ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤެކެވެ. މިގޮތުން އެމީހަކު ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ޙައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައެވެ. ނޫސްވެރިންނަށް ލިބޭ މަޢުލޫމާތުގެ މަސްދަރުތައް ޙިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މަޢުލޫމާތެއް ލިބުނުގޮތް ދެނެގަނެވޭނެ ޤާނޫނީ ގޮތްތަކެއް އޮވެއެވެ. އޭގެ ތެރޭގައި، ޢަދުލު އިންޞާފުގެ މަޞްލަޙަތާއި، ޤައުމީ ސަލާމަތާއި، ފިތުނަފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަޞްލަޙަތު އިސްކުރާ ކަންތައްތައް ހިމެނެއެވެ.

މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، އިންޓަރނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1966) ގައި، 19 ސެޕްޓެންބަރު 2006 އިން ފެށިގެން ދިވެހިރާއްޖެއިން ބައިވެރިވެފައިވާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު، އޭގެ ތެރޭގައި ހުރިހާ ބާވަތެއްގެ މަޢުލޫމާތު ހިމެނޭހެން މަޢުލޫމާތު ހޯދައި ލިބިގަތުމާއި، އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ އާޓުގެ ޛަރީޢާއިން، ނުވަތަ އެމީހަކު އިޚްތިޔާރުކުރާ މީޑިއަމެއް މެދުވެރިކޮށް، ހިފެހެއްޓުމެއް ނެތި، މަޢުލޫމާތު ފެތުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވެއެވެ. އެހެންނަމަވެސް، އެ ޙައްޤުގެ ބޭނުން ހިފުމުގައި، ޚާއްޞަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭނެކަން އެ މުޢާހަދާގައިވެސް ބަޔާންކޮށްފައިވެއެވެ. މި މުޢާހަދާގެ 19 ވަނަ މާއްދާގެ (3) ގައިވާ ގޮތުގެ މަތިން، މި ޙައްޤުތައް ބޭނުންކުރުމުގައި، ވަކި މިންވަރެއްގެ ހިފެހެއްޓުންތަކެއް ހިމެނިފައި ވަނީ، ކޮންމެހެން ބޭނުންވާ މިންވަރަށް އަދި ވަކި ޝަރުޠުތަކަކާއެކު، ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، އެހެން މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަބުރު ރައްކާތެރިކުރުމަށް، ނުވަތަ ޤައުމީ ސަލާމަތަށްޓަކައި ނުވަތަ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ނުވަތަ އާންމު އަޚްލާޤު ރައްކާތެރިކުރުމަށްޓަކައެވެ.

ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސް (1950) އަކީވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ލިބިދީފައިވާ މުޢާހަދާއެކެވެ. އެހެންނަމަވެސް، ދީމިޤްރާޠީ މުޖުތަމަޢަކަށް ބޭނުންވާނެ ދަރަޖައަށް ރިޢާޔަތްކޮށް، ޤާނޫނުގައި ކަނޑައަޅާ ޝަރުޠުތަކަކުން، ނުވަތަ އަދަބުތަކަކާއެކު، މި ޙައްޤު ވަކި މިންވަރަކަށް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، މި މިންވަރަށް ހިފެހެއްޓުމުގައި ރިޢާޔަތްކުރާނެ ކަންކަމުގެ ތެރޭގައި، ޤައުމީ ސަލާމަތް ރައްކާތެރި ކުރުމާއި، ސަރަޙައްދީ މަޞްލަޙަތަށް އިސްކަން ދިނުމާއި، އާންމު މަޞްލަޙަތާއި، ފިތުނަވެރިކަމާއި ކުށް ހުއްޓުވުމާއި، ޞިއްޙަތު ރައްކާތެރިކުރުމާއި، އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމާއި، މީހުންގެ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމާއި، އިތުބާރުހުރި ފަރާތްތަކުންދޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ޝަރުޢީ ދާއިރާގެ ބާރާއި މުސްތަޤިއްލުކަން ދެމެހެއްޓުން ހިމެނެއެވެ.

40 އަހަރަށްފަހު ފާސްކުރެވުނު ހެއްކާބެހޭ ޤާނޫނު އެކުލަވައިލުމާއި ދިރާސާ ކުރުމުގެ މަރުޙަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާއެކު ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދާފައިވެއެވެ.

ޤާނޫނު ނަންބަރު 2022/11 (ހެއްކާބެހޭ ޤާނޫނު) ގެ 136 މާއްދާގެ (ހ) ގައި، ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މަޢުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރުން މަނާކޮށްފައި ވަނީ، މަޢުލޫމާތު ދިން ފަރާތް ސިއްރުކުރުމުގެ ވަޢުދެއް، ނުވަތަ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް، ނޫސްވެރިޔާ މަޢުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ، އެ މަޢުލޫމާތެއް ދިން ފަރާތުގެ ރުހުމާ ނުލައި އެ މަޢުލޫމާތެއް ދިންފަރާތް ހާމަނުކުރެވޭ ގޮތަށެވެ. މި ޤާނޫނުގައި މި އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވެއެވެ. އެއީ، ނޫސްވެރިޔާ ހާމަކުރާ މަޢުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މަޢުލޫމާތެއްކަމަށް ވުމެވެ.

މިދެންނެވި ފަދަ މަޢުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް، މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓުއަމުރަކުން ދެވޭނީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިޢާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމައެވެ. މިގޮތުން، މި މާއްދާގައި މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވެއެވެ. އެ ކަންކަމަކީ:
1. ޓެރަރިޒަމްގެ ކުށެއް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން؛
2. ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތްކަމެއްކަން؛
3. ނޫސްވެރިޔާ މަސްދަރު ހާމަނުކުރުމުގެ މަޞްލަޙަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަޞްލަޙަތު މާބޮޑު ޙާލަތެއްކަމަށް އެ ޙާލަތުވާކަން؛
4. ނޫސްވެރިޔާ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ޙުކުމެއްކޮށް ނުޙައްޤު އަދަބެއް ލިބުމުގެ ފުރުޞަތު ބޮޑުކަން؛
5. ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިއްމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން؛
6. ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާ އަދާކުރާ ތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެންހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު އެނގިފައި ނުވާކަން؛
7. ނޫސްވެރިޔާ މަސްދަރާ ހަވާލާދީ ހާމަކުރި މަޢުލޫމާތަކީ އޭގައި އެއްވެސް އަސާސެއް އެކުލެވިގެން ނުވާ މަޢުލޫމާތެއްކަން އެނގެން އޮތް މަޢުލޫމާތަކަށް އެ މަޢުލޫމާތު ނުވާކަން؛
8. ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ، ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަޤުޞަދުގައި ނޫންކަން.

ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، އިސްވެ ބަޔާންކުރެވުނު ހުރިހާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވެއެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވެއެވެ. 

ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަމެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ވާހަކަ ދެންނެވީމެވެ.