ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މީޑިޔާއާ ބައްދަލުކުރައްވައި، ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ. މީޑިޔާއާ ބައްދަލުކުރައްވައި މި ބަޔާން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައެވެ.

ގުޅިފައިވާ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ދެމެދު އޮތް އެތައް ގަރުނެއްވީ އެކުވެރި ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ އެކިއެކި މުޢާމަލާތްތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަންވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ބޭފުޅުން ވަނީ މިހާރު ކުރިޔަށްދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިތުރު ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

މިއަދު ކުރިޔަށްދިޔަ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޢަމަލީ މަސައްކަތް ފެށުމާއި، 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވައި، މިއީ ދެ ޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ހެކިކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ކްރެޑިޓް ފަންޑިންގއެއް ދިނުމަށް އެއްބަސްވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެހެންމެ، އެމަނިކުފާނު ވަނީ ހައްދުންމަތީ ގަމުގައި އަޅާ ކެންސަރ ހޮސްޕިޓަލާއި ހަނިމާދޫ އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢު ފަދަ މުހިންމު މަޝްރޫޢުތައް، ބާރު ސްޕީޑުގައި ނިންމުމަށް މަގުފަހިވާގޮތަށް އިންޑިއާ ސަރުކާރުން އިތުރު އެހީތެރިކަން ދިނުމަށް ނިންމަވާފައިވާތީ އެކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއް ނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަންވެސް ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. ކޯވިޑް-19 އިން ލިބުނު ފިލާވަޅުތަކުގެ އަލީގައި، އެފަދަ ކަންކަމުން ކުރިމަތިވެދާނެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމަށް ފައިދާހުރި އަދި ގުޅިގެން ކުރިޔަށްގެންދެވޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް އިންޑިއާގެ އިންވެސްޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީޑިޔާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީ.ޑީ.އާރު.އައި)، އިންޓަރނޭޝަނަލް ސޯލާ އެލަޔަންސްގައި ބޮޑުވަޒީރު މޯދީ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، 2070 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން އެމިޝަނަށް ވާޞިލުވުމަށް އިންޑިއާއިން ވެފައިވާ ވަޢުދަށް މަރުޙަބާ ވިދާޅުވެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ވެސް ވަނީ ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު ނެޓް ޒީރޯ އަށް ވާޞިލުވުމަށް ވަޢުދުވެފައިވާތީ އެކަމަށް ތައުރީފުކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިފާޢީ ދާއިރާއިން ދެޤައުމުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެވަނަ ލޭންޑިންގ އެސޯލްޓް ކްރާފްޓަކާއި، ސީ.ޖީ.އެސް ހުރަވީ ބަދަލުގައި އެހެން އުޅަނދެއް ދިވެހި ސިފައިންނަށް ދެއްވުމަށާއި އަދި 24 ޔުޓިލިޓީ ވެހިކަލް ދިވެހި ސިފައިންނަށް ހަދިޔާކުރުމަށް އިޢުލާނު ކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ޙަޤީޤީ ރަޙްމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމާއި މި ސަރަޙައްދުގެ ޞުލްޙައާއި ތަރައްޤީއަށް ދެޤައުމުންވެސް ގެންގުޅޭ ތަޞައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.