެ ތެރޭގައި ހިމެނޭ ބަސް ސަރވިސް އިތުރަށް ފުޅާކުރުމުގެ ކަންތައްތައް. ޚާއްޞަކޮށް، ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ދަތިތަކެއް ހުރުމާއެކު.

އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ތަރައްޤީވެ، ކުރިއަރާފައިވާ ޤައުމުތަކުގައިވެސް، ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުމަކީ، އެއީ ހަމަ އެކި ފަންތީގެ އެކި ފެންވަރުގެ ބޭފުޅުން ކުރައްވާ ކަންތައްތަކޭ. އަޅުގަނޑުމެންވެސް އަހުލުވެރިވެ ވީހާވެސް ބޮޑަކަށް، ޚާއްޞަކޮށް، މި އާރް.ޓީ.އެލް. ބަސްތަކުގެ ޚިދުމަތް އަޅުގަނޑުމެން ލިބިގަންނަން އެބަޖެހޭ. ހަމައެއާއެކު، އިރާދަކުރެއްވިއްޔާ، އަންނަ މަހުގެތެރޭގައި މިނީ ބަހުގެ ސަރވިސް ފެށްޓޭތޯ މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ.އާއެކު މަސައްކަތްތަކެއް ކުރެވެމުން އެބަދޭ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަޅުގަނޑު އަދިވެސް އެއްފަހަރު ތަކުރާރުކޮށް ދަންނަވާލަން ބޭނުންވޭ، ދުވަހެއް ފާހަގަކޮށްލުމަކުން، ހޭލުންތެރިކަމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން ބޭއްވުމަކުން، އަޅުގަނޑުމެންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއޭ. އަޅުގަނޑުމެންގެ ޢަމަލުތައް، އަޅުގަނޑުމެންގެ އުޅުން، އަޅުގަނޑުމެން ކަންކުރާ ގޮތް ބަދަލުނުވަނީސް.

އެހެންވީމާ، ރާއްޖޭގެ ބޮޑެތި ރަށްތަކާއި ކުދި ރަށްތަކުގައިވެސް އެކްސިޑެންޓުތައް އެބަ ހިނގާ. ޚާއްޞަކޮށް ރާއްޖޭގެ ރަށްރަށުގައި މިހާރު ރީތިކޮށް ޒަމާނީ ފެންވަރަށް މަގުތައް ހެދިގެން، ދިގު މަގުތައް ހެދިގެންދާއިރު، އޭގެ ސަބަބުން އަޅުގަނޑުމެންނަށް އަނެއްކާ ނުރައްކާތެރި މާހައުލެއްގެ ގޮތުގައި ރަށް ސިފަވާ ކަމަށްވަންޏާ އެއީ، އަޅުގަނޑުމެން ވަރަށް ހިތާމަކުރަން ޖެހޭނެ ކަމެއް. އެހެންވީމާ، އެކަމަށްވެސް ސަމާލުކަން ދެއްވަން ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ އުންމީދަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އެންމެންގެ މަސައްކަތުން އަޅުގަނޑުމެންގެ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މާޙައުލަކީ، މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ މާހައުލެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވައި، އަދި މި ދެންނެވި ގޮތަށް ރަނގަޅު ގޮތުގައި އަޅުގަނޑުމެންގެ ކަންތައްތައް ގެންދިޔުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.