ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަދު ފަށްޓަވައި ދެއްވައިފިއެވެ. ބްރިޖްގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ތަނބުގެ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވީ، ދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅު ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ތިއްބަވައިގެން ވާޗުއަލްކޮށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށުމަށް، ދިއްލީ އާއި މާލޭގައި އެއްވަގުތެގައި ވަނީ ދެ ރަސްމިއްޔާތު ބާއްވާފައެވެ. އަދި ދިއްލީއަށް މާލޭގެ މަންޒަރުތައް ވަގުތުން ފޮނުވާފައި ވެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިމަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމްބޭންކުންދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓާއި އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ.

ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، މޯލްޑިވްސް-އިންޑިއާ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި ގުޅޭ ވީޑިއޯއެއްވެސް ދައްކާފައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ 4000 ހައުސިންގ ޔުނިޓްއެޅުމުގެ މަޝްރޫޢުގެ މައުލޫމާތުވެސް އެވީޑިއޯގައި ހިމަނާފައިވެއެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ ޢުމުރާނީ ތަރައްޤީގައި މުހިއްމު ބައިވެރިއަކަށް ވާއިރު، އިންޑިއާގެ އެހީގައި ރާއްޖޭގައި މުހިއްމު ބޮޑެތި މަޝްރޫޢުތައް ހިންގިފައި ވާއިރު، މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދެއެވެ. މިދައުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައި ވާއިރު، މިހާރުވެސް ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ