بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ސްޓެލްކޯގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު އިބްރާހީމްދީދީ، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ސްޓެލްކޯ ބޯޑުގެ މެންބަރުން، ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރުން، އަދި ކުރީގައި ސްޓެލްކޯއަށް ޚިދުމަތް ކޮށްދެއްވާފައިވާ ޚިދުމަތްތެރިން، މެނޭޖްމަންޓް، އަދި ވަކިން ޚާއްޞަކޮށް ހީވާގި އެންމެހައި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

އާދެ، އެންމެ ފުރަތަމަވެސް މިއަދު މި ފާހަގަކުރާ ސްޓެލްކޯއަށް 25 އަހަރު މި ފުރޭ މުނާސަބަތުގައި، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރަށާއި، ހީވާގި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި އަޅުގަނޑުގެ މި ހެޔޮއެދުމުގައި ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި އެންމެހައި ފަރާތްތައް ހިމަނައި އެފަރާތްތަކަށްވެސް ތަހުނިޔާ އަރިސްކުރަން. އާދެ، ހަމައެއާއެކު ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިގެން އެކަމުގެ އަގުވަޒަން ކުރެވުނު ލިޔުން ހާސިލުކުރެއްވި އެންމެހައި ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި، ތިޔަބޭފުޅުންގެ އެ މުހިންމު ޤައުމީ ޚިދުމަތަށް ޝުކުރު ދަންނަވަން.

އާދެ، މި ފުރުޞަތުގައި މި ކުންފުންޏަށް ވަރަށް ދިގު މުއްދަތަކަށް އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގެ ޚިދުމަތް ކޮށްދެއްވާފައިވާކަން ފާހަގަކޮށް، ކުންފުނީގެ ކުރީގެ ޗެއަރމަން އަލްމަރުޙޫމް މުޙައްމަދު ރަޝީދަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އާދެ، އެ މަނިކުފާނު ކޮށްދެއްވާފައިވާ މަސައްކަތަކީ، އަޅުގަނޑުމެން އެންމެން ހިތުގެ އަޑިން ބަލައިގަންނަ މަސައްކަތްތަކެއް. އާދެ، އެ މަނިކުފާނުގެ ދަރިފުޅު މިއަދު ވަޑައިގެން އިންނެވީތީ އަޅުގަނޑުމެންގެ ހެޔޮދުޢާ، ހެޔޮއެދުންތައް އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ ކަރަންޓުގެ ޚިދުމަތަކީ މިއީ، މި ޒަމާނުގައި މިހާރު ސާފު ވައި ބޭނުންވާފަދަ ގޮތަކަށް އަޅުގަނޑުމެންނަށް ބޭނުންވާ އެއްޗެއް. އާދެ، ކަރަންޓާ ނުލައި އަޅުގަނޑުމެންނަށް 24 ގަޑިއިރު އުޅެންމިވަނީ ދަތިކަމަކަށްވެފައި. އާދެ، މިބޮޑު ޒިންމާ އަދާމިކުރެވެނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އޮވެގެން.

އާދެ، ސްޓެލްކޯގެ މަސައްކަތްތަކަށް ބަލާއިރު، މާލެއާއެކު މާލެކައިރީގައި، އިތުރު އަތޮޅުތަކުގައި، މި ޚިދުމަތް ދެމުން އެބަދޭ. ގާތްގަނޑަކަށް އިތުރު 35 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ދެމުން އެބަދޭ. ހަމައެއާއެކު ފެނާއި، ނަރުދަމާ އަދި ފެނުގެ ޚިދުމަތް ދޭކަން އަޅުގަނޑު ފާހަގަކޮށް، ވަކިން ޚާއްޞަކޮށް މި ރަށްރަށުގައި މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މީގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، ހީވާގި ޓީމެއް މި އުފެއްދެނީ ވަރަށް ރަނގަޅު ލީޑަރޝިޕެއް އޮވެގެންކަން. އާދެ، ކުންފުނިތަކުގެ މެނޭޖްމަންޓަކީ ރަނގަޅު މެނޭޖްމަންޓަކަށް ވެއްޖެކަމަށްވަންޏާ، ދެން އޭގެދަށުން މަސައްކަތްކުރައްވާ މުވައްޒަފުން ވާނީ ވަރަށް އިޚްލާޞްތެރި، ރަނގަޅު އެފިޝަންޓް ބަޔަކަށް. އާދެ، އަޅުގަނޑަށް ހަމަ ފާހަގަކުރެވުނު ކަމެއް އަޅުގަނޑު ދަންނަވާލާނަން. އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރކަން އެންމެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ ބޭފުޅަކީ އަލްފާޟިލް ޢަބްދުއްޝަކޫރު. އަޅުގަނޑުމެންނަށް އަޑު އިވިގެން ދިޔަ، މިހާރުގެ މުވައްޒަފުންވެސް އެބޭފުޅާގެ މަސައްކަތުގެ އަގު ވަޒަންކުރިކަން. އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަސައްކަތުގެ އަގު ވަޒަންކުރުމަކީ، ޚިދުމަތުގެ އަގުވަޒަން ކުރުމަކީ މިއީ، ވަރަށް މުހިންމުކަމެކޭ. ހިތްވަރުދިނުމަކީ މިއީ ވަރަށް މުހިންމުކަމެކޭ. އެކަންތައް އަޅުގަނޑަށް ސްޓެލްކޯގެ ތެރެއިން ފެނިގެންދާތީ ހަމަ އެކަން އަޅުގަނޑު ފާހަގަކޮށް އެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި އެސް.އޯ.އީ.ތަކުގެ ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށްބޮޑު. އަޅުގަނޑުމެންނަށް ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެން އެބަދޭ ކުންފުނިތަކުގެ މަސައްކަތްތައް. ކުންފުނިތަކުގެ މެނޭޖްމަންޓާއި ކުންފުނިތަކުގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް. އާދެ، އަޅުގަނޑު ތަފްސީލު ނުދެންނެވި ނަމަވެސް، އެކިއެކި ކަންތައްތައް، އެންމެ އަސާސީ ކަންތައްތަކުން ފެށިގެން ގޮސް، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ކަންތައްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު، ދިވެހިރާއްޖޭގެ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް އެބަކުރޭ. އާދެ، މިއަދު އަޅުގަނޑުމެންނަށް މިލިބޭ ކާމިޔާބީއަކީ، ކުންފުނިތަކުން މިހިންގާ މަޝްރޫޢުތައް ކާމިޔާބު ކަމާއެކީ މި ނިންމާލެވެނީ އަޅުގަނޑު ދަންނަވާނީ މި ދެންނެވި ކުންފުނިތަކުން ކުރާ މަސައްކަތުންނޭ. ވަކިން ޚާއްޞަކޮށް އަތޮޅު ތެރޭގައި ރަށްރަށުގައި ކުރެވޭ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކޮށްލަން. އާދެ، އެހެން އަޅުގަނޑު މި ދަންނަވާލީ އަޅުގަނޑުމެން މާލޭގައި ތިބޭއިރު ސީދާ ރަށްރަށުގެ ރައްޔިތުންނަށް ދުވަހުންދުވަހަށް ދިމާވާ ދަތިތައް އަޅުގަނޑުމެންނަށް ނުފެނުނު ނަމަވެސް، އަޅުގަނޑުމެންނަށް އެބަ އެނގޭ ލަފާފުރުމާއި، އަދި އެނޫން އެހެނިހެން ކަންތައްތަކުގައި ހުރި ދަތި ކަންތައްތައް. އެހެންވީމާ، މި ދެންނެވި ކަންތައްތައް ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ފުއްދުމަށްޓަކައި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ޖުމްލަކޮށް ރާއްޖޭގައި ހިމެނޭ ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ އެންމެހައި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ސްޓެލްކޯގެ މަސައްކަތްތައް ހަމައެކަނި އޮތީ، މިރޭ މި ފެނުނު ކަންތައްތަކުގެ ތެރެއަކުނޫން. އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ފެނިގެން ހިނގައްޖެ، ޚާއްޞަކޮށް މުޖުތަމަޢަށް ބޭނުންވާ ވަރަށްގިނަ މަސައްކަތްތަކެއް ސްޓެލްކޯއިން ކޮށްދެއްވަމުން ގެންދަވާތަން. ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން މުޣުނީއާއެކުވެސް އަޅުގަނޑަށް ވަރަށް ގާތުން މަސައްކަތްކުރެވުނު. އަދި މިހާރުގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފާއެކުވެސް މަސައްކަތް ކުރެވެމުންދާތީ، މިކަންތައް ވަރަށް ކައިރިން ފެންނަ މީހެއްގެ ގޮތުން އަޅުގަނޑު ހަމަ މިކަން ފާހަގަކޮށް، ޚާއްޞަކޮށް މުޖުތަމަޢަށް ބޭނުންވާ ކަންތައްތައް ތިޔަބޭފުޅުން ކޮށްދެއްވާތީ އަދި އެންމެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އޯގާތެރިކަމާއެކު ތިޔަބޭފުޅުން ކަންތައްތައް ކޮށްދެއްވާތީ، އެކަންތައް ފާހަގަކޮށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މުޅި މެނޭޖްމަންޓަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އެއްވެސް ބަޔަކު ބާކީކޮށްގެން ޤައުމު ކުރިއަކަށް ނުގެންދެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި އެހީތެރިކަން ބޭނުންވާ، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް އަޅުގަނޑުމެން މަސައްކަތުގެ މާޙައުލުގައި އަދި ވަކިން ޚާއްޞަކޮށް މިފަދަ ފަރާތްތަކަށް ފޯރުކޮށްދެން އެބަޖެހޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިއޮތް ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ގާތްގަނޑަކަށް 35 ވަރަކަށް ފަރާތް ސްޓެލްކޯގައި މަސައްކަތް ކުރަމުންދޭ. އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް، އެފަރާތްތަކަށް ތިޔަބޭފުޅުން އެހީތެރިވުން. އޯގާތެރިވުން، އަޅައިލުން، ދަސްކޮށްދިނުން. އެނގިވަޑައިގަންނަވާނެ، ފުރާފުރިހަމަވެ ހުންނައިރުވެސް އެއްވެސް މީހަކީ އެންމެ ފުރަތަމަ ދުވަހު މަސައްކަތަށް ނުކުންނައިރު އެންމެ މޮޅު މީހަކަށްނުވޭ. އަޅުގަނޑުމެން ދުނިޔެއަށް އުފަންވަނީކީ މާގިނަ ޓެލެންޓްތަކަކާ އެކުގައެއްނޫން. އަޅުގަނޑުމެންނަށް ދަސްވާކަމެއް މި ދަސްވަނީ ހަމަފަހުން. ޚާއްޞަކޮށް މަސައްކަތުގެ މާޙައުލުން އަޅުގަނޑުމެންނަށް ދަސްވަނީ ވަރަށްގިނަ ކަންތައްތައް. އެ ކަންތައްތައް ދަސްވަނީ އަޅުގަނޑު ކުރިން ދެންނެވިފަދަ ޓީމެއް، ވަރކްފޯސްއެއް އޮވެގެން، އެކަކު އަނެކަކަށް އެހީތެރިވެދީގެން. އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ޚާއްޞަކޮށް ސްޓެލްކޯގެ މުވައްޒަފުން އަދި ހުރިހާ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ މިފަދަ ފަރާތްތަކަށް މަސައްކަތުގެ މާޙައުލުގައި ލިބިދޭންޖެހޭ ރައްކާތެރިކަމާއި، އެހީތެރިކަމާއި، ފަސޭހަކަން ތިޔަބޭފުޅުން ހޯއްދަވައި ދެއްވާށޭ.

އާދެ، ވަރަށް ދަން ގަޑިއަކަށްވެސް ވެފައިވުމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ކުރުކޮށްލެވޭތޯ ބަލާނަން. އެހެންނަމަވެސް، ހަމަ ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ ޤައުމުގައި، އެހެނިހެން މުޖުތަމަޢުތަކުގެ ތެރޭގައިވެސް ހުންނަ މައްސަލަތައް އެބަހުރި. ޚާއްޞަކޮށް އިޖުތިމާޢީގޮތުން އަޅުގަނޑުމެންނަށް މިއަދު ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް އަޅުގަނޑުމެންނަށް ޙައްލުކުރެވެން އޮތީވެސް، އެންމެން އެކުގައި މަސައްކަތްކޮށްގެން. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، މިގޮތުން މަސްތުވާތަކެތީގެ ވަބާ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޒުވާނުންގެ ވަރަށްބޮޑު ބަޔަކަށް މީގެ އަސަރުކޮށްފައި މިވަނީ. އަޅުގަނޑުމެން މުޅި ޤައުމު އެކީ ހުރިހާ އެންމެން އެކީ މަސައްކަތްކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދީ އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި. މި ފުރުޞަތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ސްޓެލްކޯއިން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަން މުޖުތަމަޢަށް މި ފަރާތްތައް ގެނެސް، މަސައްކަތް ދަސްކޮށްދީގެން، ވަޒީފާދީގެން، އެ ފުރުޞަތުތައް ހޯދައިދެން. މިއީ އަޅުގަނޑުމެންގެ ހުރިހާ ކުންފުނިތަކުންވެސް ކުރަންޖެހޭނެ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ހަމަ ދަންނަވައި އެވާހަކަ ތިޔަބޭފުޅުންނާ ހަމަ ޙިއްޞާކޮށްލަން.

އާދެ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ދިމާވާ މައްސަލައެއް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް. މުޅި ރާއްޖޭގައި ވަރަށް ހިތާމަވެރި ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުންދަނީ. މިއަހަރު މިހާތަނަށް 1150އަށްވުރެ ގިނަ އެކްސިޑެންޓްވަނީ ރާއްޖޭގައި ހިނގާފައި. ކޮންމެވެސް މީހެއްގެ އިހުމާލުން ފަރުވާކުޑަކުރެވުމުން ނުވަތަ ބަލަންޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން މި ބާވަތުގެ ކަންތައްތައް އަޅުގަނޑުމެންނަށް ދިމާވަނީ. މިއީކީ ބަލިމަޑުކަމެއް ނޫން. މިއީ، އަޅުގަނޑުމެން ފަރުވާތެރިވެގެން މަގުމަތީގައި ދުއްވުމާއި ކަންތައްތައް ކުރުމުގައި އުޅެފި ކަމަށްވަންޏާ ސަލާމަތްވެވޭނެކަމެއް. ވަރަށްގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏަކަށްވުމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ތިޔަބޭފުޅުންވެސް މިކަންކަން ހުއްޓުވުމަށްޓަކައި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށްޓަކައި ވީހާވެސް ބޮޑަކަށް މަސައްކަތްކޮށްދެއްވާށޭ. މިއީ، ޙަޤީޤަތުގައި ޤައުމަށް ދިމާވެފައި އޮތް ވަރަށްބޮޑު މައްސަލައެއް. މިކަމުން ސަލާމަތްވެވޭނީ ކޮންމެ މީހަކުވެސް، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާ އަދާކޮށްގެން.

އާދެ، އަޅުގަނޑަށް ހީވަނީ އަޅުގަނޑު ނިންމާލުމުގެ ކުރިން ފާހަގަކޮށްލަން ޖެހޭނެހެން، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ ވަރަށް ދަތި ދުވަސްތަކެއް. ޚާއްޞަކޮށް ވޭތުވެގެންދިޔަ 2 އަހަރު ދުވަހަކީ ވަރަށް ދަތި އުނދަގޫ އަދި ދިވެހި ރައްޔިތުން ވަރަށްގިނަ ކަންތައްތަކެއް ތަޙައްމަލުކުރި ދުވަސްތަކެއް. އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ލެއްވި ނަސީބެކޭ މިއަދު އަޅުގަނޑުމެންގެ ޒަޢާމަތުގައި މި ހުންނެވި ރައީސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވިކަން. އާދެ، ޤައުމު އަމާން ބަނދަރަކަށް ގެންދެވުމަށްޓަކައި އެމަނިކުފާނު އެކުރެއްވި ޙިކުމަތްތެރި މަސައްކަތަކީ އެއީ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެކަމުގެ އަގު ވަޒަންކޮށް އެމަނިކުފާނަށް ޝުކުރު އަދާކުރަންޖެހޭނެ ކަމެއްހެން. ޝުކުރިއްޔާ! ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ދަންނަވާލަން، މީހުންނަށް އޯގާތެރިވުމަށާއި، މީހުންނަށް އަޅައިލުމަށާއި، އެ ކުލުނު އަޅުގަނޑުމެންގެ ހިތުތެރޭގައި އަބަދުވެސް ބާއްވަން އެބަޖެހެއޭ. މީހުންގެ އަގު ވަޒަންކޮށް، މީހުންނަށް އަބަދުވެސް ހެޔޮގޮތްތައް ކިޔައިދިނުމަކީ، އެއީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޒިންމާއެއްގެ ގޮތުގައި ދެކި، މި ދެންނެވިގޮތަށް އެހީތެރިވުމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑަށް މިއަދު މިކަމުގައި ބައިވެރިވެވުނީތީ އަޅުގަނޑު ވަރަށް އުފާކުރަން. ދެން އަޅުގަނޑާ ގުޅޭގޮތުން ވަރަށް ހެޔޮ ބަސްކޮޅެއް ވިދާޅުވެ ދެއްވީ. ދެން އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއް އަޅުގަނޑުމެން ކަންތައްތައް ރަނގަޅަށްކުރަން މަސައްކަތް ކުރުން. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް އަދިވެސް އެންމެ ރަނގަޅަށް ކަންތައްތައް ނުކުރެވޭކަމަށް. މިއަށްވުރެވެސް ރަނގަޅަށް ކަންކަން ދަސްކޮށްގެން އަޅުގަނޑަށްވެސް އަދި މަސައްކަތް ކުރެވޭނެކަމަށް.

އާދެ، އަޅުގަނޑުގެ އުންމީދަކީ، ސްޓެލްކޯގެ ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގައި އަބަދުވެސް ކާމިޔާބު ލިބިގެންދިޔުން. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނަށް ފާގަތި، އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި. ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.