بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް، އެކެޑަމީގެ ރައީސް އަޖްފާން، އަދި ހުރިހާ ކުދިންގެ ބެލެނިވެރިން، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި މުބާރާތުގައި ބައިވެރިވާ ކުދިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މިފަދަ މުހިންމު ކަމެއް، މިފަދަ މުބާރާތެއް އޯގަނައިޒް ކުރެއްވި ކަމަށްޓަކައި ބެޑްމިންޓަން އެކެޑަމީގެ ރައީސް އަޖްފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު ހަމަ ބެލެނިވެރިންނަށް ދަންނަވާލަން ބޭނުންވަނީ، މިއީ ވަރަށް މުހިންމު ކަމެކޭ. ޚާއްޞަކޮށް، ތުއްތުކުދިންގެ ހެދިބޮޑުވުމަށްވެސް، އަދި ކިޔެވުމަށްވެސް މި އުމުރުގައި މިގޮތަށް ޚާއްޞަކޮށް، ކުޅިވަރުގެ މައިދާނުގައި ހޭދަކޮށްލެވޭ ވަގުތުތަކަކީ، މިއީ ވަރަށް މުހިންމު ވަގުތުތަކެއް. އަޅުގަނޑުމެންވެސް ކުޑައިރު ޙަޤީޤަތުގައި، އުމުރުން 6 އަހަރު، 7 އަހަރު، 8 އަހަރުގައިވެސް އުޅުނީ ގާތްގަނޑަކަށް ހަމަ ކުޅިވަރުތަކުގައި، ވަރަށް ބޮޑަށް ކުޅެން.

އެދުވަހު ތަފާތު. އަޅުގަނޑުމެންނަކީ، މިއީ މާލޭ އުފަން މީހުންނަށް ނުވުމުން، ރަށްރަށުން އައިސްފައި ވަރަށް އެކަނިވެރިގޮތަކަށް އަޅުގަނޑުމެން މުޅިން ވަގުތުތައް ހޭދަކުރަންޖެހުނީ، ބޮޑަށް ރަށްޓެހިންނާއެކީ. އެހެންނަމަވެސް، ކުޅިވަރުގެ މައިދާނުން އަޅުގަނޑުމެންނަށް އެނގުނު ކަންތައްތައް، ދަސްވި ކަންތައް، މިއަދާ ހަމައަށްވެސް ހަނދާން އެބަހުރި. އޭރު ލިބުނު ރަށްޓެހިންނާއި، އެ ދަސްވި ކަންކަމަކީ، މިއަދާ ހަމައަށް އައުމުގައިވެސް، އަޅުގަނޑަށް ހަމަގައިމުވެސް އެންމެ ބޮޑަށް ފައިދާކުރި ކަންތައް.

އެނގިވަޑައިގަންނަވާނެ، ކުޅިވަރުގެ ރޮނގުން މިހާރު ދިވެހިރާއްޖެއަށް އަދި ބެޑްމިންޓަނަށް އަޅުގަނޑުމެން ބަލައިލައިފި ކަމަށްވަންޏާ، ޚާއްޞަކޮށް، މިދިޔަ އަހަރުތަކުގައިވެސް ވަރަށް ރަނގަޅު ރަން ވަނަތަކެއް ހޯދައިދެވިފައި އެބަވޭ. އަޅުގަނޑުމެން ގަބޫލުކުރަނީ ހަމަ މިއިން ކޮންމެ ކުއްޖަކީވެސް އިރާދަކުރެއްވިއްޔާ، ރާއްޖެއަށް ރީތި ރަން ވަނަތަކެއް ހޯދައިދޭ ކުދިންނަށް ވެގެންދިޔުން. އެއަށްވުރެ ބޮޑަށް ކުދިންނަކީ، މުޖުތަމަޢުން އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކުދިންނަށްވުން. ކުޅިވަރުގެ މައިދާނަށް އެ ދެވޭ ވަގުތުތަކަކީ، އެއްގޮތަކަށްވެސް ގެއްލިގެންދާ ވަގުތުތަކެއް ނޫން. އެހެންވީމާ، އެވާހަކަ އަޅުގަނޑު ހަމަ ދަންނަވާލާފައި އަޅުގަނޑު އެދެނީ ހުރިހާ ކުދިންނަށްވެސް ކާމިޔާބު ލިބުން، ކުޅިވަރުގެ މައިދާނުގައްޔާއި، ކިޔެވުމުގައްޔާއި އަދި އެކުއުޅުމުގައި.

އެނގިވަޑައިގަންނަވާނެ، ސަރުކާރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަރަށް ބޮޑު އިސްކަމެއް ދެއްވާ، ތުއްތުކުދިންގެ ހެދިބޮޑުވުމާ، މިކަންތައްތަކަށް. ޚާއްޞަކޮށް، ކުޅިވަރަށާއި، ކުދިންގެ ހެލްތަށާއި، ވެލްބީންގއަށް ވަރަށް ބޮޑު ސަމާލުކަމެއް މިއަދު އެބަދެވޭ.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންއެކީ މިކުރާ މަސައްކަތްތަކުން، ޚާއްޞަކޮށް، ޖަމުޢިއްޔާތަކާއި ސަރުކާރާ ގުޅިގެން ކުރެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވި، އަޅުގަނޑުމެން އެންމެ ބޭނުންވާފަދަ ކުދިންތަކެއް މާދަމާ ލިބޭނެ ކަމަށް. އެންމެ ބޮޑު ސަމާލުކަމެއް، އިސްކަމެއް އަޅުގަނޑުމެން ދޭންޖެހޭ ކަމަކީ، އެކުގައި އުޅުމަށް. ޤައުމެއްގައި ރައްޔިތުން އެކުގައި ސުލްޙަވެރިކަމާއެކު، އެކުއެކީގައި އުޅެވޭނެގޮތަށް އަޅުގަނޑުމެން އެންމެންގެ ވިސްނުން އަމާޒު ކުރުމަކީ، އެއީ އަޅުގަނޑުމެންނަށް އަބަދުވެސް އެންމެ މުހިންމު ކަންތައް.

ހުރިހާ ތުއްތުކުދިންވެސް، ހުރިހާ ކުދިންވެސް ވަރަށް ރަނގަޅަށް މޮޅަށް ކުޅެން އަޅުގަނޑު އެދެން. ކޮންމެ ކުއްޖަކުވެސް ވެގެންދާނީ މޮޅު ކުޅުންތެރިޔަކަށް. ވަރަށް ބޮޑަށް މަރުޙަބާ ހުރިހާ ކުދިން. ޝުކުރިއްޔާ އަޅުގަނޑަށް މި ފުރުޞަތު ލިބުނީތީވެ.

އަޅުގަނޑުގެ އުންމީދަކީ މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށްވެ، ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، ހުއްޓުމެއްނެތި މިފަދަ މުބާރާތްތައް ކުރިއަށް ގެންދިޔުމުގެ މަގު ފަހިވެގެންދިޔުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.