މުޙައްމަދު އިސްމާޢީލްފުޅު ލިޔުއްވާފައިވާ "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާ ކުރައްވައިފިއެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިފޮތުގެ މުޞައްނިފާ ބައްދަލުކުރައްވައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތަކީ ނައިފަރާ އަދި ރާއްޖޭގެ އެހެން ރަށްރަށާވެސް ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ، އަދި ވަރަށް ބޭނުންތެރި ފޮތަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެ ފޮތުގެ މުޞައްނިފުގެ މަސައްކަތަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

މުޙައްމަދު އިސްމާޢީލްފުޅު ލިޔުއްވާފައިވާ "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" މި ފޮތުގައި ނައިފަރާއި އަދި ރަށްފުށުގައި ދިވެހިންގެ ތެރޭގައި ކުރީގައި ހުރި ބައެއް އާދަކާދަތަކަށް ބަލާލާފައިވެއެވެ. އަދި ބައެއް އާދަކާދަތައް ފެށިގެން އައި ގޮތާއި އެކަންކަން ފަހުން ބަދަލުވެގެން ދިޔަގޮތުގެ މައްޗަށް ވެސް މި ފޮތުގައި އަލިއަޅުވާލާފައިވެއެވެ.