ލިސްބަންގައި ކުރިޔަށްދާ މި އަހަރުގެ އ.ދ.ގެ އޯޝަން ކޮންފަރެންސްގައި، ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުތައް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން، އަދި ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި، 5 ވަނަ އިންޓަރެކްޓިވް ޑައިލޮގުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވާހަކަފުޅު ދައްކަވައިފިއެވެ.

މި ޖޫން މަހުގެ 27 އިން ޖުލައި 1 އަށް ޕޯޗުގަލްގެ ލިސްބަންގައި ކުރިޔަށްދާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2022ގައި މިނިސްޓަރ ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

މިނިސްޓަރ ޝައުނާ ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި ކަނޑުގެ ސަތަޙަ ބޮޑު ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް ރިއާޔަތްކޮށް "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް"އެއް ކަނޑައެޅިފައި އޮތުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ކަނޑުތަކުގެ ދިރުންތަކަށް ބަރޯސާވާ އިޤްތިޞާދުތައް ހަރުދަނާކުރުމަށް ދިގުމުއްދަތެއްގައި ކަންކަން ފަސޭހަކޮށްދީ، އެހީތެރިވެވޭނެ ގޮތްތަކަށް ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި އިންޓަރެކްޓިވް ޑައިލޮގްގައި މިނިސްޓަރ ޝައުނާ ވަނީ ދިވެހިރާއްޖެވެސް ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ލިބޭ އާމްދަނީއާ އަދި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 60 އިންސައްތަ ގުޅިފައި ވަނީ ކަނޑުގެ ދިރުންތަކާއިކަން މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރ ޝައުނާ ވަނީ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ މިއަދުގެ ލީޑަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ވެސް ފާހަގަކުރައްވާފައެވެ.