بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ރާއްޖޭގައި ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތައް އާލާކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި، ސިޔާސީ ޕާޓީތަކަށާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ދައުލަތެއްގެ ޢާންމު ރައްޔިތުންނާއި އެ ދައުލަތެއްގެ ސަރުކާރާ ދެމެދު، ދެފަރާތުގެ މަޞްލަޙަތު ވެސް ރައްކާތެރިކުރެވޭނެ ގޮތަށް، މުޢާމަލާތުކޮށްދޭ އޮނިގަނޑަކީ ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތަކެވެ. ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގާނޭ މީހުން ކަނޑައެޅުމުގެ ބާރު، ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ލިބެނީ ޢާންމު ރައްޔިތުންނަށެވެ. ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު، ރައްޔިތުންގެ މަޞްލަޙަތާ އެއްގޮތަށް އެ ދައުލަތެއްގައި ވެރިކަން ކޮށްދިނުމަކީ، ޑިމޮކްރެޓިކް ސަރުކާރެއްގެ އެންމެ އިސް ވާޖިބެވެ.

ޑިމޮކްރެސީގެ ހަމަތަކާއި މަބްދައުތައް ނަގަހައްޓައި ކުރިއެރުވުމުގެ މަޤްޞަދުގައި، ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އ.ދ. މަޖިލީހުން ނިންމިތާ މިވީ 15 އަހަރުގެ ތެރޭގައި، ދުނިޔޭގެ ޤައުމުތަކުގައި ޑިމޮކްރެސީ ކުރިއަރުވައި އާލާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއެވެ. ޑިމޮކްރެސީއާ މެދު އާންމުން ހޭލުންތެރިކުރުމަށާއި، ބައެއް ޤައުމުތަކަށް ޑިމޮކްރެސީ ތަޢާރަފްކުރުމަށް، މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައި ވިޔަސް، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމުގައި، ދުނިޔޭގެ ފެންވަރުގައި އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ.

މާތް ﷲގެ ވާގިފުޅާއެކު، ދިވެހިން މިއަދު ތިބީ ޑިމޮކްރެސީއާ މެދު ވަރަށް ބޮޑަށް ހޭލުންތެރިވެފައެވެ. ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ޙިއްޞާއަކީ ކޮބައިކަން ދެނެތިބެ، ރައްޔިތުން އަންނަނީ އެ ޙިއްޞާ ލިބިގަންނަމުންނެވެ. ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށްވާއިރު، އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވެސް، އެކަށީގެންވާ ގޮތެއްގައި ކުރެވެމުން އެބަދެއެވެ. ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެވިއްޖެއެވެ.

ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކެވެ. އެ ބަދަލުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުވެއްޖެއެވެ. ހަމައެފަދައިން ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކުރިއަށް ވުރެ މާބޮޑަށް ތަނަވަސްވެއްޖެއެވެ.

މިބަދަލުތަކުން ނުކުތް އެންމެ ރަނގަޅު ނަތީޖާއަކީ، މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަޔާއި އަމާންކަން ފެތުރިގެން ދިއުމެވެ. ހަނގުރާމަތަކާއި، ޢަސްކަރީ ކޯޅުންތަކާއި، ނަސްލީ ވާދަވެރިކަމުގެ ކުރިމަތިލުންތަކުގެ ސަބަބުން، ދުނިޔޭގެ އެތައް ޤައުމެއްގެ ރައްޔިތުން މިހާރު ވެސް ތިބީ ޑިމޮކްރެސީގެ އެއްވެސް މަންފާއެއް ނުލިބި، އަސާސީ ޙައްޤުތަކުން މަޙްރޫމުވެ ބިކަވެފަ އެވެ. ޑިމޮކްރެސީ އާއި ޞުލްޙަޔަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށްވާއިރު، ޑިމޮކްރެސީ ދެމެހެއްޓުމަކަށްޓަކައި، ޞުލްޙަވެރިކަން އޮތުން ވަރަށް މުހިންމެވެ. އަދި ޞުލްޙަޔާއި ހަމަޖެހުން އޮތުމަށްޓަކައި، ޑިމޮކްރެސީ ހަރުދަނާކުރުން އެހާމެ މުހިންމެވެ.

ވަރަށް ހަލުވި ބަދަލުވުންތަކެއްގެ ތެރޭގައި އޮތް މުޖްތަމަޢެއްގައި، މިނިވަން ޤައުމެއްގެ ގޮތުގައި އަޑު އުފުލަމުން އަންނައިރު، އަޅުގަނޑުމެންގެ ޑިމޮކްރެސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާއި ހުރަސްތަކަށް، ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާންޖެހެއެވެ. އޭގެ ތެރެއިންވެސް މިއަދު ދުނިޔޭގެ ގިނަ ޤައުމުތައް ތަޖުރިބާކުރަމުންދާ އެންމެ ބޮޑު ނުރައްކަލަކީ، ދިވެހިރާއްޖެވެސް ތަޖުރިބާކުރަން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކެވެ. ޓެރަރިޒަމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަން ވަކިން ކުޑައެއް ނޫނެވެ. މިއިން ކޮންމެ ކަމަކުން ދިވެހިރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ފަރުދީ އަދި ޖަމާޢީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، މުޅި ދައުލަތުގެ ޒިންމާއެކެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރައްޔިތުންގެ މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ހެޔޮ ތައުފީޤާއި މަދަދު ދެއްވުމެވެ. ދިވެހިރާއްޖެއަކީ، ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންގެ މަޞްލަޙަތާ އެއްގޮތަށް ދައުލަތުގެ އެންމެހައި ކަންކަން ތަރުތީބުވެފައިވާ ޤައުމެއްގައި ކަމުގައި ލައްވައި، ދިވެހީންގެ މެދުގައި ޞުލްޙަޔާޢި އަމާންކަން ދަމަހައްޓަވާށިއެވެ. އާމީން.